އިނގިރޭސި ޕްރިމިއާ ލީގްގެ ކުލަބު، ނިއުކާސަލް ޔުނައިޓެޑް ގަތުމަށް ސައުދީ އަރަބިއްޔާއިން ކުރަމުންދާ މަސައްކަތުގެ އެއްބަސްވުމާ ދާދި ކައިރިއަށް އަތުވެއްޖެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ސޮވެރިން ފަންޑު، ސައުދީ ސޮވެރިން ފަންޑުން ހަރަދު ކޮށްގެން ނިއުކާސަލް ޔުނައިޓެޑް ގަތުމަށް ހުށަހެޅުއްވީ އެ ގައުމުގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާންގެ ފަރާތްޕުޅުންނެވެ. މުހައްމަދު ވަނީ ކުރިން މެންޗެސްޓާ ޔުނައިޓެޑް ބައްލަވައި ގަތުމަށް ވެސް ހުށަހަޅުއްވާފަ އެވެ. ނަމަވެސް އެކަން ނާކާމިޔާބުވީ، ޔުނައިޓެޑް ވިއްކާލުމަށް އެ ކުލަބުގެ ވެރިން ބޭނުން ނުވުމުންނެވެ.
ސައުދީގެ ސޮވެރިން ފަންޑުން ހުށަހަޅާފައި ވަނީ ކުލަބުގެ 80 ޕަސެންޓް ހިއްސާ ގަތުމަށެވެ. އެއީ 340 މިލިއަން ޕައުންޑްގެ އަގެވެ. ބާކީ 20 ޕަސަންޓްގެ ތެރެއިން 10 ޕަސަންޓް ގަންނަނީ އިނގިރޭސި ވިލާތުގެ އަންހެން މަހުޖަނެއް ކަމަށްވާ، އަމަންޑާ ސްޓޭވްލީގެ ޕީސީޕީ ކެޕިޓަލްއިންނެވެ. އަނެއް 10 ޕަސަންޓްގެ ހިއްސާ ގަންނަނީ އިނގިރޭސި ވިލާތުގެ އެންމެ މުއްސަނދި އާއިލާ ރިއުބެން ބްރަދާސް އެވެ.
ކުލަބުގެ ހަރު މުދާތަކުގެ މިލްކިއްޔާތު ބޮޑުބައެއް ބަލަހައްޓާނީ ރިއުބެން ބްރަދާސްގެ ފަރާތުންނެވެ. ކުލަބުގެ ހަރު މުދަލުގެ އަގަކީ 18 ބިލިއަން ޕައުންޑެވެ.
އިނގިރޭސި ވިލާތުގެ ޓެލެގްރާފް ނޫހުން ބުނެފައި ވަނީ، ކުލަބުގެ މިލްކިއްޔާތު ބަދަލު ކުރުމުގެ މަރުހަލާގައިވާކަން، އެ ފަރާތްތަކުން ޕްރިމިއާ ލީގަށް އަންގާފައިވާ ކަމަށެވެ. ބޯޑް ޑައިރެކްޓަރުންގެ ގޮތުގައި އަމަންޑާ އާއި ރިއުބެންގެ ވެރިޔާ ޖެމީ ރިއުބެން ގެ ދަރިކަލުން ޑޭވިޑް ރިއުބެން އަދި ސައުދީގެ ސޮވެރިން ފަންޑްފެ ގަވަރުނަރު ޔާސިރު އަލް ރުމައްޔާންގެ ނަން ޕްރިމިއާ ލީގަށް ފޮނުވާނެ އެވެ. އެ މަރުހަލާގެ ރަޖިސްޓްރޭޝަން ނިންމުމަށް އެއް މަސް ދުވަސް ހޭދަ ވާނެ ކަމަށް ޓެލެގްރާފުން ރިޕޯޓް ކޮށްފައި ވެއެވެ.
އަމަންޑާ ވަނީ، 2017 ވަނަ އަހަރުވެސް ނިއުކާސަލް ގަތުމަށް ހުށަހަޅާފަ އެވެ. އޭރު އޭނާއަށް އެ މަސައްކަތް ކާމިޔާބެއް ނުވި އެވެ. ނިއުކާސަލް ވިއްކާލާތީ އެ ކުލަބުގެ ބައެއް ސަޕޯޓަރުން ހިޔާލު ތަފާތު ވިނަމަވެސް ގިނަ ސަޕޯޓަރުން ތިބީ އެކަމާ ހިތްހަމަ ޖެހިފަ އެވެ. އެ ކުލަބުގެ މިހާރުގެ ވެރިޔާ މައިކް އެޝްލީގެ ޗެއާމަންޝިޕްގެ ދަށުން ކުލަބަށް އެކާށީގެންވާ ކުރިއެރުން ނުލިބޭތީ ގިނަ ސަޕޯޓަރުން ތިބީ ހިތްހަމަ ނުޖެހިފަ އެވެ.
ކުލަބާ އަލަށް ހަވާލުވާ މެނޭޖުމެންޓްގެ ޓީމުން، ކުލަބު ތަރައްގީ ކުރުމުގެ މަސައްކަތުގައި ދީފައިވާ ނަމަކީ "ޕްރޮޖެކްޓް ޒެބްރާ" އެވެ. އެއީ އެއީ ނިއުކާސަލްގެ ކަޅާއި ހުދުގެ ރޮނގުތަކަށް ނިސްބަތް ކޮށެވެ.