ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ އިލްތިމާސް މެންބަރުންނަށް: ރައްޔިތުންނަށް ގުޅޭނެ ގޮތަކަށް ތިއްބަވާ

ދިމާވެފައިވާ ބަލިމަޑުކަމުގެ ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވަން ވާނީ ރައްޔިތުންގެ ކަންބޮޑުވުންތައް ލިބިވަޑައިގަނެވޭނެ ގޮތަކަށް ކަމަށާއި ރައްޔިތުންނަށް ފަސޭހައިން ގުޅެވޭނެ ގޮތަކަށް މަޖިލީހުގެ މެންބަރުން ތިއްބެވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިލްތިމާސް ކުރައްވައިފި އެވެ.

ވެބް ކޮންފެރެންސް މެދުވެރިކޮށް ކުރިއަށްދާ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކޮވިޑް-19 ގެ ރޯގާއިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އެކަމަކު ސަރުކާރަށް އަޅަން ޖެހިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ވެސް ރައްޔިތުންނަށް މާލީ ގޮތުންނާ އެކި ގޮތްގޮތުން ދަތިތަކެއް ދިމާވަމުންދާ ކަން ނަޝީދު ފާހަގަ ކުރެއްވި އެވެ.

މިފަދަ ހާލަތެއްގައި ރައްޔިތުންގެ މަޖިލީސް ހިންގުން ވަރަށް މުހިއްމު ކަމަށާއި ޖަލްސާތައް ކުރިއަށް ގެންދެވޭނެ އެންމެ ރައްކާތެރި ގޮތެއް ހޯދައި މަޖިލީހުގެ ޖަލްސާތައް ފެށުމަށް ނިންމެވީ ވެސް އެހެންވުމުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ކަންބޮޑުވުމެއް ދިމާވާ ފަހަރުތަކުގައި އެންމެ ފުރަތަމަ އެ ކަމެއް ހިއްސާ ކުރައްވާ އެއް ފަރާތަކީ ރައްޔިތުންގެ މަޖިލީހުގައި އެ ރައްޔިތުން ތަމްސީލު ކުރައްވާ މެންބަރުންނެވެ. އެހެންކަމުން މި ހާލަތުގައި އެ ކަންބޮޑުވުންތައް މެންބަރުންނާ ފަސޭހައިން ހިއްސާ ކުރެވޭނެ ގޮތަކަށް ތިއްބެވުމަށް ނަޝީދު އިލްތިމާސް ކުރެއްވި އެވެ.

"ރައްޔިތުންނަށް ކަންބޮޑުވުމެއް ދިމާވާ ކޮންމެ ފަހަރަކު އެ މީހުން އެންމެ ފުރަތަމަ ގުޅޭ އެއް ފަރާތަކަށް ވާނީ ރައްޔިތުންގެ މެންބަރުން. އަޅުގަނޑު ދެކޭ ގޮތުގައި ތިޔަ އިއްޒަތްތެރި މެންބަރުން ތިއްބަވާން ޖެހޭނީ ރައްޔިތުންނަށް ފަސޭހައިން ގުޅޭނެ ގޮތަކަށް. އަބަދުވެސް ރައްޔިތުންގެ ޝަކުވާ އަޑުއެހޭނެ ގޮތަކަށް." ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ ހުރިހާ ޝަކުވާތަކަށް ޖަވާބު ނުދެވިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ރައްޔިތުން ހިތްހަމަޖެހޭ ވަރަށް އަދި މަޖިލީހުގެ މެންބަރުން ވެސް ރައްޔިތުންނަށްޓަކައި އެދޭ މިންވަރަށް ކަންކަން ނުކުރެވިދާނެ ކަމަށް ވެސް ގަބޫލު ކުރައްވާ ކަމަށެވެ. އެހެންވިޔަސް ރައްޔިތުންނާ އެންމެ ކައިރިން މަސައްކަތް ކުރެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ރައްޔިތުންގެ ގާތުގައި ރައްޔިތުންގެ ވަކީލުން ތިއްބަވަންވީ ވަގުތު. ރައްޔިތުންނާ އެކުގައި ވަކީލުން ތިއްބަވަންވީ ވަގުތު. ބޭނުން ޖެހިފައިވާ ވަގުތު ތިބޭ ރަހުމަތްތެރިންނަކީ ހަގީގީ ރަހުމަތްތެރީން. އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންގެ ހަގީގީ ރަހުމަތްތރިންނަށް ތިޔަ އިއްޒަތްތެރި މެންބަރުން ވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް." ރައީސް ނަޝީދު ވިދާޅުވި އެވެ.

އޭގެ އިތުރުން ސަރުކާރުންނާއި ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކޮށްގެން ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ގެނެސް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައްޔިތުން އިތުބާރު ކުރުމަށް ވެސް ނަޝީދު އެދިވަޑައިގެންނެވި އެވެ. ރައްޔިތުންނާ އެކުގައި ތިބެގެން މަޖިލީހުން ކުރާ މަސައްކަތްތައް ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ރައްޔިތުންނަށް ދިމާވާ މި ކަންކަން ސަރުކާރުން އަޅާލާ، އިޖުތިމާއީ ރައްކާތެރިކަން ދިނުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުން. އަދި ދިވެހިރާއްޖެ އަލުން އަނބުރާ ތެދުވާނެ ގޮތެއް ވެސް ސަރުކާރުން ދަނީ ބަލަމުން. ދިވެހިންނަކީ އަބަދުވެސް ދަތި އުނދަގޫތަކުން އަރައިގަންނަ ބައެއް. ދިމާވި ކާރިސާތައް ވެސް މަދެއް ނޫން." ރައީސް ނަޝީދު ވިދާޅުވި އެވެ.