ކުޅިވަރު

ޓޯކިއޯ އޮލިމްޕިކްސްގެ އާ ތާރީހު ކަނޑައަޅައިފި

އޮލިމްޕިކް ގޭމްސްގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެ ގޭމް ފަސްކޮށް، އާ ތާރީހުތަކެއް ކަނޑައަޅައިފި އެވެ.

ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި ބާއްވާ ގޭމްސް ދެން އޮންނާނީ، އަންނަ އަހަރުގެ ޖުލައި 23 އިން އޯގަސްޓް މަހުގެ އަށަކަށެވެ. އިންޓަނޭޝަނަލް އޮލިމްޕިކް ކައުންސިލުން އެގޮތަށް ނިންމީ، އައިއޯއައިސީގެ ވެރިންނާއި ޖާޕާންގެ ސަރުކާރާ ދެމެދުގައި ގިނަ މަޝްވަރާތަކެއް ކުރުމަށް ފަހު އެވެ. ގޭމްސްގެ ތެރޭގައި ހިމެނޭ ޕެރަލިމްޕިކްސް ގޭމްސް އޮންނާނީ ޖުލައި 24 ން އޯގަސް މަހުގެ ފަސް ވަނަ ދުވަހަށެވެ.

ކުރިން އޮތް ގޮތުން މި ގޭމްސް ބާއްވަން ތާވަލު ކޮށްފައި ވަނީ، މިއަހަރު ޖުލައި 24 އިން އޯގަސްޓް އަށަކަށެވެ. މިދިޔަ ހަފުތާގައި އިންޓަނޭޝަނަލް އޮލިމްޕިކް ކައުންސިލްގެ ރައީސް ތޯމަސް ބާކް އާއި ޖަޕާންގެ ބޮޑު ވަޒީރު ޝެންޒޯ އަބޭ ބޭއްވި ވީޑިއޯ ކޮންފަރެންސްގައި އިއުލާން ކުރީ އަންނަ އަހަރަށް ގޭމްސް ފަސް ކުރުމަށް ކަމަށެވެ.

އައިއޯއައިސީން ވަނީ ގައުމުތަކުގެ މަޝްވަރާ ހޯދާފަ އެވެ. ރާއްޖެއިން ދެކޭ ގޮތް ހާމަ ކުރުމަށް، އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކެޓްރީ އަހްމަދު މަރުޒޫގް ވަނީ ތޯމަސް ބާކް އާއެކު ކުރިއަށް ގެންދިޔަ ވީޑިއޯ ކޮންފަރެންސެއްގައި ބައިވެރި ވެފަ އެވެ.