ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ފުރަތަމަ ފަހަރަށް އޮންލައިންކޮށް މަޖިލީސް ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ފުރަތަމަ ފަހަރަށް ވެބް ކޮންފެރެންސް މެދުވެރިކޮށް އޮންލައިންކޮށް ފަށައިފި އެވެ.

ދުނިޔޭގައި ހަލުވި މިނެއްގައި ފެތުރެމުން އަންނަ ކޮވިޑް-19 ބަލިން ރައްކާތެރި ވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިދިޔަ ހަފުތާ މެދުކަނޑާލި އެވެ. އެހެން ނަމަވެސް މިފަދަ ދަނޑިވަޅެއްގައި މަޖިލީހުގެ މަސައްކަތްތައް މުހިއްމު ކަމުގައިވާތީ ޕާލިމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް ފަހު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވީ މެންބަރުން ގޭގައި ތިއްބަވައިގެން ވެބް ކޮންފެރެންސް މެދުވެރިކޮށް މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށެވެ.

މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 23 ވަނަ ޖަލްސާ މިއަދު ފަށައިގެން ކުރިއަށް ގެންދަނީ މައިކްރޮސޮފްޓް އޮފީސް ޓީމްސް މެދުވެރިކޮށް އޮންލައިންކޮށެވެ. އެ ވެބް ކޮންފެރެންސް ޗެނަލްގައި 92 ބައިވެރިން ހިމެނެ އެވެ. އެއީ މަޖިލީހުގައި ތިއްބަވާ 87 މެންބަރުންނާއި، މަޖިލީހުގެ އަމީންއާންމު، ކައުންސިލަ ޖެނެރަލް، ސާޖަންޓް އޮފް އާމްސް، އަދި މަސައްކަތާ ގުޅޭ އިދާރީ ދެ މުވައްޒަފުން ހިމެނޭ ގޮތަށެވެ.

ފުރަތަމަ ފަހަރަށް އޮންލައިންކޮށް ބާއްވާ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ވަނީ މި ހާލަތުގައި ދިމާވާ އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް ޓަކައި ސަރުކާރުން ތައާރަފުކޮށްފައިވާ އިކޮނޮމިކް ޕެކޭޖް އާއި ޕްރޮގްރާމްތައް ތަންފީޒު ކުރުމުގައި މަޖިލީހުން ފެންނަ ގޮތެއް ކަނޑައެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައެއް އެކަންޏެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް ވެބް ކޮންފެރެންސް މެދުވެރިކޮށް އެންމެ ފުރަތަމަ ބާއްވާފައި މި ވަނީ ވެސް ރާއްޖޭންނެވެ. ބައިނަލް އަގްވާމީ ބައެއް މީޑިއާތަކުން ވެސް ވަނީ އެ ކަން ރިޕޯޓްކޮށްފަ އެވެ.

ބޭރުގެ ބައެއް މީޑިއާތަކަށް އިންޓަވިއު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ މި ހާލަތުގައި ހުރިހާ އާންމު ރައްޔިތުންގެ ދިރިއުޅުމަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށާއި ދުނިޔޭގެ ބައެއް ގައުމުތަކުގެ މަޖިލީހުގެ މެންބަރުން ވެސް އެ ހަލާތުގައި ތިއްބެވި ކަމަށެވެ. އެކަމަކު މި ހާލަތުގައި ދުނިޔޭގެ މަޖިލިސްތައް ހުއްޓުމަކަށް ގެނެވެން ނެތް ކަމަށާއި މަޖިލިސް ގެންދާނެ ހޯދައި ކުރިއަށް ދާން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ އޮންލައިންކޮށް ފެށިއިރު، ވެބް ކޮންފެރެންސް މެދުވެރިކޮށް މަޖިލީހުގެ ޖަލްސާތައް ބޭއްވޭނެ ގޮތުގެ އުސޫލެއް ވެސް މަޖިލީހުން ކަނޑައެޅި އެވެ. މި ގޮތުން ބިލުތަކުގެ ބަހުސްގައި ވާހަކަ ދެއްކުމަށް ފުރުސަތަކަށް އެދިވަޑައިގަތުމަށާއި ނިޒާމީ މައްސަލައެއް ފާހަގަ ކުރެއްވުމަށް މެންބަރުން އެދިވަޑައިގަންނަވާނީ ޗެޓް މެދުވެރިކޮށެވެ.

ފާސްކުރަން ޖެހޭ ކަންކަމުގައި ވޯޓަށް އަހާނީ ހާޒިރުވެ ތިއްބެވި ފަހަރަކު މެންބަރަކަށެވެ. ރިޔާސަތުން މެންބަރުގެ ނަން ގޮވާލުމުން، އެ މެންބަރަކު ފެނިވަޑައިގަންނަވާ ގޮތެއް ވިދާޅުވާ ގޮތަށެވެ. އެއީ އެ ކަމެއް ފާސްކުރަން "ފެނޭ" ނުވަތަ "ނުފެނޭ" ވިދާޅުވާ ގޮތަށެވެ.

ވެބް ކޮންފެރެންސް މެދުވެރިކޮށް ބޭއްވޭ މަޖިލީހުގެ ޖަލްސާތަކަށް އެންގުމާއި ޖަލްސާގެ އެޖެންޑާ މެންބަރުންނާ ހިއްސާ ކުރާނީ އެސްއެމްއެސް މެދުވެރިކޮށެވެ. ޖަލްސާ ފެށުމަށް ހަމަޖެހިފައިވާ ވަގުތުގެ 15 މިނެޓު ކުރިން މެންބަރުންނަށް ނޮޓިފިކޭޝަނަށް ފޮނުވަ އެވެ. އަދި ޖަލްސާ ފެށުމުގެ ފަސް މިނެޓް ކުރިން ވެސް ނޮޓިފިކޭޝަނެއް ފޮނުވާނެ އެވެ. ކޯރަމް ހަމަނުވާނަމަ ވެސް މެންބަރުންނަށް ނޮޓިފިކޭޝަނެއް ދާނެ އެވެ. ވޯޓެއް ނެގުމުގެ ފަސް މިނެޓް ކުރިން ވެސް މެންބަރުންނަށް ނޮޓިފިކޭޝަން ފޮނުވާނެ އެވެ.