ލައިފްސްޓައިލް

ޕީއެޗްޑީ ތީސިސް ލިޔުނީ އެއް "އިނގިލި"ން!

އިންތިހާއަށް ހާސް ކަމުގައި ގިނަ ބަޔަކު އުޅެން ޖެހޭ މިޒަމާނުގައި ބަޔެއްގެ ފަރުވާ ކުޑަ ކަމުން ވެސް އެހެން މީހަކަށް ބޮޑު ވޭނެއް އުފުލަން ޖެހި ދެއެވެ. މިއީ މަލްވިކާ އައްޔަރް ކިޔާ 30 އަހަރުގެ މިފަދަ އަންހެނެއްގެ ވާހަކަ އެވެ.
މަލްވިކާގެ އުމުރުން އެންމެ 13 އަހަރުގައި ގްރެނޭޑެއް ގޮވުމުގެ ހިތާމަވެރި ހާދިސާއެއްގެ ޝިކާރައަކަށްވެ އޭނާގެ ދެ އަތްތިލަ ވަނީ ފުނޑުފުނޑު ވެގެން ގޮސްފަ އެވެ. އޭނާގެ ގޭގެ ގަރާޖާ ވަރަށް ކައިރީގައި ހުރި ހަތިޔާރު ރައްކާ ކުރާ ތަނެއްގައި ރޯވެ އެތަން ގޮވިއިރު ވިއްސައިގެން ދިޔަ ގްރެނޭޑެއް ގަރާޖް ތެރެއަށް ވެއްޓި ގޮވިއިރު މަލްވިކާއަށް ހުރެވުނީ އެތަނާ ވަރަށް ކައިރީގަ އެވެ. އެހެންވެ އޭނާއަށް މި ހާދިސާގައި ވަރަށް ބޮޑަށް އަނިޔާވި އެވެ. ދެ އަތްތިލަ ފުނޑުފުނޑުވުމުގެ އިތުރުން ދެ ފަޔަށް ވެސް ވަރަށް ގެއްލުން ލިބުނެވެ.

އިންޑިއާގެ ބިކަނޭރްގައި ދިރިއުޅޭ މަލްވިކާގެ ދެ އަތުގެ ކުޑަހުޅުން ތިރި ވަނީ ބުރިކޮށްލާފަ އެވެ. މަލްވިކާގެ ދެ އަތް ނެތަސް އޭނާގެ ހިތްވަރު ގަދަ އެވެ. ޔޫއެން ފަދަ ފަޚުރުވެރި ތަނެއްގައި ސްޕީޗެއް ދިނުމުގެ ފުރުސަތު އޭނާއަށް ލިބުނީ ހަމަ ގައިމުވެސް އޭނާގެ ހިތްވަރުގަދަކަން މުޅި ދުނިޔެ ގަބޫލު ކުރާތީ އެވެ.

މަލްވިކާ ވަނީ އޭނާގެ 30 ވަނަ އުފަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ސޯޝަލް މީޑީއާގައި އޭނާގެ ހަޔާތުގެ ވާހަކަ ކިޔުންތެރިންނާ ހިއްސާ ކޮށްފަ އެވެ. އަދި އޭނާ ޔޫއެންގައި ކުރި ތަގްރީރުގެ ބައިތަކެއް ވެސް އޭނާގެ ޓުވީޓްގައި ހިމަނާފައި ވެއެވެ.

މަލްވިކާ ކިޔައިދިން ގޮތުގައި ގްރެނޭޑް ގޮވުމުގެ ސަބަބުން އޭނާގެ އަތް ފުނޑުފުނޑުވުމާ ގުޅިގެން ހެދި ސާޖަރީގައި ޑޮކްޓަރުން ބައެއް ގޯސްތައް ހެދިފައި ވެއެވެ. ނަމަވެސް އެ ގޯސްތައް ކުރިމަގުގައި ބަދަލުވެގެން ގޮސްފައިވަނީ އޭނާއަށް ލެއްވި ރަހުމަތަކަށެވެ.

ބޮން ގޮވައިގެން މަލްވިކާ ވަރަށް ބޮޑަށް ޒަޚަމްވުމުގެ ސަބަބުން ޑޮކްޓަރުންނަށް އޭނާގެ ފުރާނަ ސަލާމަތްކުރަން ވަރަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ. އެ ޕްރެޝަރުގެ ތެރޭގައި ޑޮކްޓަރުންނަށް ވަރަށް ބޮޑު ގޯސްތަކެއް ވެސް ހެދުނެވެ. އެއީ އޭނާގެ ކަނާއަތުގެ ސާޖަރީ ހެދިއިރު އަތުގެ ކަށިގަނޑުގެ މައްޗަށް ރަނގަޅަށް މަސް ނާރުވާ ފެހުމެވެ. އޭގެ ސަބަބުން އެ ކަށިގަނޑު އިންނަނީ އިނގިއްޔެއްހެން ދިއްވެފަ އެވެ. މިހާރުވެސް ކުޑަކުޑަކޮށް ތަނެއްގައި ކަށިގަނޑު ޖެހިލިޔަސް އޭނާއަށް ވަރަށް ބޮޑަށް ތަދުވެ އެވެ.

ދެ އަތްތިލަ ފުނޑުފުނޑުވެގެން ނެތިގެން ދިޔައަސް މަލްވިކާގެ އުންމީދު ފުނޑުފުނޑުކޮށެއް ނުލެވުނެވެ. އޭނާގެ ހިތްވަރު އެލުވައެއް ނުލެވުނެވެ. އޭނާ ބުނި ގޮތުގައި ޑޮކްޓަރުންނަށް ގޯސްކޮށް ކުރެވުނު އެ ކަންތައް ވެސް ވީ އޭނާގެ ނަސީބަކަށެވެ. ސަބަބަކީ އެ ކަށިގަނޑު އިނގިއްޔެއް ފަދައިން ބޭނުން ކޮށްގެން އޭނާ ޓައިޕްކުރަން ދަސްކޮށްފައި ވާތީ އެވެ.
މަލްވިކާ ބުނި ގޮތުގައި އޭނާ ޕީއެޗްޑީ ތީސިސް ލިޔުނީ ވެސް ހަމަ އެ ކަށިގަނޑު ބޭނުން ކޮށްގެން ޓައިޕްކޮށްގެންނެވެ.
ޕީއެޗްޑީ ހާސިލުކޮށް މިހާރު މަލްވިކާގެ ނަމުގެ ކުރިއަށް ޑޮކްޓަރު ލިޔެވިއްޖެ އެވެ. މިހާރު އެއީ ޑރ. މަލްވިކާ ނާއިރް އެވެ. އޭނާގެ ހިތްވަރުގަދަކަމުން އިންޑިޔާ ސަރުކާރުން އޭނާއަށް ގައުމީ އިނާމު ވެސް ދީފައި ވެއެވެ. އަދި އޭނާ އަކީ އިންޓަނޭޝަނަލް މޯޓިވޭޝަނަލް ވާހަކަ ދެއްކުންތެރިއެކެވެ. ޑިސްއެބިލިޓީ އެކްޓިވިސްޓެކެވެ. ވޯލްޑް އިކޮނޮމިކް ފޯރަމްގައި ވެސް އޭނާގެ ދައުރު އެބައޮތެވެ.

މަލްވިކާ ގަބޫލުކުރާ ގޮތުގައި ކޮންމެ ހިތާމައެއްގެ ފަހަތުގައި ކޮންމެވެސް ރަނގަޅު ކަންތައްތަކެއް ވާނެ އެވެ. އޭނާއަށް ލިބުނު މި ބޮޑު ހިތާމައިން ވެސް އަރައިގަނެވި އޭނާއަށް ވެސް ރަނގަޅު މުސްތަގްބަލެއް ހޯދިއްޖެ އެވެ. އޭނާގެ އަމިއްލަ އަތުން ވެބްސައިޓެއް ވެސް މިހާރު ޑިޒައިންކޮށްފައިވާ ކަމަށް މަލްވިކާ ބުންޏެވެ.

މިއަހަރުގެ އަންހެނުންގެ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްވި މެސެޖް ޚާއްސަ ކުރެއްވީ މަލްވިކާ އަށެވެ. މޯދީ ކުރެއްވި ޚާއްސަ ޓުވީޓްގައި މަލްވިކާގެ ވާހަކަތައް ހިއްސާ ކުރައްވައި އޭނާއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފަ އެވެ. އަދި އޭނާ އަކީ މިފަދަ ހުރިހާ މީހުންނަށް ރަނގަޅު މިސާލެއް ކަމަށް މޯދީ ސިފަ ކުރެއްވާފައި ވެއެވެ.