ސިއްހަތު

ކޮވިޑް-19: ބަލި މީހުންނަށް ވިޓަމިން ސީ ދެނީ!

ނިއުޔޯކް ސްޓޭޓްގެ އެންމެ ބޮޑެތި ހޮސްޕިޓަލުތަކުގައި ތިބި ކޮރޯނާވައިރަސްގެ ސަބަބުން ހާލު ބޮޑުވެފައިވާ ބަލި މީހުންނަށް އެ ހޮސްޕިޓަލްތަކުން މަތީ ޑޯޒްތަކުގެ ވިޓަމިން ސީ ދެމުންދާ ކަމަށް ވޮޝިންޓަން ޕޯސްޓުން ބުނެފި އެވެ. ކޮވިޑް-19 އިގެ ބަލި މީހުންނަށް ގިނަ އަދަދެއްގެ ވިޓަމިން ސީ ދެނީ ޗައިނާއިން ކޮރޯނާވައިރަސް މައިތިރި ކުރީ ބަލި މީހުންނަށް ގިނަ އަދަދަކަށް ވިޓަމިން ސީ ދީގެން ކަމަށް އެ ގައުމުން ރިޕޯޓް ކޮށްފައިވާތީ އެވެ.

ލޯންގް އައިލެންޑްގެ މަޝްހޫރު ދެ ހޮސްޕިޓަލެއްގެ ފުއްޕާމޭގެ ޚާއްސަ ޑޮކްޓަރު އަދި ކްރިޓިކަލް ކެއާ ސްޕެޝަލިސްޓް ޑރ. އެންޑްރޫ ޖީ.ވެބާ ވިދާޅުވީ ކޮރޯނާވައިރަސް ޖެހިގެން އިންޓެންސިވް ކެއާއަށް ލާފައި ތިބި އޭނާގެ ބަލި މީހުންނަށް މިހާރު 1،500 މިލިގްރާމް ވިޓަމިން ސީ އައިވީގެ ޒަރިއްޔާއިން ދެމުންދާ ކަމަށެވެ.

އަދި ބާރުގަދަ އެންޓީއޮކްސިޑަންޓްސް ވެސް ހަމަ މިއަދަދާ ދާދި އެއް މިންވަރަކަށް ދުވާލަކު ތިނެއް ނުވަތަ ހަތަރު ފަހަރު ދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެން ވިޓަމިން ސީގެ ކޮންމެ ޑޯޒަކީ ވެސް ނެޝަނަލް އިންސްޓިޓީއުޓް އޮފް ހެލްތުން ދުވާލަކަށް ކަނޑައަޅާފައިވާ މިންވަރަށް ވުރެ 16 ގުނަ އިތުރު މިންވަރެކެވެ. އެ އޮތޯރިޓީން ކަނޑައަޅާފައި ވަނީ ބޮޑެތި ފިރިހެނުންނަށް ދުވާލަކު 90 މިލިގްރާމް އަދި ބޮޑެތި އަންހެނުންނަށް ދުވާލަކު 75 މިލިގްރާމް ވިޓަމިން ސީ އެވެ.

ވޭބާ ވިދާޅުވީ މިގޮތަށް ވިޓަމިން ސީ ދެމުންދަނީ ޗައިނާގެ ޝަންހާއީގައި ކޮރޯނާވައިރަސް ޖެހުނު މީހުންނަށް ފަރުވާކުރަން މިގޮތަށް އަމަލު ކޮށްފައިވާތީ ކަމަށެވެ.

"ވިޓަމިން ސީ ގިނައިން ދިން ބަލި މީހުންގެ ސިއްހީ ހާލަތު ވިޓަމިން ސީ ނުދޭ މީހުންނަށް ވުރެ މާ ބޮޑަށް ވެސް ރަނގަޅުވި،" އޭނާ ވިދާޅުވި އެވެ.

ތޭވީސް ހޮސްޕިޓަލެއް އޮޕަރޭޓްކުރާ ނޯތުވެލް އިން ވާހަކަ ދެއްކި މީހަކުވެސް އެ ހޮސްޕިޓަލުތަކުގައި ވެސް ކޮރޯނާވައިރަހަށް ފަރުވާ ކުރުމުގައި ވިޓަމިން ސީ ދެމުންދާކަމަށް ބުނެފައި ވެއެވެ. ނަމަވެސް އޭނާ ބުނި ގޮތުގައި އެ ހޮސްޕިޓަލުތަކުގައި ވިޓަމިން ސީ ދެނީ ބަލި މީހާގެ ހާލަތަށް ބަލާފައި އެކި މީހުންނަށް އެކި ޑޯޒެވެ.

އެ ހޮސްޕިޓަލު ނެޓްވޯކްގައި ކޮރޯނާވައިރަސްގެ 700 އަށް ވުރެ ގިނަ މީހުންނަށް ފަރުވާ ދެމުން ދިޔަ ނަމަވެސް މީގެ ތެރެއިން ވިޓަމިން ސީ ދެނީ ކިތައް މީހުންނަކަށް ކަން ސާފު ނުވާ ކަމަށް ނިއުޔޯކް ޓައިމްސްގެ ރިޕޯޓުގައި ބުނެފައި ވެއެވެ.

ވިޓަމިން ސީ ދެނީ އެންޓި-މެލޭރިއަލް ބޭހެއް ކަމަށްވާ ހައިޑްރޮކްސިކްލޮރޮކުއިން އާއި އެންޓިބައޮޓިކެއް ކަމަށްވާ އެޒިތުރޮމައިސިން ފަދަ ބޭސް ތަކާ އެކުގަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ޓުވީޓެއްގައި މި ބޭސްތަކުގެ ވާހަކަ ވިދާޅުވުމުން ގިނަ ބަޔަކު ޖޯކަކަށް ހަދައިގެން އެ ވާހަކަ ދެއްކި ނަމަވެސް މިހާރު ބެލެވޭ ގޮތުގައި ޓްރަމްޕް ވިދާޅުވި ބޭސް ތަކަކީ ބޭސްވެރިކަމުގެ ތާރީޚުގައި ވެސް ފާހަގަކޮށްލެވޭ ވަރުގެ ހަގީގީ "ގޭމް ޗޭންޖާ" އަކަށް ވެދާނެ ކަމަށް ރިޕޯޓުގައި ވެއެވެ.

ވެބާ ވިދާޅުވީ ކޮރޯނާވައިރަސް ޖެހޭ މީހުން ސެޕްސިސްގެ ހާލަތަށް ވެއްޓޭއިރު އެމީހުންގެ ހަށިގަނޑުގައި ވިޓަމިން ސީ ހުންނަ މިންވަރު ހީނުކުރާ ވަރަށް ދަށްވެގެން ދެއެވެ. ސެޕްސިސް އަކީ އިންފެކްޝަނަށް ހަށީގަނޑު އޯވަރިއެކްޓް ކުރުމުން ހަށިގަނޑުގައި އުފެދޭ އިންފްލެމޭޓަރީ ރެސްޕޮންސެކެވެ.

ކޮރޯނާވައިރަސް ބަލިމީހުންނަށް އައިވީގެ ޒަރިއްޔާއިން ވިޓަމިން ސީ ދިނުމުން ކުރާ އަސަރުތައް ދެނެގަތުމަށް ކްލިނިކަލް ޓްރައަލް އެއް ފެށީ ފެބްރުއަރީ 14 ވަނަ ދުވަހު ޗައިނާގެ ވުހާންގެ ޒޮންގްނަން ހޮސްޕިޓަލުގަ އެވެ. މިއީ ކޮރޯނާވައިރަސް ފުރަތަމަ ފެށުނު ތަން ވެސް މެއެވެ. މި ޓްރަޔަލްގައި 140 މީހުން ބައިވެރިކޮށްފައިވާއިރު މި ޓްރަޔަލް ނިމޭނީ އަންނަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ.