ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިބްރާހިމް ޝަރީފު

އަމިއްލަ މަސައްކަތް ކުރާ މީހުނަށް ސަރުކާރުން ހިލޭ އެހީ ދޭން ޖެހޭ: ޝަރީފު

ކޮވިޑް-19 ގެ ސަބަބުން އިގްތިސާދު ދަށްވެ އަމިއްލަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދައިގެން ދިރިއުޅެމުންދާ ފަރާތްތަކަށް ދިމާވާ މާލީ ދަތިތަކުން އަރައިގަތުމަށްޓަކައި އަނބުރާ ފައިސާ ދައްކަން ނުޖެހޭ ގޮތަށް ސަރުކާރުން ހިލޭ އެހީ ދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު) ވިދާޅުވެއްޖެ އެވެ.

އިގްތިސާދު ދަށްވާތީ ސަރުކާރުން ތައާރަފު ކުރި ޕެކޭޖްގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް ގޮވާލައި ހުށަހަޅާފައިވާ ކުއްލި މައްސަލައަށް ބަހުސް ކުރަމުން މަވޯޓާ ޝަރީފު ވިދާޅުވީ އެ ޕެކޭޖަކީ އިގްތިސާދަށް އައިސްފައިވާ ހިނާރުކަމުން އަރައިގަތުމަށް އެންމެ އެކަށީގެންވާ މިންވަރު ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ.

ސަރުކާރުގެ ޕެކޭޖްގެ ތެރެއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޝޯޓް ޓާމް ލޯނެއް ދިން ކަމަށް ވިޔަސް ސަރުކާރުން ވަޒީފާ ގެއްލޭ ފަރާތްތަކަށާއި އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައި މީހުނަށް ވަކިން ހާއްސަ ޕެކޭޖެއް އޮންނަން ޖެހޭ ކަމަށް ޝަރީފު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ޕެކޭޖްގެ ތެރެއިން އެ ފަރާތްތަކަށް ފައިސާ ދޫކުރަން ވާނީ ވެސް އަނބުރާ ފައިސާ ދައްކަން ޖެހޭ ގޮތަށް ނޫން ކަމަށާއި ދޭން ވާނީ ހިލޭ އެހީއެއް ކަމަށެވެ.

"ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ހާލުގައި މި ޖެހޭ ރައްޔިތުންނަށް ހިލޭ އެހީއެއް ދައުލަތުގެ ފަރާތުން ދޭން އެބަ ޖެހޭ، ވަޒީފާ ގެއްލޭ ފަރާތްތަކަށާއި އަމިއްލަ މަސައްކަތުން ދުވަހުން ދުވަހަށް މަސައްކަތް ކޮށްގެން، މިސާލަކަށް ޓެކްސީ ޑްރައިވަރުން ފަދަ މީހުން ލިބޭ އާމްދަނީ ގެއްލިގެން ދިޔައިމާ އެ މީހުނަށް އެބަ ޖެހޭ ވަކި ޕެކޭޖެއް ތައާރަފު ކުރަން،" މެންބަރު މަވޯޓާ ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ، ސަރުކާރުން އަލަށް ޕެކޭޖެއް ތައާރަފު ކޮށްގެން ވިޔަސް ނުވަތަ މިހާރު ތައާރަފުކޮށްފައިވާ ޕެކޭޖްގެ ތެރެއިން ކަމަށް ވިޔަސް އެފަދަ ރައްޔިތުންނަށް ސަރުކާރުގެ މާލީ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ހިލޭ އެހީއެއް ދޭނެ އިންތިޒާމުތަކެއް ހަމަޖައްސާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އިގްތިސާދަށް އައި ހިނާރުކަމާއެކު ބޮޑެތި އާމްދަނީ ހޯދަމުން ދިޔަ ޓޫރިސްޓް ރިސޯޓުތަކުން މިހާރު ވިޔަފާރި ވަމުން ނުދާތީ މުވައްޒަފުން ނޯޕޭއަށް ނުވަތަ މުސާރަ ނުދޭ ގޮތަށް ޗުއްޓީއަށް ފޮނުވާލާ މައްސަލާގައި އެ ވިޔަފާރިތަކަށް މަޖިލީހުގެ ބައެއް މެންބަރުން ފާޑުވިދާޅުވަމުން ދާތީ ޝަރީފު ވަނީ އެ ކަމަށް ރައްދެއް ދެއްވައިފަ އެވެ.

ޝަރީފު ވިދާޅުވީ އާދައިގެ އިގްތިސާދެއްގެ ގޮތުގައި އޮތްވާ ބޮލަކަށް 15،000 ޑޮލަރު ޖެހޭ ވަރަށް ރާއްޖޭގެ އިގްތިސާދު ކުރި އަރައިގެން ގޮސްފައި ވަނީ ރާއްޖެއަށް އެތައް މިލިއަން ރުފިޔާ އިން އިންވެސްޓް ކޮށްފައިވާ ވިޔަފާރިވެރިންގެ ސަބަބުން ކަމަށެވެ. މި ހާލަތުގައި އިންވެސްޓްމަންޓްތައް ގެއްލޭ ގޮތަށް ވާހަކަތައް ނުދެއްކުން އޭނާ އެދިވެވަޑައިގެންނެވި އެވެ.

މީގެ އިތުރުން މާލީ ތަނަވަސްކަން ހުރި މީހުންގެ އެހީ ދައުލަތަށް ބޭނުންވާ ކަމަށާއި އެ ކަމަށް ފަންޑެއް ހުޅުވާލުން ރަނގަޅު ކަމަށް ޝަރީފު ވިދާޅުވި އެވެ. މި ހާލަތުގައި ދައުލަތަށާއި ހާލުގައި ޖެހިފައި ތިބި މީހުނަށް އެހީތެރިކަން ދޭން ބޭނުންވާ ތަނަވަސް ފަރާތްތަކަށް އެ ފަންޑަށް ފައިސާގެ އެހީ ދެވޭނެ ގޮތަކަށް ކަންކަން ބައްޓަން ކުރުމަށް ގޮވާލެއްވި އެވެ.