ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހުސައިން ޝަމީމް

އެންގުންތަކާ ހިލާފުނުވޭ، ތިކުރެވެނީ ބޮޑު ކުށެއް: ޕީޖީ

ރިސޯޓްތަކަށް އެރުމާއި، ފޭބުން މަނާކޮށްފައިވަނިކޮށް އެ އެންގުމާ ހިލާފުވާ ފަރާތްތައް އެކުރަނީ ކުށެއް ކަމަށާ އެފަދަ މައްސަލަތައް ބަލާ ދައުވާ އުފުލަންޖެހޭ ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރައްވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ކޮވިޑް19 އާ ގުޅިގެން ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ރިސޯޓްތަކުން އެހެން ރަށްތަކަށް ދަތުރުކުރުމާއި، އަދި އެހެން ރަށްރަށުން ރިސޯޓްތަކަށް ދިއުން ވަނީ މަނާކޮށްފައެވެ. ނަމަވެސް އެކަން މަނާކުރި ފަހުން ބައެއް ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒިފުން ވަނީ އެ އެންގުމާ ހިލާފަށް އަމަލުކޮށްފައެވެ. އެ މީހުން ފުލުހުން ހައްޔަރުކޮށްފައިވާއިރު ބައެއް މުވައްޒިފުން ރިސޯޓުން ފައިބަން ހުއްދަ ނުދިނުމުން ރިސޯޓްގައި ރޯކޮށްލާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

އަވަސްއާ ވާހަކަދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ އެންމެންގެ ރައްކާތެރިކަމަށްޓަކައި އަޅާފައިވާ މުހިންމު ފިޔަވަޅުތަކަކާ ހިލާފަށް އެއްވެސް މީހަކު އަމަލު ކޮށްގެން ނުވާނެ ކަމަށެވެ. އެގޮތަށް އަމަލުކުރާ މީހާ އެ ކުރަނީ ވަރަށް ބޮޑު ކުށެއް ކަމަށެވެ.

"ހަގީގަތުގައި މިއީ ވަރަށް ސީރިއަސް ކަމެއް. މިއީ ސަކަރާތް ޖަހާވަރު ކަމެއް ނޫން. މި ފިޔަވަޅުތަކަކީ ގައުމާއި އެންމެންގެ ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކެއް އެހެންވީމަ މި ފިޔަވަޅުތައް ދެމެހެއްޓުމަށް އަޅުގަނޑުމެން އެއްބާރުލުންދޭނަން." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ރިސޯޓްތަކުގައި ތިބި މުވައްޒިފުންނަށްވެސް ކޮންމެހެން ރަށައް ދާންޖެހޭ ހާލަތެއް މެދުވެރިވެދާނެ ކަމަށެވެ. އެފަދަ ހާލަތެއްގައި ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށް ގޮތްތަކެއް ހޯދަން މަސައްކަތް ކުރުމަށް ޕީޖީ ވަނީ އެދިފައެވެ.

"މިސާލަކަށް ސިގިރޭޓެއް ހޯދަން ވެގެން ފަތާފައި އެހެން ރަށަކަށް މިދަނީ. މިއީ ގަބޫލުކުރެވޭނެ ކަމެއް ނޫން ދެއްތޯ. އެހެން ނަމަވެސް މިސާލަކަށް މަންމަ، ބައްޕަ ނޫނީ ދަރިފުޅު ބަލިވީ، ކޮންމެހެން އެހީތެރިވާން އެ މުވައްޒިފު ދާންޖެހުނީ. މިއީ އަޅުގަނޑުގެ ނަޒަރުގައި ވަރަށް ހާއްސަ ހާލަތެއް، މިފަދަ ހާލަތެއް ދިމާވިނަމަވެސް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް ގޮތްތަކެއް ހޯދަން މަސައްކަތްކުރާށޭ އަޅުގަނޑުގެ އިލްތިމާސަކީ."

ހދ. ހޮނޑާފުށި އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު އޭނާގެ ތަކެތި ނަގަން އެ ރިސޯޓަށް އެރުމަށް ފަހު ހދ. ހަނިމާދޫއަށް ދިއުމުން ރޭ ވަނީ ހައްޔަރުކޮށްފައެވެ. އަދި އަދާރަން ޕްރިސްޓީޖް ވާދޫ ރިސޯޓުގެ މުއައްޒަފަކު ރިސޯޓުން ފައިބަން ހުއްދަ ނުދިނުމުން އެ ރިސޯޓުގައި ރޯކޮށްލާނެ ކަމަށް ބުނި މައްސަލައެއް ފުލުހުން ދަނީ ބަލަމުންނެވެ.

މީގެ އިތުރުން އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރާ ފަން އައިލެންޑް ރިސޯޓުން އޮޅުވެލި ބީޗް ރިސޯޓަށް ފަތާފައި ދިޔަ މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އޭނާ ފަތާފައި އޮޅުވެލި ބީޗް ރިސޯޓަށް އެރުމަށް މޫދުގައި އޮތްވާ ހުއްޓުވައި ހައްޔަރު ކޮށްފައިވާ ކަމަށާއި އޭނާއަކީ ފަން އައިލެންޑް ރިސޯޓްގެ މުވައްޒަފެއް ކަމަށާއި އޭނާ އޮޅުވެލި ރިސޯޓަށް ފަތާފައި ދިޔައީ ސިނގިރޭޓެއް ގަންނަން ކަމަށް ބުނެފައިވާ ކަމަށެވެ.