ކުޅިވަރު

ޓޮޓެންހަމްއަށްޓަކައި މަޑެއް ނުކުރާނަން: ކޭން

ކުލަބަށް ޓަކައި، ޓީމުގައި މަޑު ނުކުރާނެ ކަމަށް، ޓޮޓެންހަމް ހޮޓްސްޕާސްގެ ފޯވަޑް ހެރީ ކޭން ބުނެފި އެވެ.

އިންގްލެންޑްގެ ކުރީގެ މިޑްފީލްޑާ ޖެމީ ރެޑްނެޕްއާ އެކު ކުރިއަށް ގެންދިޔަ އިންސްޓްގްރާމް ލައިވް ޗެޓެއްގައި ވާހަކަ ދައްކަމުން، ކޭން ބުނީ، އޭނާގެ ބޯއީހުޑް ކުލަބު ދެކެ އޭނާ ވަރަށް ބޮޑަށް ލޯބިވާ ކަމަށެވެ. އެހެންނަމަވެސް އެ ކުލަބު ތަރައްގީކޮށް ކުރިއެރުން ހޯދަން މަސައްކަތް ނުކުރާނަމަ ސްޕާސްގައި މަޑު ނުކުރާނެ ކަމަށެވެ.

"އަހަރެން ބޭނުން ކުޅުންތެރިޔެއްގެ ގޮތުގައި ކުރި އެރުން ހޯދަން އެންމެ ޓޮޕް ކުޅުންތެރިޔަކަށް ވާން އަހަރެން ބޭނުން،" ކޭން ވާހަކަ ދެއްކި އެވެ. "އެކަން ކުރެވޭނީ ޓީމަށް ވާ ގޮތަކުން ޓީމެއްގެ ގޮތުގައި އަހަރެމެން ކުރިއެރުން ހޯދަމުން އަންނަނަމަ."

މައުރީޝިއޯ ޕޮޗެޓިނޯ ކޯޗް ކަމުން ވަކި ކުރުމަށް ފަހު، ޓޮޓެހަމްއިން ވަނީ ނޮވެމްބަރު މަހު، ހޯޒޭ މޮރީނިއޯ އެ ޓީމުގެ ކޯޗް ކަމަށް ހަމަޖައްސާފަ އެވެ. އެހެންނަމަވެސް އޭނާއަށްވެސް، ޓޮޓެންހަމް ގޮވައިގެން މާ މައްޗަކަށް އަދި ދެވޭ ގޮތެއް ނުވެ އެވެ. ކޮވިޑް-19 އާ ގުޅިގެން ލީގް މެދުކަނޑާލިއިރު އެ ކުލަބު އޮތީ އަށް ވަނައިގަ އެވެ.

އަންނަ ސީޒަން ވެގެންދާނީ، މޮރީނިއޯއަށް ޕްރީ ސީޒަނަކާއެކު މަސައްކަތް ކުރަން ލިބޭ ފުރަތަމަ ސީޒަނަށެވެ. ކޭން ބުނީ ޕްރީ ސީޒަނާއެކު މޮރީނިއޯ ގެންނަ ބަދަލުތައް ބަލާލަން ޝައުގުވެރިވާ ކަމަށާއި ހަމައެޔާއެކު ތަށި ހޯދުމަށްވެސް އޭނާ ސަމާލުކަން ދޭ ކަމަށެވެ.

"އޭނާ އަކީ ވަރަށް ތެދަށް ވާހަކަ ދައްކާ މީހެއް،" މޮރީނިއޯ އާ ބެހޭގޮތުން ކޭން ބުންޏެވެ. "އޭނާ ކުޅުންތެރިޔަކާ މެދު ޝައުގުވެރި ނުވަންޏާ އޭނާ ބުނާނެ ސީދަލަށް، ވަކި ކުޅުންތެރިޔަކާ މެދު ޝައުގުވެރި ނުވަންޏާވެސް އޭނާ ބުނާނެ އެ ވާހަކަވެސް ސީދަލަށް، އެގޮތަށް އަހަންނާ އޭނާއާ މެދު ރަނގަޅު ގުޅުމެއް އެބައޮތް."