ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކަމެއް ނުފޮރުވަން، ދޮގު ވާހަކަ ނުފަތުރާ: މަބުރޫކް

ރާއްޖޭގައި 14 ދުވަހުގެ ކަރަންޓީންގައި ތިބުމަށް ފަހު ފުރި އިޓަލީގެ ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި މައްސަލާގައި ސަރުކާރުން ކަމެއް ފޮރުވަން މަސައްކަތް ނުކުރާ ކަމަށާ އެ މައްސަލައާއި ގުޅިގެން ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް ކޮވިޑް19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ގޮވާލައްވައިފި އެވެ.

ރާއްޖޭގައި 14 ދުވަހުގެ ކަރަންޓީންގައި ތިބުމަށް ފަހު ފުރި އިޓަލީގެ ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ސަރުކާރުން ހާމަކުރީ އިއްޔެ އެވެ. އިއްޔެ މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވެފައިވާ ދެ އިޓަލީ ފަތުރުވެރިން 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ފެސިލިޓީއަކަށް ބަދަލު ކުރި ކަމަށާއި އެ މުއްދަތަށް ފަހު އެ މީހުން ރާއްޖެއިން ފުރުމުގެ ކުރިން ވައިރަހަށް ޓެސްޓު ކުރި ކަމަށެވެ. އަދި އެ ދެ މީހުން ފުރި ފަހުން ޓެސްޓުތަކުގެ ނަތީޖާ އައިސް، އެ ދެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.

...14 ދުވަހުގެ ކަަރަންޓީން ނިންމާފައި ފުރައިގެން ދިޔަ އިޓަލީ ދެ މީހަކު ޕްޒިޓިވްވެފައިވާކަން ވަނީ ފާހަގަ ކުރެވިފައި. އަޅުގަނޑުމެން ކަރަންޓީން ނިންމާފައި ހައި ރިސްކް މީހުން ފުރައިގެން ދިއުމުގެ ކުރިންވެސް ސާންޕަލް ނަގާ، އެއީ އަޅުގަނޑުމެންގެ ރިސާޗާ، ބޭނުންތަކަށް. އެގޮތަށް ނެގި ދެ މީހެއްގެ ސާންޕަލް މިއަދު ޕޮޒިޓިވްވެފައިވާކަން ފާހަގަކޮށްލަން." އަމީން އިއްޔެ ވިދާޅުވިއެވެ.

ސަރުކާރުން ވަނީ އެ މައުލޫމާތު އިޓަލީގެ އިތުރުން ރަޝިޔާގެ ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްފައެވެ. ރަޝިޔާއާ އެ މައުލޫމާތު ހިއްސާކޮށްފައިވަނީ އެމީހުން ދަތުރުކުރަމުންދާ ފްލައިޓް އިޓަލީއަށް ދިއުމުގެ ކުރިން ރަޝިޔާގައި ޓްރާޝިޓްކުރާތީއެވެ.

ބޭރުގެ ނޫސްތަކުން ވަނީ އިޓަލީގެ ދެ މީހުން ދަތުރުކުރި ބޯޓް ރަޝިޔާގައި ކަރަންޓީން ކޮށްފައިވާކަން ޔަގީންކޮށްދީފައެވެ.

ނަމަވެސް މިކަމުގައި ސަރުކާރުން ކަންތައްތަކެއް ފޮރުވަމުންދާ ކަމަށާ އިޓަލީގެ ދެ މީހުން ފުރުވާލީ ކަރަންޓީގެ 14 ދުވަހުގެ މުއްދަތު ފުރިހަމަ ނުކޮށް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެކަމާ ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައިވެސް މަބްރޫކަށް ސުވާލުތައް އަމާޒު ކުރެވުނެވެ. އެކަމާ ގުޅިގެން ވަރަށް ތަފްސީލްކޮށް އެކަން ހިނގާދިޔަ ގޮތް އޭނާ ވަނީ ވިދާޅުވެ ދެއްވާފައެވެ.

ނަމަވެސް މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސުވާލުތައް ނޫސްވެރިން ވަނީ ތަކުރާރުކޮށްފައެވެ. އަދި ކަރަންޓީންގެ މުއްދަތު ގުނުމުގައި ސަރުކާރުން ގޯސް ހަދާފައިވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރާކަން ނޫސްވެރިން ވަނީ ފާހަގަކޮށްފައެވެ.

ނޫސްވެރިންގެ ބައްދަލްވުން ނިންމާލުމުގެ ގޮތުން ވާހަކަ ދައްކަވަމުން މަބުރޫކް ވިދާޅުވީ ރާއްޖޭގައި 14 ދުވަހުގެ ކަރަންޓީންގައި ތިބުމަށް ފަހު ފުރި އިޓަލީގެ ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ހާމަކުރީވެސް ސަރުކާރުން ކަމަށެވެ. އަދި ކަމެއް ފޮރުވާ ރައްޔިތުންނަށް ކަމެއް އޮޅުވާލަން ބޭނުންނަމަ އެ މައުލޫމާތު ހާމަނުކުރީސް ކަމަށް ވިދާޅުވިއެވެ.

މަބުރޫކް ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން ސަރުކާރުން އެއްވެސް ކަމެއް ފޮރުވަން މަސައްކަތް ނުކުރާނެ ކަމަށާ ސަރުކާރުން ހާމަކުރާ މައުލޫމާތުގައި އެއްވެސް ދޮގެއް ނުހިމެނޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި އެކަންކަން އަމިއްލައަށްވެސް ބައްލަވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ވާހަކައަކީ ކަމެއް ފޮރުވަން އޮތްނަމަ ކީއްކުރަންތޯއޭ ދައްކަންވީ ސާމްޕަލްއެއް ނެގި ވާހަކަ. އަޅުގަނޑުމެން އަމިއްލައަށް އައިސް ބުނީ. އަސްލު އެސްއޯޕީ ފޮލޯކުރާއިރު ސާމްޕަލެއް ނަގާކަށްވެސް ނުޖެހޭ. އޭނާ ދިޔަފަހުން އޭނާ ސިމްޓަމެޓިކް ވެގެން ޕްޒިޓިވް ވީއޭ ކިޔާފައި ދޫކޮށްލައިގެންވެސް ތިބެންވީނުތޯ. އެކަމަކު މިކަން އަޅުގަނޑުމެން ކުރަނީ އަޅުގަނޑުމެން ބޭނުމެއް މިކަމުގައި އެއްވެސް ކަމެއް ފޮރުވާކަށް. އަދި އަޅުގަނޑު އަމިއްލައަށް އެކަންކަން ބަލަން. އަޅުގަނޑު މިތަނަށް އައިއިރުގަ އައީ އަމިއްލައަށް ފައިލްތައް ބަލާފައި. އަދި މިއަދު ހެނދުނު އަޅުގަނޑު އަމިއްލައަށް ގުޅިން އެ ބޯޓްގެ ވެރިފަރާތަށް." މަބުރޫކް ވިދާޅުވިއެވެ.

މަބުރޫކް ވިދާޅުވީ ނޫސްވެރިންގެ ބައްދަލްވުމުގައި ޖަވާބު ދެއްވަން އިންނަވަނީ ތެދު ބަހުން ވާހަކަތައް ކިޔައިދޭން ކަމަށާ ކޮންމެ ސުވާލެއް ކުރިނަމަވެސް ތެދުވެރިކަމާއެކު ޖަވާބު ދޭނެ ކަމަށެވެ. އަދި ސަރުކާރާ، އެޗްޕީއޭއާ ގުޅޭގޮތުން ހަގީގަތެއް ނެތް ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކުރެއްވިއެވެ.

މިއަދުވެސް މަބުރޫކް ވިދާޅުވީ ދޮގު ހަދަން ޖެހޭ ދުވަަހަކު އެތަނުގައި ނުއިންނަވާނެ ކަމަށެވެ.

"އަޅުގަނޑު ހަމަ ޔަގީންކަމާއެކު މި ދަންނަވަނީ އަޅުގަނޑު މިތާކު ނީންނާނަން ދޮގު ހަދަން ޖެހޭ ދުވަހަކު." މަބުރޫކް ވިދާޅުވިއެވެ.