ކޮވިޑް-19 އިގެ އަލާމާތްތައް ފެނިގެން ޑޮކްޓަރަކު އެކަހެރިކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ކޮވިޑް- 19 އަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބުރޫކް އަޒީޒް މިރޭ ވިދާޅުވީ ރޯޔަލް އައިލެންޑްގައި މަސައްކަތް ކުރައްވަމުން ގެންދެވި ޑޮކްޓަރެއްގެ ކިބައިން ކޮވިޑް- 19 ގެ އަލާމާތްތައް ފެނިގެން އޭނާ މިހާރު އެކަހެރި ކޮށްފައިވާ ކަމަށެވެ.
އަދި ކޮވިޑް- 19 އަށް އޭނާ ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އައިސޮލޭޝަންގައި މިވަގުތު ހުރީ ރޯޔަލް އައިލެންޑްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ ޑޮކްޓަރެކެވެ. އެ ރަށުން މީގެ ކުރިން ކޮވިޑް-19 އަށް މީހަކު ވަނީ ޕޮޒިޓިވް ވެސް ވެފައެވެ.
މަބުރޫކް ވިދާޅުވީ ޑޮކްޓަރެއް ނުވަތަ ސިއްހީ އެހީތެރިއެއްގެ ކިބައިން ކުޑަ ނަމަވެސް އަލާމާތެއް ފެނިއްޖެނަމަ ވަގުތުން އެކަހެރިކޮށް ޓެސްޓް ކުރާ ކަމަށެވެ. މިވަގުތު އައިސޮލޭޝަންގައި 15 މީހަކު އެބަތިއްބެވެ. އަދި ކަރަންޓީންގައި 866 މީހުން އެބަ ތިއްބެވެ.
މިހާރު ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާދެމުން ދަނީ ތިން ދިވެހިންނަށް އެކަންޏެވެ. ޕޮޒިޓިވްވި 13 ބިދޭސީން ވަނީ ބަލިން ރަނގަޅުވެފަ އެވެ. އެމީހުން މިހާރު ތިބީ 30 ދުވަހު މޮނީޓަރިންގަ އެވެ.
ފުރަތަމަ ޕޮޒިޓިވްވި ދެ ދިވެހިންނާ ކޮންޓެކްޓްވި 34 މީހަކު މާލޭގައި އެކަހެރިކޮށް މޮނީޓާ ކުރަމުންދެ އެވެ. އޭގެ ތެރޭގައި އެއާޕޯޓް މުވައްޒަފުން ވެސް ހިމެނެ އެވެ. ތިންވަނައަށް ޕޮޒިޓިވްވި ދިވެހި މީހާއަކީ ދެވަނައަށް ޕޮޒިޓިވްވި ދިވެހި މީހާއާ ކަރަންޓީނު ފެސިލިޓީ ވެލިދޫގައި އެއް ކޮޓަރިއެއްގައި ހުރި މީހެކެވެ.