ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް މުހައްމަދު ނަޝީދު

ނަޝީދު ޓެސްޓް ކުރަން ނިންމި ސައިންޓިފިކް ހަމައަކާ މެދު ސުވާލު އުފައްދަވައިފި

މި މަހުގެ މާޗު މަހުގެ 14 ވަނަ ދުވަހުން ފެށިގެން އިނގިރޭސިވިލާތުން ރާއްޖެ އައި ހުރިހާ ދިވެހިން ޓެސްޓް ކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމި ސަބަބަކާ މެދު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސުވާލު އުފައްދަވައިފި އެވެ.

އިނގިރޭސިވިލާތުން ރާއްޖެ އައި ތިން ދިވެއްސަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. މި ތިން މީހުން ވެސް ރާއްޖެ އައި ގޮތަށް ތިބީ ކަރަންޓީނު ފެސިލިޓީގަ އެވެ. މިހާރު ރާއްޖެއިން ބޭރުން އަންނަ ކޮންމެ ދިވެއްސަކު ވެސް 14 ދުވަހު ކަރަންޓީނަށް ދާން ޖެހެ އެވެ.

މިދިޔަ މަހުގެ 11 އިން 14 އަށް ރައީސް ނަޝީދު ވެސް ހުންނެވީ އަމިއްލަ ދަތުރުފުޅެއްގައި އިނގިރޭސިވިލާތުގަ އެވެ. އެކަމަކު ބަލީގެ އަލާމާތްތައް ނުހުންނަ ފަރާތްތައް އޭރު ޓެސްޓް ނުކުރާތީ ރައީސް ނަޝީދު ޓެސްޓްކޮށްފައެއް ނުވެ އެވެ. އެޗްޕީއޭ އިން މިހާރު ނިންމާފައިވާ ގޮތުން ރައީސް ނަޝީދު ވެސް ޓެސްޓް ކުރަން ޖެހޭނެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އޭރު އެމަނިކުފާނު ބައްޔަށް ޓެސްޓް ކޮށްފައި ނުވަނީ އެ ބަލީގެ އެއްވެސް އަލާމާތެއް ފެންނަން ނެތުމުން ކަމަށާއި މިއަދާ ހަމައަށް ވެސް ހުމާއި ރޯގާ ފަދަ ބައްޔެއްގެ އެއްވެސް އަލާމާތެއް ނެތް ކަމަށެވެ.

އެހެން ނަމަވެސް އެޗްޕީއޭއިން އަންގާ ގޮތަކަށް އަމަލު ކުރުމަށް އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށް ވިދާޅުވި އެވެ. އެ ގޮތުން ބައްޔަށް ޓެސްޓް ކުރަން ޖެހޭނަމަ ޓެސްޓް ކުރުމަށް ވެސް ތައްޔާރަށް ހުންނެވި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރަށް މިދިޔަ މަހުގެ 14 ދުވަހުން ފެށިގެން އިނގިރޭސިވިލާތުން އައި ދިވެހިން ޓެސްޓް ކުރަން އެޗްޕީއޭއިން ނިންމީ ކޮން ސައިންޓިފިކް ހަމަތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް ނަޝީދު ސުވާލު ކުރެއްވި އެވެ. އެ ތާރީހަށް ކަނޑައެޅުނު ސަބަބަކާ މެދު ނަޝީދު ސުވާލު އުފެއްދެވި އެވެ.

"ޓެސްޓް ކުރަން މި އޮންނަނީ، ޕަބްލިކް ހެލްތުން އަޅުގަނޑަށް ވެސް މައުލޫމާތު ދިން ގޮތުގައި، އެ ކޮވިޑްގެ ބަލީގެ ނިޝާންތައް ހުރި މީހުނަށް، އިރާދަފުޅުން އަޅުގަނޑުގެ ނިޝާނެއް ނެތް، އަޅުގަނޑު މިހާރު ޓެސްޓް ކުރަން ތައްޔާރަށް ހުއްޓަސް ޑޮކްޓަރުން އަދި ޕަބްލިކް ހެލްތު ކައިރި އަހާލަން ބޭނުން 14 ވަނަ ދުވަހުގެ ތާރީހަށް ތި ނިންމީ ކޮން ސައިންޓިފިކް ރޭޝަނަލްއެއްގެ މައްޗަށް ބިނާކޮށްފައިތޯ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވީ 18 މީހެކެވެ. އޭގެ ތެރެއިން އިނގިރޭސިވިލާތުން ރާއްޖެ އައި ތިން ދިވެހިންނާއި ރާއްޖޭން ބޭރަށް ފުރައިގެން ދިޔަ އިޓަލީ ދެ ޓޫރިސްޓުން ފިޔަވައި އެންމެން ވަނީ ބަލިން ރަނގަޅު ކުރެވިފަ އެވެ. ބަލިން ރަނގަޅު ކުރެވުނު މީހުންނަކީ މުޅިން ވެސް ބިދޭސީންނާއި ޓޫރިސްޓުންނެވެ.

އިނގިރޭސިވިލާތުން ރާއްޖެ އައި ތިން ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު އިނގިރޭސިވިލާތުގައި ދިރިއުޅެމުންދާ ދިވެހި އަންހެނަކު ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އެއީ އިނގިރޭސިވިލާތުގައި އުޅޭ ދިވެހި ޑޮކްޓަރެއްގެ އަނބިމީހާ އެވެ. އެ ޑޮކްޓަރު ވެސް ހުރީ ބައްޔަށް ޝައްކު ކުރެވޭތީ ގޭގައި އެކަހެރި ކޮށްފަ އެވެ.