ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އޭސީސީ

ދައުވާ ކުރަން އެދުނީ ސާބިތު ހެކި ހުރެގެން: އޭސީސީ

ކޮވިޑް-19 އާ ގުޅިގެން ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ބުނެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނިވަޑައިގަންނަވާ ގޮތުން 11 ބޭފުޅެއްގެ މައްޗަށް ދައުވާ ކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވީ ދައުވާ ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ހުރުމުން ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ކޮމިޝަންގެ ދިފާއުގައި ބަޔާން ނެރެފި އެވެ.

ހެލްތު މިނިސްޓްރީއަށް ބޭނުންވާ 75 ވެންޓިލޭޓަރު ސަޕްލައި ކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހާވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަގައި ދައުވާ ކުރަން ފޮނުވި 11 މީހުންގެ މައްސަލަ އެކަށީގެންވާ ވަރަށް ހެކި ނެތުމުގެ ސަބަބުން އަނބުރާ ވަނީ ގެންގޮސްފަ އެވެ. ޕީޖީން އެ ނިންމުން ހާމަކުރުމުން އޭސީސީގެ ތަހުގީގުގެ ފެންވަރާމެދު ވަރަށް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. މި ސަރުކާރު އައިސް އޭސީސީގެ މެންބަރުން ބަދަލުކުރި ފަހުން އެ ކޮމިޝަނުން ކުރާ ކޮންމެ ތަހުގީގަކަށްވެސް ބޮޑެތި ފާޑުކިޔުން އަމާޒުވެއެވެ.

ފާޑުކިޔުންތަކާއި ގުޅިގެން ދިފާއުވުމަށް އޭސީސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހެލްތް މިނިސްޓްރީންވެންޓިލޭޓަރުތައް ހޯދި ދުވަސްވަރު އަމަލުކުރަމުން ދިޔަ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުން ދައުލަތުގެ އޮފީހަކުން ނުވަތަ ދައުލަތުގެ އޮފީސްތަކަށާއި މުޢައްސަސާތަކަށް ތަކެތި ގަތުމާއި ހިދުމަތް ހޯދުމާއި މަސައްކަތްތައް ކުރުވުމުގައި އެ ގަވާއިދަށް އަމަލުކުރުން ލާޒިމުނުވާ ހާލަތްތައް ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން ގައުމީ ސަލާމަތާ ގުޅުންހުރި ކަންކަމަށާއި ދައުލަތުގެ މުހިއްމު މަސްލަހަތެއް ހިފެހެއްޓުމަށާއި ދައުލަތަށް ނުވަތަ ރައްޔިތުންނަށް ދުރުރާސްތާގައި ލިބިދާނެ ގެއްލުމެއް ކުޑަކުރުމަށްޓަކައި ނުވަތަ ދުރުރާސްތާގައި ލިބިދާނެ ފައިދާއެއް އިތުރުކުރުމަށްޓަކައި އެ ފަހަރަކު ބޭނުންވާ މިންވަރަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީން އަންގާގޮތެއްގެ މަތިން، ދައުލަތުގެ ފައިސާ ހަރަދު ކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ހޯދަންޖެހޭ މެޝިނަރީޒްއާ އިކުއިޕްމެންޓްތަކުގެ އަގު 2.5 މިލިއަން ރުފިޔާއަށްވުރެ ބޮޑުވާތީ އެ ތަކެތި ހޯދޭނީ ނެޝަނަލް ޓެންޑާ ބޯޑަށް ހުށަހަޅައިގެން ކަމަށްވާތީ 2.5 މިލިއަން ރުފިޔާއަށްވުރެ އަގު ބޮޑުވާ މަސައްކަތްތަކާއި ހޯދަންޖެހޭ ޑޮކިއުމެންޓްތައް ޓެންޑާ ބޯޑަށް ހުށަހަޅަން ނުޖެހޭގޮތަށް ހެލްތްގެ ބިޑު ކޮމިޓީން ނިންމައިގެން ކުރިއަށް ގެންދިއުމުގެ ހާއްސަ ހުއްދައަކަށް ފިނޭންސްގައި އެދުމުން ބިޑު ކޮމިޓީ މެދުވެރިކޮށް އެ މަސައްކަތާއި ތަކެތި ހޯދުމުގެ ކަންކަން ކުރިއަށްގެންދިއުން އެންމެ ރަނގަޅުކަމުގައި އަންގާ ހުއްދަ ދީފައިވ ކަމަށާ އަދި އެ މުއްދަތު އިތުރުކުރުމަށްއެދި ހުށަހެޅުމުން އެކަންވެސް ކޮށްދީފައިވާ ކަމަަށެވެ.

ހަތްދިހަ ފަސް ވެންޓިލޭޓަރ ހޯދުމާގުޅޭ މަސައްކަތް ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން ހަވާލުކުރުމުގެ ހުއްދައަކަށް ހެލްތުން ފިނޭންސްގައި އެދުމުން ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން ވެންޓިލޭޓަރތައް ހޯއްދުމުގައ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ބިޑު ކޮމިޓީއަށް ހުށަހަޅައިގެން އެއާމެދު ގޮތެއް ނިންމަވައިގެން ކުރިއަށްގެންދިއުމަށްވެސް ފިނޭންސުން ހުއްދަ ދީފައިވާ ކަމަށްވެސް އޭސީސީގެ ބަޔާނުގައިވެއެވެ.

ނަމަވެސް ވެންޓިލޭޓަރު ޑީލް ދުބާއީ ކުންފުންޏަށް ދިނުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ބަލަން ޖެހޭ ކަމަށް އެ މާއްދާގައި ބަޔާންކުރާ ބީލަން ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭނެ ހުނަރާއި ގާބިލުކަމާއި ފެންވަރާއި ވަސީލަތްތައް ހުރިތޯ ވަޒަންކުރުމުގެ ގޮތުން ބަލަންޖެހޭ ކަންކަން ބަލާފައިނުވާ ކަމަށް އޭސީސީން ބުންޏެވެ.

" ހަތްދިހަ ފަސް ވެންޓިލޭޓަރ ސަޕްލައިކުރުމާގުޅޭ އެއްބަސްވުމުގެ ޑްރާފްޓް އޭޕްރީލް 20، 2020 ގައި މިނިސްޓްރީ އޮފް ހެލްތުން އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، ހަމަ އެދުވަހު އެ އޮފީހުން ލަފާދީފައި. އެ އޮފީހުން ދީފައިވާ ލަފާގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތަށް އެޑްވާންސް ޕޭމަންޓް ގެރެންޓީއާއި ޕަރފޯމެންސް ގެރެންޓީ ނުނަގައި އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްގެންދެވޭނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.03 ވަނަ މާއްދާގެ ދަށުން މިނިސްޓަރ އޮފް ފިނޭންސް އަންގާ ގޮތެއްގެ މަތިން ކަމަށް ބަޔާންކޮށްފައިވޭ،"

ނަމަވެސް ބެކް ޑޭޓްކޮށް އެއްބަސްވުމުގައި ސޮއިކުރިއިރު އަދި އޭގެ ފަހުންވެސް އެކަމާ ގުޅޭގޮތުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ފިނޭންސްގެ ހުއްދައެއް ހޯދާފައިނުވާކަން ތަހުގީގަށް ހޯދާފައިވާ ހޯދުންތަކުން އެނގޭ ކަމަށް އޭސީސީން ބުންޏެވެ.

ހެލްތަށް ވެންޓިލޭޓަރުތައް ހޯދުމާ ގުޅޭގޮތުން ފިނޭންސް ދީފައިވާ ހުއްދަތަކަކީ ވަކިވަކި ކަންކަމާ ގުޅިގެން ދީފައިވާ ހުއްދަތަކެއް ކަމަށާ އަދި އެއިން އެއްވެސް ހުއްދައަކީ މުޅި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް އަމަލުކުރުން ލާޒިމް ނުވާގޮތަށް ދީފައިވާ ހުއްދަތަކެއް ނޫން ކަމަށް އޭސީސީގެ ބަޔާނުގައިވެއެވެ. މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާނީ، މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފުވެ ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދީފައިވާކަން އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ހުރި ކަމަށް ތަހުގީގަް ސާބިތުވާތީ ކަމަށްވެސް ބުންޏެވެ. އަދި މި މައްސަލާގައި ދައުވާ ނުކުރުމަށް ޕީޖީ އޮފީހުން ނިންމާފައިވާ ނިންމުމުގައި މުރާޖައާ ކުރަމުން ގެންދާ ކަމަށްވެސް ބުންޏެވެ.