އެން ސްޕޯޓްސް އެކަޑަމީ އާއި ރޯޑް ރަނާސް ގުޅިގެން ހުކުރު ދުވަހުގެ ރޭ މާލޭގައި "މާލޭ މިޑް ނައިޓް ރަން" ގެ ނަމުގައި ދުވުމެއް ބާއްވަން ނިންމައިފި އެވެ.
ރާއްޖޭގައި ބާއްވާ ފުރަތަމަ "މިޑްނައިޓް ރަން" ހުކުރު ދުވަހުގެ ރޭ ފަށާނީ އެކުވެނި ޓްރެކް ދަނޑު ކައިރިން ރޭގަނޑު 11.00 ޖަހާއިރު އެވެ. ނަމަވެސް ދުވުމުގައި އެކި ބައިބައި ހިމަނާފައިވާތީ ދުވުން ފެށުމުގެ އެކި ގަޑިތައް ވަނީ ހަމަޖައްސާފައެވެ.
މިޑް ނައިޓް ރަންގައި ފަސް ކިލޯ މީޓަރާއި 15 ކިލޯ މީޓަރު އަދި ބައި ހާފް މެރަތަން ދުވާނެ އެވެ. މީގެ ތެރެއިން ފަސް ކިލޯ މީޓަރުގެ ދުވުން ހާއްސަކޮށްފައި ވަނީ 16 އަހަރު ދަށުގެ ދުވުންތެރިންނަށެވެ. ބޭނުން ކޮންމެ ފަރާތަކަށް މިބައިގައި ބައިވެރިވުމުގެ ފުރުޞަތުއޮތް ނަމަވެސް، މިބައިގެ އިނާމު ލިބޭނީ 16 އަހަރުން ދަށުގެ ދުވުންތެރިންނަށެވެ.
ފަނަރަ ކިލޯ މީޓަރުގެ ދުވުމަކީ 2015 ރަމްޒުކޮށްދޭ ދުވުމެކެވެ. އެއީ ދުވުންތެރިންނަށް އާއަހަރުގެ ފިޓްނަސް ޝިއާރު އާކޮށް މުޅި އަހަރުތެރޭގައި ދުވުމަށް ހިތްވަރުދޭ ބައެކެވެ. މިބައިގައި ވަނަ ތަކަށް ވެސް ހަދިޔާ ދޭނެ އެވެ.
މިޑަނައިޓް ރަންގައި އޮންނަ ހާފް މެރަތަން އަކީ އާންމުކޮށް ދުވާ ފަރާތްތަކަށް އަހަރު ފޭށޭއިރު ދުވުން ތެރިންގެ ފިޓްނަސް ހުރިވަރަ ދެނެގަތުމަށް ލިބޭ ފުރުޞަތެކެވެ. މިބައިގެ އެއްވަނައަށް 4000ރ. ދެއެވެ. ދެ ވަނަައަށް 2500ރ އަދި ތިން ވަނައަށް 1500ރ. ވަނީ ހުށަހަޅައިފަ އެވެ.
އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެހީއާއެކު ބާއްވާ ދުވުމުގައި އެއްވެސް ރިކޯޑްއެއް ހެދިއްޖެނަމަ ގައުމީ ރެކޯޑެއްގެ ގޮތުގައި ގުނުމަށް ވަނީ ނިންމައިފަ އެވެ.
ހުކުރު ދުވަހުގެ ރޭ ބާއްވާ ދުވުމުގެ މައި ސްޕޮންސަރަކީ ފުއަލް ސާވިސަސް މޯލްޑިވްސްއެވެ. އަދި ކޯ ސްޕޮންސަރުގެ ގޮތުގައި މޯލްޑިވްސް ގޭސް އާއި އެލައިޑް އިންޝުއަރެންސް އާއި ޗެނަލް 13 އެވެ. އަދި ދުވުން ތެރިންނަށް ދުވެވުނު ދުމުމެން އަންގައިދޭ ކިލޯ މީޓަރުތައް ސްޕޮންސަރކޮށްފައިވަނީ ކޮކާ ކޯލާއިންނެވެ.