ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިޓަލީގެ ދެ މީހުން ތިބި ބޯޓު ކަރަންޓީން ކޮށްފި

ރާއްޖޭގައި 14 ދުވަހުގެ ކަރަންޓީންގައި ތިބުމަށް ފަހު ފުރި އިޓަލީގެ ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ދިވެހި ސަރުކާރުން އަންގާފައިވާތީ އެ މީހުން ދަތުރުކުރަމުން ދިޔަ ބޯޓް ރަޝިޔާގައި ކަރަންޓީން ކޮށްފި އެވެ. އެމީހުން ދަތުރުކޮށްފައި ވަނީ ރަޝިޔާގެ ގައުމީ އެއާލައިން އެއަރޯފްލޮޓުގެ ފްލައިޓެއްގަ އެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވެފައިވާ ދެ އިޓަލީ ފަތުރުވެރިން 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ފެސިލިޓީއަކަށް ބަދަލު ކުރި ކަމަށާއި އެ މުއްދަތަށް ފަހު އެ މީހުން ރާއްޖެއިން ފުރުމުގެ ކުރިން ވައިރަހަށް ޓެސްޓު ކުރި ކަމަށެވެ. އަދި އެ ދެ މީހުން ފުރި ފަހުން ޓެސްޓުތަކުގެ ނަތީޖާ އައިސް، އެ ދެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.

"...14 ދުވަހުގެ ކަަރަންޓީން ނިންމާފައި ފުރައިގެން ދިޔަ އިޓަލީ ދެ މީހަކު ޕްޒިޓިވްވެފައިވާކަން ވަނީ ފާހަގަ ކުރެވިފައި. އަޅުގަނޑުމެން ކަރަންޓީން ނިންމާފައި ހައި ރިސްކް މީހުން ފުރައިގެން ދިއުމުގެ ކުރިންވެސް ސާންޕަލް ނަގާ، އެއީ އަޅުގަނޑުމެންގެ ރިސާޗާ، ބޭނުންތަކަށް. އެގޮތަށް ނެގި ދެ މީހެއްގެ ސާންޕަލް މިއަދު ޕޮޒިޓިވްވެފައިވާކަން ފާހަގަކޮށްލަން." އަމީން ވިދާޅުވިއެވެ.

ސަރުކާރުން ވަނީ އެ މައުލޫމާތު އިޓަލީގެ އިތުރުން ރަޝިޔާގެ ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްފައެވެ. ރަޝިޔާއާ އެ މައުލޫމާތު ހިއްސާކޮށްފައިވަނީ އެމީހުން ދަތުރުކުރަމުންދާ ފްލައިޓް އިޓަލީއަށް ދިއުމުގެ ކުރިން ރަޝިޔާގައި ޓްރާޝިޓްކުރާތީއެވެ.

ބޭރުގެ ނޫސްތަކުން ވަނީ އިޓަލީގެ ދެ މީހުން ދަތުރުކުރި ބޯޓް ރަޝިޔާގައި ކަރަންޓީން ކޮށްފައިވާކަން ޔަގީންކޮށްދީފައެވެ.

މިއަދު ރާއްޖެއިން ފުރި އެ ބޯޓަކީ ރާއްޖޭގައި ތިބި އިޓަލީ މީހުން ބަލައި އެ ގައުމުން ފޮނުވި ހާއްސަ ފްލައިޓެކެވެ. އެ ފްލައިޓުން 358 މީހުން މިއަދު ފުރާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ހިމެނޭ ދެ މީހެއް ކޮވިޑްއަށް ޕޮޒިޓިވްވެފައިވާކަން އެނގުނު އިރު އެމީހުން ގެންދަނީ ދަތުރުކުރަމުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 14 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރޭގައި ދިވެއްސަކު ވެސް ހިމެނެއެވެ. ނުވަ މީހަކު ވަނީ ރަނގަޅުވެފައެވެ.