ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅިވަރު

އިނގިރޭސި ފުޓްބޯޅައިގެ މުސާރަތައް ދަށް ކުރަން ޖެހޭ

އިނގިރޭސި ފުޓްބޯޅަ ސަލާމަތް ކުރަން، މެނޭޖަރުން (ކޯޗުން) އަދި އޮފިޝަލުންގެ މުސާރަތައް ތިރި ކުރަން އެއްބަސްވާން ޖެހޭ ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ޗެއާމަން ޑެނިއަލް ލެވީ ބުނެފި އެވެ.

މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ، ކޮވިޑް-19 ގެ އުނދަގޫ ހާލަތުގައި ސްޕާސްގެ މުސާރަ ލިބޭ މީހުންގެ ތެރެއިން، ނޯން ސްޕޯޓިން ވަޒީފާތަކުގައި ތިބި، 550 މުވައްޒަފުންގެ 20 ޕަސަންޓް މުސާރަ ކުޑަ ކޮށްފައިވާކަން އިއުލާން ކުރަމުން ލެވީ ބުނީ، ހާލަތާ ގުޅޭ އެންމެ ރަނގަޅު ހައްލެއް އޭނާގެ ކުލަބަށް ހޯދިއްޖެ ކަމަށެވެ.

މުސާރަތައް ދަށް ކުރި ފަރާތްތަކުގެ ތެރޭގައި ލެވީ ވެސް ހިމެނެ އެވެ. މިދިޔަ އަހަރުގެ ޖޫން 30ގެ ނިޔަލަށް އެއް އަހަރު ތެރޭ ލެވީ ވަނީ މުސާރައިގެ ގޮތުގައި ތިން މިލިއަން ޕައުންޑް ނާގަފަ އެވެ. އަދި ސްޓޭޑިއަމް ނިންމިކަމުގެ ބޯނަހުގެ ގޮތުގައި އިތުރު ހަތަރު މިލިއަން ޔޫރޯވެސް އޭނާ ވަނީ ލިބިގަންފަ އެވެ.

ކުޅުންތެރިންނާއި ކޯޗުން އަދި އޮފިޝަލުންގެ ވަޒީފާތައް ހިމާޔަތް ކުރަން އެދޭނަމަ، މުސާރަ ތިރި ކުރަން އެއްބަސްވުމަށް ލެވީ ވަނީ އިލްތިމާސް ކޮށްފަ އެވެ. ކުލަބުތަކުން މަސައްކަތް ކުރަނީ ޖަމާއީ ގޮތެއްގައި ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވާ މާލީ ގޮންޖެހުންތަކާ ކުރިމަތި ލުމަށެވެ.

އިނގިރޭސި، ލީގްގެ ޕްރޮފިޝަނަލް ފުޓްބޯލާސް އެސޯސިއޭޝަންގެ ޗެއާމަން ގޯޑަން ޓޭލާ ބުނީ، ކުޅުންތެރިންގެ މުސާރަތައް އުސޫލެއް ނެތި ދަށް ކުރަން ހުށަހަޅާ ހުށަހެޅުން އޭނާ ހުއްޓު ވާނެ ކަމަށެވެ.

ނޯން ސްޕޯޓިން މުވައްޒަފުންގެ މުސާރަތައް ދަށް ކުރި އިނގިރޭސި ޕްރިމިއާ ލީގްގެ ދެ ވަނަ ކުލަބަކީ ސްޕާސް އެވެ. އެންމެ ފުރަތަމަ އެ ފިޔަވަޅު އެޅި ކުލަބަކީ ނިއުކާސަލް ޔުނައިޓަޑެވެ. އެ ދެ ކުލަބުންވެސް ހުށަހެޅީ ނޯން ސްޕޯޓިންގެ މުވައްޒަފުންގެ މުސާރައިގެ 80 ޕަސަންޓް ދިނުމަށެވެ.