ކޮވިޑް-19 އާ ގުޅިގެން ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ބުނެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނުއާއެކު އެ މިނިސްޓްރީގެ އިސް ބޭފުޅުންތަކަކަށް ދައުވާ ނުކުރަން ނިންމާ އަނބުރާ އޭސީސީއަށް ފޮނުވި މައްސަލަ އަލުން ރިވިއު ކޮށްދިނުމަށް އޭސީސީން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
ޕީޖީން މި މައްސަލާގައި ދައުވާ ނުކުރަން ނިންމާފައިވަނީ މި މައްސަލައިގެ އެކަށިގެންވާ ހެއްކާއި ގަރީނާ ނެތް ކަމަށް ބުނެ އެވެ. ނަމަވެސް އޭސީސީން ވަނީ އެކަން ދޮގުކޮށްފަ އެވެ. އޭސީސީން ބުނީ ދައުވާ ކޮށްދިނުމަށް ފޮނުވާފައިވަނީ މައްސަލަ ރަނގަޅަށް ތަހްގީގުކޮށް އެކަށީގެންވާ ހެއްކާއި ގަރީނާއެކު ކަމަށެވެ.
އޭސީސީ އިން ހެލްތުގެ އޮޑިޓް ރިޕޯޓުގެ މައްސަލަ ތަހުގީގު ކޮށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭ ގޮތަށް ޖުމްލަ 11 މީހުންނަށް ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. ޕީޖީއަށް ފޮނުވީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ބަޔަކަށް ފައިދާ ހޯދި ކަމަށްބުނެ ދައުވާ ކޮށްދިނުމަށެވެ.
ނަމަވެސް ތަހްގީގު ފުރިހަމަނުވާ ކަމަށް ބުނެ ޕީޖީން މި މައްސަލަ އަނބުރާ ޢޭސީސީއަށް ފޮނުވާފައިވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ. އޭސީސީން މި މައްސަލަ އަލުން ރިވިއު ކުރުމަށް އެދި އިއްޔެގެ ވަގުތެއްގައި ވަނީ ޕީޖީ އަށް ހުށަހަޅާފަ އެވެ.
އޭސީސީން މީޣެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހެލްތް މިނިސްޓްރީން ވެންޓިލޭޓަރުތައް ހޯދި ދުވަސްވަރު އަމަލުކުރަމުން ދިޔަ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުން ދައުލަތުގެ އޮފީހަކުން ނުވަތަ ދައުލަތުގެ އޮފީސްތަކަށާއި މުޢައްސަސާތަކަށް ތަކެތި ގަތުމާއި ހިދުމަތް ހޯދުމާއި މަސައްކަތްތައް ކުރުވުމުގައި އެ ގަވާއިދަށް އަމަލުކުރުން ލާޒިމުނުވާ ހާލަތްތައް ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން ގައުމީ ސަލާމަތާ ގުޅުންހުރި ކަންކަމަށާއި ދައުލަތުގެ މުހިއްމު މަސްލަހަތެއް ހިފެހެއްޓުމަށާއި ދައުލަތަށް ނުވަތަ ރައްޔިތުންނަށް ދުރުރާސްތާގައި ލިބިދާނެ ގެއްލުމެއް ކުޑަކުރުމަށްޓަކައި ނުވަތަ ދުރުރާސްތާގައި ލިބިދާނެ ފައިދާއެއް އިތުރުކުރުމަށްޓަކައި އެ ފަހަރަކު ބޭނުންވާ މިންވަރަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީން އަންގާގޮތެއްގެ މަތިން، ދައުލަތުގެ ފައިސާ ހަރަދު ކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
ކޮރޯނާ ވައިރަސްއާ ގުޅިގެން ހޯދަންޖެހޭ މެޝިނަރީޒްއާ އިކުއިޕްމެންޓްތަކުގެ އަގު 2.5 މިލިއަން ރުފިޔާއަށްވުރެ ބޮޑުވާތީ އެ ތަކެތި ހޯދޭނީ ނެޝަނަލް ޓެންޑާ ބޯޑަށް ހުށަހަޅައިގެން ކަމަށްވާތީ 2.5 މިލިއަން ރުފިޔާއަށްވުރެ އަގު ބޮޑުވާ މަސައްކަތްތަކާއި ހޯދަންޖެހޭ ޑޮކިއުމެންޓްތައް ޓެންޑާ ބޯޑަށް ހުށަހަޅަން ނުޖެހޭގޮތަށް ހެލްތްގެ ބިޑު ކޮމިޓީން ނިންމައިގެން ކުރިއަށް ގެންދިއުމުގެ ހާއްސަ ހުއްދައަކަށް ފިނޭންސްގައި އެދުމުން ބިޑު ކޮމިޓީ މެދުވެރިކޮށް އެ މަސައްކަތާއި ތަކެތި ހޯދުމުގެ ކަންކަން ކުރިއަށްގެންދިއުން އެންމެ ރަނގަޅުކަމުގައި އަންގާ ހުއްދަ ދީފައިވ ކަމަށާ އަދި އެ މުއްދަތު އިތުރުކުރުމަށްއެދި ހުށަހެޅުމުން އެކަންވެސް ކޮށްދީފައިވާ ކަމަަށެވެ.