ބާސެލޯނާ

ފުރިހަމަ ބާރު ކޯޗަށް ދޭނަމަ ބާސާއަށް ދާނަން: ޒަވީ

ކޯޗަށް ލިބޭ ފުރިހަމަ ބާރު އޭނާގެ އަތަށް ލިބޭނަމަ، ބާސެލޯނާގެ ކޯޗަކަށް ވާނެ ކަމަށް، ގަތަރުގެ އަލް ސައާދުގެ ކޯޗް ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ބާސާގެ ކެޕްޓަންކަން ކުރި ޒަވީ ވަނީ، 1998 ން 2015 އަށް ބާސާއަށް ކުޅެފަ އެވެ. އެ ކުލަބާއެކު ލަލީގާގެ ޗެމްޕިއަންކަން އަށް ފަހަރު ހޯދި އެވެ. ބާސާއަށް 700 ށް ވުރެ ގިނަ މެޗު ކުޅުނު ޒަވީ ގަތަރުގެ ސައާދަށް ބަދަލުވީ އޭނާގެ ކެރިއަރުގެ އެންމެ ފަހު ކޮޅުގަ އެވެ. މިދިޔަ އަހަރުން ފެށިގެން އެ ޓީމުގެ ކޯޗްގެ މަގާމު އަދާ ކުރަމުން އަންނަ ޒަވީއަށް ބާސާއިން ވަނީ، އެ ޓީމުގެ ކޯޗް ކަން މިދިޔަ ޑިސެމްބަރު މަހު ހުށަހަޅާފަ އެވެ.

ބާސާގެ ކުރީގެ ކޯޗް އެރުނަސްޓޭ ވަލްވެރުޑޭ މަގާމުން ދުރު ކުރުމަށް ފަހު، ބާސާގެ ކޯޗުކަން އެންމެ ފުރަތަމަ ހުށަހެޅި ޒަވީ އަށެވެ. އެހެންނަމަވެސް އޭރު ހުށަހެޅި ހުށަހެޅުން ޒަވީ ގަބޫލު ނުކޮށް އަނބުރާ ރައްދު ކުރީ އެވެ.

ސްޕެއިންގެ ނޫސް ލަ ވަންގްއެޑާއަށް ދިން އިންޓަވިއުގައި ވާހަކަ ދައްކަމުން، ޒަވީ ބުނެފައި ވަނީ ބާސާއަށް އެނބުރި ދާން ބޭނުންވާކަން އޭނާ އަށް ވަރަށް ސާފް ކަމަށެވެ.

"މިހާރު އަހަރެން ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާތީ އަހަންނަށް އެނގޭ ކުޅުންތެރިންނަށް އަހަރެންގެ ފަރާތުން ކަންތައްތަކެއް ކޮށްދެވޭނެކަން،" ޒަވީ ބުންޏެވެ. "އެކަމަކު އަހަރެން ވާނީ އެމީހުންނަށް [ކުލަބަށް] ސާފް ކޮށްދީފައި އަހަންނަށް ފެންނަނީ އަހަރެން ދާނީ ސުމަކުން ފަށާ ޕްރޮޖެކްޓަކުން އަދި ހުރިހާ ނިންމުމެއް ނިންމުމުގެ ބާރު އަހަންނަށް ދީގެން."