ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅިވަރު

ކުޅުންތެރިންގެ ޓްރޭނިންތައް ހުއްޓާލަން އަންގަނީ

މެއި މަހު، ޕްރިމިއާ ލީގް ފެށަން ތާވަލު ކޮށްފައި އޮތް ނަމަވެސް އެ ތާރީހްގައި ވެސް ލީގް އަލުން ފެށޭނެ ކަމުގެ ޔަގީން ކަން މިހާރު ނެތުމުން ކުޅުންތެރިން މަސައްކަތް ހުއްޓާލަން އަންގަން ޕްރިމިއާ ލީގުން ތައްޔާރު ވެއްޖެ އެވެ.

ގާތްގަނޑަކަށް އެއް މަހުގެ މުއްދަތަކަށް ފަހު ލީގް އަލުން ފަށަން ތާވަލު ކޮށްފައި ވާތީ، ކުލަބުތަކުގެ ކުޅުންތެރިން ދަނީ ފިޓްކޮށް ތިބުމަށްޓަކައި ގޭގައި ތިބެގެން ފިޒިކަލް ޓްރެއިނިންތައް ކުރިއަށް ގެންދަމުންނެވެ. ނަމަވެސް އިނގިރޭސި ވިލާތުގައި ކޮވިޑް-19 ގެ ނުރައްކާ ދަނީ އިތުރު ވަމުންނެވެ. އެހެންވެ މެއި މަހު ވެސް ލީގް ފެށޭނެ ކަމަށް ބުނަން މިހާރު ނޭނގެ އެވެ.

މެއި މަހުގައި ލީގް ނުފެށޭނަމަ، ޖޫން އަށް ލީގް ނިންމައެއް ނުލެވޭނެ އެވެ. ޔޫރަޕްގައި ޖޫން މަހަކީ ކުޅުންތެރިން އޮފް ސީޒަނެވެ. އެއީ އަނެއް ސީޒަނަށް ތައްޔާރުވާން އޮންނަ މުއްދަތެވެ. ސީޒަންގެ މެޗުތައް ކުރިމަތީގައި އޮތުމުން ކުޅުންތެރިން ދަނީ ހައި އިންޓެންސިވް ޓްރެއިނިންތައް ކުރިއަށް ގެންދަމުންނެވެ. ދެން އޮތް ގޮތަކީ މިނީ ޕްރީ ސީޒަނާއެކު ސީޒަށް އަލުން ފަށަން ތައްޔާރު ވުމެވެ. އެހެންވެ ހައި އިންޓެންސިވް ޓްރެއިނިންތަކަށް ނިންމާލުމަށް ކުޅުންތެރިންނަށް ލީގުން އަންގާނެ ކަމަށް ދަ ގާޑިއަންއިން ބުނެ އެވެ.

ޗެލްސީގެ ކޯޗް ފްރޭންކް ލަމްޕާޑް ބުނީ، މި ހާލަތުގައި ކުޅުންތެރިން ގޭގައި ތިބެގެން ޓްރެއިނިންތައް ކުރިއަށް ގެންދިޔަސް އެ ކުޅުންތެރިން ޓްރެއިނިންތައް އޮބްޒާވް ކުރުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

"މެޗުތައް އަލުން ފެށޭނެ ކަމެއްވެސް ނޭނގޭ ހާލަތެއްގައި ވަރުގަދައަށް ޓްރެއިނިންތައް ކުރިއަށް ގެންދިއުމަށް ކުޅުންތެރިންނަށް ޕްރެޝާ ދިނުމުގެ ބޭނުމެއް އޮތް ކަމަކަށް ނުދެކެން." ލަމްޕާޑް ބުންޏެވެ.

ލީގްގެ އެއް ވަނައިގައި އޮތް ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނީ، ގޭގައި ތިބެގެން މަސައްކަތް ކުރަން ކުޅުންތެރިންނަށް އެންގީ އަވަސް މުސްތަގު ބަލެއްގައި ލީގްގެ މެޗުތައް ފެށޭނެ ކަމަށް އުންމީދު ކޮށްގެން ކަމަށެވެ. ނަމަވެސް މިހާރު ހާލަތު އިތުރަށް ގޯސް ވަމުން ދިއުމާއެކު، ކުރުމުއްދަތެއްގައި އަލުން ފެށޭނެ ކަމުގެ ޔަގީން ކަމެއްވެސް ނެތް ކަމަށެވެ.