ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ޓޫރިޒަމް ދަށްވެ، ދައުލަތުގެ އާމްދަނީއަށް ބޮޑު ހީނަރުކަމެއް

ކޮވިޑް-19 ގެ ސަބަބުން ޓޫރިޒަށް ދަށްވެ، ދައުލަތަށް ލިބޭ އާމްދަނީ ވަރަށް ބޮޑުތަން ދަށަށް ހިނގައްޖެ އެވެ.

މިދިޔަ އަހަރު މާޗް 26، ގެ ނިޔަލަށް ދައުލަތަށް ހިލޭ އެހީއާއެކު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 6 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރުގެ 26 މާޗްގެ ނިޔަލަށް ދައުލަތުގެ ޖުމްލަ އާމްދަނީ ވަނީ 4.5 ބިލިއަން ރުފިޔާ އަށް ދަށްވެފަ އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ "ހަފުތާގެ މާލީ ހިސާބުތައް" ދައްކާ ގޮތުގައި މިދިޔަ މަހުގެ 26 ގެ ނިޔަލަށް ޓޫރިޒަމް ޖީއެސްޓީ އިން ދައުލަތަށް ލިބުނީ 1.2 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި 1.4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އާއްމު ވިޔަފާރި ތަކުން ޖީއެސްޓީގެ ގޮތުގައި މިދިޔަ އަހަރު 2 ބިލިއަން ރުފިޔާ ލިބުނެވެ. ނަމަވެސް މި އަހަރު ލިބިފައިވަނީ 1.7 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މި މުއްދަތުގައި ދެއްކި ވިޔަފާރީގެ ފައިދާގެ ޓެކްސް، ބީޕީޓީ ވަނީ އިތުރުވެފަ އެވެ. މި އަހަރު 918.8 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. މި އަހަރު 869.4 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.

ދައުލަތުގެ އާމްދަނީ ކުރުކޮށް:

  • ޓީޖީއެސްޓީ: 1.2 ބިލިއަން ރުފިޔާ
  • ޖީއެސްޓީ : 1.7 ބިލިއަން ރުފިޔާ
  • ބީޕީޓީ : 918.8 މިލިއަން ރުފިޔާ
  • އިމްޕޯޓް ޑިއުޓީ : 605.6 މިލިއަން ރުފިޔާ

މިދިޔަ މަހުގެ 26 ގެ ނިޔަލަށް ގްރީން ޓެކުހުން ލިބުނު އާމްދަނީވެސް ވަނީ ދަށްވެފަ އެވެ. ގްރީން ޓެކުހުގެ ގޮތުގައި މިދިޔަ އަހަރު 214 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މި އަހަރު ލިބުނީ 205 މިލިއަން ރުފިޔާ އެވެ. އަދި އެއާޕޯޓް ސާވިސް ޗާޖުން މިދިޔަ އަހަރު 192.4 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މި އަހަރު ލިބިފައިވަނީ 172.5 މިލިއަން ރުފިޔާ އެވެ.

މިހާތަނަށް އިމްޕޯޓް ޑިއުޓީ އިން ލިބުނު އާމްދަނީ ވެސް ވަނީ ދަށްވެފަ އެވެ. މިދިޔަ އަހަރު އިމްޕޯޓް ޑިއުޓީ އިން އާމްދަނީގެ ގޮތުގައި 763.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މި އަހަރު ލިބުނީ 605.6 މިލިއަން ރުފިޔާ އެވެ.

މި އަހަރަށް ފާސްކޮށްފައިވާ 37 ބިލިއަން ރުފިޔާގެ ބަޖެޓުން މިހާތަނަށް ހަ ބިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފަ އެވެ. ނަމަވެސް މިދިޔަ އަހަރު ހޭދަކުރީ 5.1 ބިލިއަން ރުފިޔާ އެވެ.

ސަރުކާރުން ވަނީ ކޮވިޑް-19 ގެ ސަބަބުން މި އަހަރު ދައުލަތުގެ އާމްދަނީ ދަށްވާނެތީ ހަރަދު ކުޑަ ކުރުމުގެ މަސައްކަތްތަކެއް ކުރަން ނިންމާފަ އެވެ. ހަރަދު ކުޑަކޮށްގެން އެއް ބިލިއަން ރުފިޔާ ސަލާމަތް ކުރަން ފިނޭންސް މިނިސްޓްރީން އަންގާފައިވެ އެވެ.