ރާއްޖެއިން ކޮވިޑް19 ގެ ނުރައްކާތެރިކަން ފިލައިގެން ނުދާ ކަމަށާ ރައްކާތެރިކަމަށްޓަކައި ސަރުކާރުން އަޅާފައިވާ ހުރިހާ ފިޔަވަޅުތަކަށް އާންމުން އިތުރަށް ސަމާލުކަންދީ ތަބާވުމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ގޮވާލައްވައިފި އެވެ.
ކޮވިޑް-19 އަށް ފުރަތަމަ ފަހަރަށް ރާއްޖޭގައި ދިވެއްސަކު ޕޮޒިޓިވްވެފައިވާކަން ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ކޮވިޑްއަށް ޕޮޒިޓިވްވެފައިވަނީ އުމުރުން 38 އަހަރުގެ ދިވެއްސެއް ކަމަށާ އެމީހަކީ އިނގިރޭސިވިލާތުން ރާއްޖެ އައި މީހެއް ކަމަށެވެ.
އިނގިރޭސި ވިލާތުން އައި ދިވެހި މީހާ ކަރަންޓީން ކޮށްފައިވަނީ މިމަހުގެ 22 ގައި ކަމަށާ ނަމަވެސް އޭރު އޭނާގެ ކިބައިން ކޮވިޑްގެ އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށެވެ. އެ މީހާގެ ކިބައިން ކޮވިޑްގެ އަލާމާތްތައް ފެނިފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. އަދި ބައްޔަށް ޕޮޒިޓިވްވެފައިވާކަން ޔަގީން ކުރެވުނީ މިއަދު އެވެ.
އެހެން ކަމުން ރާއްޖެއިން ބޭރުން އަންނަ ހުރިހާ ދިވެހިން ކަރަންޓީން ކުރަން ނިންމި ނިންމުގެ މުހިންމުކަން މިކަމުން ހާމަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ބަލީގެ ނުރައްކާތެރިކަން ފިލައިގެން ނުދާކަން އެއީ މިއަދު ގަބޫލުކުރަން ޖެހިފައިވާ ހަގީގަތެއް ކަމަށެވެ. އެހެން ކަމުން ހުރިހާ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް އެންމެންވެސް ތަބާވާން ޖެހޭ ކަމަށް ވިދާޅުވިއެވެ.
"ކަރަންޓީން ކުރުމުގެ މުހިންމު ކަމާ، ކަރަންޓީންގައި ތިބުމުގެ މުހިންމުކަމާ އަދި މި ބަލީގެ ނުރައްކާތެރިކަން ފިލައިގެން ނުދާކަށް އެއީ އަޅުގަނޑުމެން އެންމެން ގަބޫލުކުރަން ޖެހޭ ހަގީގަތެއް. ރާއްޖޭގައި މިއަޅާފައިވާ މުހިންމު ފިޔަވަޅުތައް އަޅާފައިމިވަނީ މުޅި އާބާދީ މިކަމުން ސަލާމަތް ކުރުމަށްޓަކައި. އެހެންވީމަ މާލޭގައިވެސް މާލެ ސަރަހައްދުގަވެސް އަދި އަތޮޅުތެރޭގަވެސް މިވަގުތު އަޅާފަމިހިރަ ފިޔަވަޅުތަކަށް ތަބާވެ، އަޅުގަނޑުމެން އެ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދަންނަވަން." މިނިސްޓަރު އަމީން ވިދާޅުވިއެވެ.
ކަރަންޓީން ކުރުމުގެ މުހިންމު ކަމާ، ކަރަންޓީންގައި ތިބުމުގެ މުހިންމުކަމާ އަދި މި ބަލީގެ ނުރައްކާތެރިކަން ފިލައިގެން ނުދާކަށް އެއީ އަޅުގަނޑުމެން އެންމެން ގަބޫލުކުރަން ޖެހޭ ހަގީގަތެއް. ރާއްޖޭގައި މިއަޅާފައިވާ މުހިންމު ފިޔަވަޅުތައް އަޅާފައިމިވަނީ މުޅި އާބާދީ މިކަމުން ސަލާމަތް ކުރުމަށްޓަކައި. އެހެންވީމަ މާލޭގައިވެސް މާލެ ސަރަހައްދުގަވެސް އަދި އަތޮޅުތެރޭގަވެސް މިވަގުތު އަޅާފަމިހިރަ ފިޔަވަޅުތަކަށް ތަބާވެ، އަޅުގަނޑުމެން އެ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދަންނަވަންއަބްދުﷲ އަމީން | ހެލްތް މިނިސްޓަރު
މިނިސްޓަރު ވިދާޅުވީ ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅަކީ ސިއްހީ މާހިރުންގެ އިރުޝާދާއެކު މުޅި މުޖްތަމައުގެ ރައްކާތެރިކަމަށްޓަކައި އަޅާ ފިޔަވަޅުތަކެއް ކަމަށެވެ. އަދި ރާއްޖެއިން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރަމުންދަނީ ރާއްޖެއަށް މި ބަލި އަތުވެދާނެ ކަމަށް ބަލައިގެން ކަމަށް އަމީން ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ރާއްޖެއަށް މި ބަލި ނާންނާނެ ކަމަށް ބަލައިގެނެއް ނޫން. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ރާއްޖެއަށް އަންނާނެ ކަމަށް، އަތުވެދާނެ ކަމަށް އަދި އަޅުގަނޑުމެންގެ ތެރޭގައި އަޅުގަނޑުމެންނަށް ނޭންގިވެސް މި ބަލި ޖެހިފައި ހުރި މީހަކު ހުރެދާނެ ކަމަށް ބަލައިގެން، އެހެންވެގެން މި ހުރިހާ ފިޔަވަޅުތައް މި އަޅަނީ. އަޅުގަނޑުމެންނަށް ނޭންގި މި ބަލި ރާއްޖޭގައި އުޅޭ ކަމަށްވާނަމަ ފާހަގަ ކުރެވޭނެ، ދެނެގަނެވޭނެ އަލާމަތްތައް އެބަހުރި އަޅުގަނޑުމެންގެ ތެރޭގައި ފާހަގަކުރެވިފައި." މިނިސްޓަރު އަމީން ވިދާޅުވިއެވެ.
އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ރާއްޖެއަށް މި ބަލި ނާންނާނެ ކަމަށް ބަލައިގެނެއް ނޫން. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ރާއްޖެއަށް އަންނާނެ ކަމަށް، އަތުވެދާނެ ކަމަށް އަދި އަޅުގަނޑުމެންގެ ތެރޭގައި އަޅުގަނޑުމެންނަށް ނޭންގިވެސް މި ބަލި ޖެހިފައި ހުރި މީހަކު ހުރެދާނެ ކަމަށް ބަލައިގެން، އެހެންވެގެން މި ހުރިހާ ފިޔަވަޅުތައް މި އަޅަނީއަބްދުﷲ އަމީން | ހެލްތް މިނިސްޓަރު
އަމީން ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ދަތިތަކެއް ދިމާވިނަމަވެސް މިއީ މުޅި ހަޔާތުގެ ރައްކާތެރިކަމަށްޓަކައި ކެތްތެރިވާންވީ ވަގުތު ކަމަށެވެ. އަދި މިވަގުތު ކެތްތެރިކަން އިސްކޮށް، ފިޔަވަޅުތަކަށް ތަބާވެއްޖެނަަމަ އެއީ މާދަމާގެ ރައްކާތެރިކަމަށްޓަކައި އެޅޭ ފިޔަވަޅަކަށް ވެގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އިލްތިމާސްއަކީ ހުރިހާ ރައްޔިތުންވެސް ކެތްތެރިކަމާއެކު، މިހިރަ އަޅާފައިވާ ފިޔަވަޅުތަކަށް ތަބާވުމަކީ މުހިންމު ކަމެކޭ. އަޅުގަނޑުމެން ސުކޫލްތައް ބަންދުކޮށް، އޮފީސްތައް ބަންދުކޮށް ހުރިހާ ހަރަކާތެއް މަދު މިކުރަނީ ގޭގައި މަޑުކުރުމުގެ ސަބަބުން ނޭންގި އަޅުގަނޑުމެންގެ ތެރޭގައި އެ ބަލި ހުރިނަމަވެސް އެ ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި." އަމީން ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ އިލްތިމާސްއަކީ ހުރިހާ ރައްޔިތުންވެސް ކެތްތެރިކަމާއެކު، މިހިރަ އަޅާފައިވާ ފިޔަވަޅުތަކަށް ތަބާވުން. އަޅުގަނޑުމެން ސުކޫލްތައް ބަންދުކޮށް، އޮފީސްތައް ބަންދުކޮށް ހުރިހާ ހަރަކާތެއް މަދުކޮށްގެން މިތިބީ ގޭގައި މަޑުކުރުމުގެ ސަބަބުން ނޭންގި އަޅުގަނޑުމެންގެ ތެރޭގައި އެ ބަލި ހުރިނަމަވެސް އެ ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައިއަބްދުﷲ އަމީން | ހެލްތް މިނިސްޓަރު
ކޮވިޑް19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ފަތުރުވެރިން ރާއްޖެ އައުން މަނާކޮށް ރިސޯޓްތަކުގެ އޮޕަރޭޝަންތައް ވަނީ ގާތްގަނޑަކަށް ހުއްޓާލާފައެވެ. އަދި ރިސޯޓްތަކުން ރަށްތަކަށް އަދި ރަށްތަކުން ރިސޯޓްތަކަށް ދަތުރުކުރުން މަނާކޮށްފައިވެއެވެ. މީގެ އިތުުރުން މާލެ ހިމެނޭ ސަރަހައްދުގައި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ބަންދުކޮށް، ގޭގައި ރައްޔިތުން ތިބުމަށް ވަނީ އަންގާފައެވެ. އަދި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވަގުތީ ގޮތުން ހުއްޓާލާ، ސަރުކާރުގެ އޮފީސްތަކާ، ސުކޫލްތަކުގެ ކިޔެވުންވެސް ވަނީ މެދުކަނޑާލާފައެވެ.