ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސަރުކާރު ބަންދުގައި ދޭންޖެހޭ ހިދުމަތް ރައީސް ކަނޑައަޅުއްވައިފި

ސަރުކާރުގެ އޮފީސްތައް ބަންދުކުރި ނަމަވެސް މެދުނުކެނޑި ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތައް ކަނޑައަޅުއްވާ އެ ހިދުމަތްތައް ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަން، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އަންގަވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ކޮވިޑް-19 ދިވެހިރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށް އުފައްދަވައިފައިވާ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ދެއްވައިފައިވާ ފަންނީ ލަފަޔާއި އިރުޝާދަށް ރިއާޔަތް ކުރެއްވުމަށް ފަހު، ދިވެހިރާއްޖޭގައި ކޮވިޑް- 19 ފެތުރުން ކުޑަކުރުމަށްޓަކައި، އިތުރު ހަފްތާއަކަށް ސަރުކާރު ބަންދު ކުރުމަށް އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.

އަދި، ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން އޮފީސްތައް ނުހުޅުވާ މުއްދަތުގެ ތެރޭގައި، މެދުނުކެނޑި ރައްޔިތުންނަށް ލިބެން ޖެހޭ ހިދުމަތްތަކެއްވާތީ އެ ހިދުމަތްތައް ލިބޭނެ ގޮތުގެ އިންތިޒާމު ހަމަޖެހިފައިވާކަން، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރު ކުރެއްވުމަށެވެ.

ސަރުކާރު ބަންދު މުއްދަތުގައި ލިބެންޖެހޭ ހިދުމަތްތައް

  • ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ފާމަސީތަކުގެ ހިދުމަތްތައް؛
  • ފެނާއި، ކަރަންޓާއި، ނަރުދަމާގެ ހިދުމަތް؛
  • ބްރޯޑްކާސްޓިންގގެ ހިދުމަތް؛
  • ފޯނާއި އިންޓަރނެޓުގެ ހިދުމަތް؛
  • ބޭންކުތަކުން ދޭ ހިދުމަތް؛
  • ކައްކާ ގޭހާއި ފިޔުލްގެ ހިދުމަތް؛
  • ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތަކާއި ވިޔަފާރި ބަނދަރުތަކުގެ ހިދުމަތް؛
  • ކަސްޓަމްސްއާއި އިމިގްރޭޝަނާއި އޭވިއޭޝަން ކޮމާންޑުގެ ހިދުމަތް؛
  • ސިފައިންނާއި ފުލުހުންގެ ހިދުމަތް؛
  • ފަޔާ އެންޑް ރެސްކިއުގެ ހިދުމަތް؛
  • އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ހިދުމަތާއި ކޯޓުތަކުގެ ހިދުމަތް؛
  • ހާރިޖީ ގުޅުންތަކާބެހޭ ހިދުމަތް؛
  • އިޖުތިމާއީ ރައްކައުތެރިކަން ފޯރުކޮށްދިނުމުގެ ހިދުމަތް؛
  • ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން މީހުންނާއި ކުދިން ބަލަހައްޓާ މަރުކަޒުތަކުން ދޭ ހިދުމަތް؛
  • ޖަލުތަކުގެ ހިދުމަތް؛
  • ރަށް ކުނިކަހައި ބެލެހެއްޓުމުގެ ހިދުމަތާއި، ކުނިނަގައި އުކައިލުމުގެ ހިދުމަތް؛
  • މޫސުމާބެހޭ ހިދުމަތް.

ރައީސް ވަނީ މި ހިދުމަތްތައް ދިނުމުގެ އިންތިޒާމު ހަމަޖެއްސެމަށް ދައުލަތުގެ އިދާރާއަކުން ކޮންމެހެން މަސައްކަތަށް އޮފީހަށް ނެރެންޖެހޭ މުވައްޒަފުންނާއި، "އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު" ގައި، ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކަނޑައަޅާ ފިޔަވަޅުތައް އެޅުމަށްޓަކައި ދައުލަތުގެ އިދާރާތަކުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް މަސައްކަތަށް ނެރެންޖެހޭ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުން އޮފީހަށް ނުނެރުމަށް އަންގާފައެވެ.

އަދި އޮފީސްތައް ހުޅުވައިގެން އާންމުކޮށް ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ އުސޫލު މެދުކަނޑާލި ނަމަވެސް، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް، ކަމާބެހޭ މުވައްޒަފުން ގޭގައި ތިބެގެންކުރެވޭނެ އިންތިޒާމު އޮފީސްތަކުން ހަމަޖެއްސެވުމަށާއި، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް އޮފީސް ހުޅުވަންޖެހިއްޖެ ހިނދެއްގައި، އޮފީސް ހުޅުވައިގެން، ވީހާވެސް މަދު މުވައްޒަފުން ނެރިގެން އެ މަސައްކަތެއް ކުރުމަށްވެސް އަންގާފައެވެ.

މީގެ އިތުރުން އޮފީސްތައް ނުހުޅުވާ މުއްދަތުގެ ތެރޭގައި ދައުލަތުގެ އިދާރާއަކުން ކޮންމެހެން ދޭންޖެހޭ ހިދުމަތެއް ދިނުމަށްޓަކައި، އެ އިދާރާއެއްގެ އެންމެ އިސްވެރިއަކު ކަނޑައަޅާ ގޮތެއްގެ މަތިން އެ އިދާރާއަކުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްވެސް ވަނީ އަންގާފައެވެ.