ކުޅިވަރު

ދެބެން އެކުގައި ދުނިޔޭގެ ކުރީސަފަށް

ބެޑްމިންޓަން ވޯލްޑް ފެޑްރޭޝަން (ބީޑަބްލިއުއެފް) އެކުލަވާލާ ރޭންކިންގެ، އަންހެން ޑަބަލްސް ކެޓަގަރީގެ ގަދަ 100 އިގެ ތެރޭގައި ރާއްޖޭގެ ޑަބަލްސް ޕެއާ ކަމަށްވާ، ފާތުމަތު ނަބީހާ އަބްދުއް ރައްޒާގް އާއި އާމިނަތު ނަބީހާ އަބްދު ރައްޒާގް ހިމެނިއްޖެ އެވެ.

ބީޑަބްލިއުއެފްއިން މި ހަފުތާގައި ނެރުނު ރޭންކިން ލިސްޓްގައި، ނަބީހާ އާއި ނަބާހާގެ އެއްމާބަނޑު ދެބެން ހިމެނުނީ 93 ވަނައިގަ އެވެ. ނަބާހާ އާއި ނަބީހާ ހިމެނުނީ ބެޑްމިންޓަންގެ އޭޝިއާގެ ވަރުގަދަ ބާރެއްގެ ގޮތުގައި ބެލެވޭ ޖަޕާންގެ ނަޓްސޫ ސައިޓޯ ނަރޫ ޝިނޯޔާ ކުރީގަ އެވެ. ރޭންކިންގެ ދެ ވަނައިގައި އަދި ތިން ވަނައިގައިވެސް ހިމެނުނީ، ޖަޕާންގެ އެހެން ދެ ޕެއާ އެކެވެ.

ބެޑްމިންޓަންގައި އިންޑިއާގެ ރެޑްބުލް މުބާރާތް ކާމިޔާބު ކުރުމުން، އެ ގައުމުގެ މީޑިއާގެ ސަމާލުކަން ލިބުނު ދެ ޕެއާ ކަމަށްވާ ސިމްރާން ސިންހް ރިތިކާ ތަކޭރު ވެސް ހިމެނުނީ ނަބާހާ އާއި ނަބީހާގެ ފަހަތުންނެވެ.

ނަބީހާ އާއި ނަބާހާގެ ޕެއާ ވަނީ، މިދިޔަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޑަބަލްސް ކެޓަގަރީން ރިހި މެޑަލް ހޯދާފަ އެވެ. އަދި ނަބީހާ ވަނީ ސިންގަލްސް އިވެންޓުން ރަން މެޑަލް ހޯދާފަ އެވެ.