ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތްއަށް ލިބިދީފައިވާ ބާރުގެ ދަށުން، ރަށްރަށުން ރިސޯޓްތަކަށް އެރުން މަނާކޮށްފައިވަނިކޮށް އެ އެންގުމާ ހިލާފަށް ރިސޯޓަކަށް އެރި މީހަކަށް ދައުވާކޮށްފި އެވެ.
ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތްއަށް ލިބިދީފައިވާ ބާރުގެ ދަށުން، ރަށްރަށުން ރިސޯޓްތަކަށް ދަތުރުކުރުން ހުއްޓައިލުމަށް އެންގި އެންގުމާ ހިލާފުވި މީހަކަށް ދައުވާ ކޮށްފައިވާ ކަމަށެވެ.
އެއީ ޖޭއޭ މަނަފަރު ރިސޯޓަށް އެރި މީހެކެވެ. އޭނާގެ މައްޗަށް އުވާ އުފުލާފައިވަނީ ގާނޫނުލްއުގޫބާތުގެ 533 ވަނަ މާއްދާގެ ދަށުން ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލަ ހުށައަޅާފައިވަނީ ހއ. ކެލާ މެޖިސްޓްރޭޓް ކޯޓަށެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގުމާ ހިލާފަށް ޖޭއޭ މަނަފަރު ރިސޯޓަށް އެރި މީހާ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
ރިސޯޓްތަކަށް އެރުމާއި، ފޭބުން މަނާކޮށްފައިވަނިކޮށް އެ އެންގުމާ ހިލާފުވާ ފަރާތްތައް އެކުރަނީ ކުށެއް ކަމަށާ އެފަދަ މައްސަލަތައް ބަލާ ދައުވާ އުފުލަންޖެހޭ ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރައްވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެފަދަ ގިނަ މައްސަލަތަކެއް މިހާތަނަށް ވަނީ ހިނގާފައެވެ.
އެގޮތުން ހދ. ހޮނޑާފުށި އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު އޭނާގެ ތަކެތި ނަގަން އެ ރިސޯޓަށް އެރުމަށް ފަހު ހދ. ހަނިމާދޫއަށް ދިއުމުން ވަނީ ހައްޔަރުކޮށްފައެވެ. އަދި އަދާރަން ޕްރިސްޓީޖް ވާދޫ ރިސޯޓުގެ މުއައްޒަފަކު ރިސޯޓުން ފައިބަން ހުއްދަ ނުދިނުމުން އެ ރިސޯޓުގައި ރޯކޮށްލާނެ ކަމަށް ބުނި މައްސަލައެއް ފުލުހުން ދަނީ ބަލަމުންނެވެ.
މީގެ އިތުރުން އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރާ ފަން އައިލެންޑް ރިސޯޓުން އޮޅުވެލި ބީޗް ރިސޯޓަށް ފަތާފައި ދިޔަ މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އޭނާ ފަތާފައި އޮޅުވެލި ބީޗް ރިސޯޓަށް އެރުމަށް މޫދުގައި އޮތްވާ ހުއްޓުވައި ހައްޔަރު ކޮށްފައިވާ ކަމަށާއި އޭނާއަކީ ފަން އައިލެންޑް ރިސޯޓްގެ މުވައްޒަފެއް ކަމަށާއި އޭނާ އޮޅުވެލި ރިސޯޓަށް ފަތާފައި ދިޔައީ ސިނގިރޭޓެއް ގަންނަން ކަމަށް ބުނެފައިވާ ކަމަށެވެ.