ވާހަކަ

ފިލާވަޅު (ފުރަތަމަ)

(ފުރަތަމަ ބައި)
އަހަރުމެން ތިބީ ކޮޅަށެވެ. ކޮންމެ މީހެއްގެ ދުރުމިނުގައި ފަސްވަރަކަށް ފޫޓު ހުންނާނެ އެވެ. އެންމެން ވެސް ތިބީ ފުރަގަހަށް އަތްލައިގެންނެވެ. މައްޗަށް ބަލާށެވެ. މި މާލަމުގައި ދިހަވަރަކަށް މީހުން އެބަތިއްބެވެ. މިތަނުން އެންމެ ހަގު މީހަކަށް ވެސް ވާނީ އަހަރެންނެވެ. ގައުމުން ބޭރު މީހަކަށް ވެސް ހުރީ އަހަރެން އެކަންޏެވެ.

"އަހަންނަކީ އެންޖަލީ! އަހަރެން މީ ނޭވާލުގެ ނިޒާމުގެ ބަލިތަކަށް ޚާއްޞަ ޑޮކުޓަރެއް. މިއީ ޖޯކެއް ނޫން. މިއީ ނާޒުކު ދަނޑިވަޅެއް، އޮތީ އެންމެ ފުރުސަތެއް،" އިނގިރޭސި ބަހުން އެންޖަލީގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. "ގޭގައި މަޑުކުރައްވާ."

އެންޖަލީ ކުރިއަށް ބަލައިލިއެވެ. ދެން ފަށަންވީ ކާކުކަން ދެނެގަންނާކަށް ނުޖެހުނެވެ. ކުރީން ވެސް ފަރިތަކުރެވުނު ގޮތަށް ހަރަކާތްތައް ކުރިއަށް ދިޔައީއެވެ. ހުރިހާ ވާހަކަތަކެއް ދެކެވެމުން ދިޔައީ ފަސޭހައިން ދޭހަވާހެން އިނގިރޭސި ބަހުންނެވެ.

"އަހަންނަކީ ކްލެރާ! އަހަންނަކީ ނޭވާލުމުގެ ނިޒާމަށް ޖެހޭ ބަލިތަކަށް ޚާއްޞަ ނަރުހެއް. އަހަރެން ނިކުމެ މި ހުރީ އަހަރެންގެ ޒިންމާ އަދާކުރުމަށް. މިކަމުގައި އަހަރެން ފަހަތަކަށް ނުޖެހޭނަން،" ކްލެރާގެ އަޑުގައި ރިހުން އެކުލެވިގެން ދިޔައެވެ. "ތިބާގެ ޒިންމާ އަދާކޮށްދެއްވާ! އިންސާނިއްޔަތަށް ޓަކައި ގޭގައި މަޑުކޮށްދެއްވާ."

ކްލެރާ ނިންމާލުމަށްފަހު އިސް ޖަހައިލިއެވެ. އެއާއެކު ކެމެރާ އަމާޒުކޮށްލީ ޖޫލިއަންއާ ދިމާއަށެވެ. ޖޫލިއަން ހުރީ އަހަރެންގެ ކުރިމަތީގައެވެ. ކެމެރާގެ ރަތް ބޮކި ފެނުނު އިރަށް ޖޫލިއަން ފެށިއެވެ.

"އަހަންނަކީ ޖޫލިއަން. އެތެރެހަށީގެ ބަލިތަކަށް ޚާއްޞަ ޑޮކުޓަރެއް. އަހަރުމެންނަށް އޮތީ މަދު ފުރުސަތުތަކެއް. ކޮންމެ މީހަކަށް ވެސް ފުރުސަތު އެބައޮތް. ގެއިން ބޭރުގައި އުޅުމަށްފަހު، ގެއަށް ގެންދާ ހަދިޔާއަކަށް ވައިރަސް ނުހައްދަވާ،" ޖޫލިއަން ގަދަކަމުން ހިންދިރުވާލިއެވެ. "ލޯބިވާ މީހުންނަށް ދެރައެއް ދޭން ބޭނުން ނުވާނަމަ، އިހުތިރާމާއި އާދޭހާއެކު ދަންނަވަން. ގޭގައި މަޑުކޮށްދެއްވާ."

ޖޫލިއަންއަށް ފަހު ކެމެރާ އަމާޒުވީ ސުޒީ އަށެވެ. އެއީ ތަޖުރިބާކާރު ޑޮކުޓަރެކެވެ. ބޮލުގައި ހުރި ހުދު އިސްތަށިތަކާ އެއްވަރަށް މޫނުގައި ހުރި ރޫތައް ގިނައެވެ. އޭނާގެ އަޑުގައި ވެސް ހުރީ ވޭނާއި ކެކުޅުމެވެ. ސުޒީ ހަމަޖެހިލަމުން ފެށިއެވެ.

"އަހަންނަކީ ސުޒީ. އެތެރެހަށީގެ ބަލިތަކަށް ފަރުވާ ދިނުމުގެ މަސައްކަތުގައި އުޅޭތާ ތިރީސްފަސް އަހަރު ވެއްޖެ. މިއަދު އަހަރުމެންނާ ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މި. އަހަރުމެން މި ދަނީ މި ކަމާ ހަނގުރާމަ ކުރަމުން. އަހަރުމެންނަށް އެހީތެރިވެދެއްވާ. ގޭގައި މަޑުކޮށްދެއްވާ."

ސިކުންތެއްގެ ތެރޭގައި ކެމެރާ އަމާޒުވީ އަހަންނަށެވެ. އަހަންނަށް ބަލައިލެވުނީ ކެމެރާގެ ލެންސަށެވެ. ރަތް ބޮކި ފެނުމުން އަތްފައި ފިނިވާން ފެށިއެވެ. މުޅި މީހާ ބިރުން ތުރުތުރު އަޅާން ފެށިއެވެ. ދައްކަން ހަނދާންކޮށްގެން ހުރި ވާހަކަތައް ކުއްލިއަކަށް ހަނދާން ނެތުނެވެ. ދެ ލޮލުން ކަރުނަ ހިލިގަތެވެ. ދެފަހަރަށް ހިންދިރުވާލެވުނެވެ. ބުނަން ޖެހޭ ވާހަކަ ހަނދާނަށް ތިލަވޭތޯ ބެލީމެވެ. ނަމަވެސް ކާމިޔާބެއް ނުވިއެވެ. އެންމެ ފަހުން ފެށީމެވެ. އިތުރު ގޮތެއް ނެތީމައެވެ.

"އަހަންނަކީ އަޒްރާ. ނޭވާލުމުގެ ނިޒާމާއި އެތެރެ ހަށީގެ ބަލިތަކަށް ހާއްސަވުމަށް ތަމުރީނުވަމުން އަންނަ ދަރިވަރެއް. ގިނަ ޑޮކުޓަރުންނާއި ނަރުހުން މި ހަނގުރާމައިގެ ތެރޭގައި މަރުވެގެން ހިނގައްޖެ. ވަސީލަތްތައް ނެތް މިންވަރަށް ބަލިމީހުން އިތުރުވުމުން ދޭން ޖެހޭ ފަރުވާތައް ނުދެވި މަރުވާ މީހުން ދަނީ އިތުރުވަމުން. އޮތް ހަމަ އެކަނި ހައްލަކީ ގޭގައި މަޑުކޮށްލުން،" އިނގިރޭސި ބަހުން ބުނި ވާހަކަތައް ނިންމާލުމަށްފަހު އަހަރެންގެ އަމިއްލަ ބަސް، ދިވެހިބަހުން ވެސް ވާހަކައެއް ބުނެލީމެވެ. "ރާއްޖެ ފަދަ ގައުމަކަށް ލިބޭނެ ގެއްލުން މާބޮޑުވާނެ. ނުރައްކާ އިތުރުވާނެ. ތިމާ އެންމެ ލޯބިވާ މީހާގެ ފުރާނަ ނުރައްކަލަށް ހުށަހަޅަން ބޭނުން ނޫންނަމަ ގޭގައި މަޑުކޮށްދެއްވާ."

އަހަރެންގެ ވާހަކަތައް ނިމުމާއެކު ޑައިރެކްޓަރު ރަނގަޅު ކަމަށް އިޝާރަތްކޮށްލިއެވެ. އެއާއެކު ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އާއެކެވެ. އަހަރުމެން މި ތައްޔާރު ކުރަނީ ހޭލުންތެރިކަމުގެ ވީޑިއޯ އެކެވެ. މި ދައްކަނީ ކޮވިޑް 19ގެ ވާހަކައެވެ. އެއާ ގުޅިގެން އެޅެން އޮތް އެންމެ މުހިއްމު ފިޔަވަޅުގެ ވާހަކައެވެ. ގޭގައި މަޑުކޮށްގެން ފަރުދީ ޒިންމާތައް އަދާކުރުމުގެ ވާހަކައެވެ. ކެމެރާގައި ރައްކާ އެ ކުރެވުނީ އެކަމަށް ބޭނުންވީ މެސެޖުތަކެވެ. މަންޒަރުތަކެވެ. އަހަންނާއެކު މިތަނުގައި ކޮއްޅަށް މި ތިބީ މިކަމުގައި ގުރުބާންވަމުންދާ ފަންނީ މާހިރުންނެވެ. އަހަންނަށް މި ފުރުސަތު ލިބުނީ ކިޔަވާކުދިން ތަމުސީލުކުރާ މީހެއްގެ ހައިސިއްޔަތުންނެވެ.

މާދަމާ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަހަރުމެންގެ މި ވާހަކަތައް ދައުރުވާން ފަށާނެއެވެ. މި މަންޒަރުތައް ދައްކަން ފަށާނެއެވެ. ކޮރޯނާ ވައިރަހުގެ ސަބަބުން ގައުމުތަކަށް ލިބެމުންދާ ގެއްލުންތަކާއި މީހުން މަރުވަމުންދާ ނިސްބަތް އިތުރުވަމުންދާ މި ދަނޑިވަޅުގައި އަހަންނަށް އޮތް ބިރުވެރިން ވަކީން ކުޑައެއް ނޫނެވެ. އަހަންނަކީ ގައުމުން ބޭރުގައި އުޅެމުންދާ މީހަކަށް ވީތީ އޮތް ބިރުވެރިކަން ވަކީން އިތުރެވެ.

އަހަންނަކީ އުމުރުން ތިރީހުގެ އަހަރުތައް ގުނަމުންދާ މީހަކީމެވެ. ރާއްޖެއިން ބޭރުގައި މި ހުރީ ނޭވާލުމުގެ ނިޒާމާއި އެތެރެހަށީގެ ބަލިތަކަށް ހާއްސަ ޑޮކުޓަރަކަށް ވުމަށް ދެކޭ ހުވަފެނުގައި ކުލަޖައްސާށެވެ. މިއީ އަހަރެން ކިޔެވުމުގެ ފަހު މަރުހަލާއެވެ. ފަހު ދުވަސްކޮޅެވެ. ނަމަވެސް، ކިޔެވުމަށް ވުރެ ބޮޑަށް އަހަރެން އިސްކޮށްގެން މިހުރީ އިންސާނީ ވާޖިބެވެ. އިންސާނީ ޚިދުމަތެވެ. ދުނިޔެ ގޮވާ ގޮވުންތަކަށް އިޖާބަ ދިނުމެވެ. ދަރުމަވެރިއެއްގެ ގޮތުގައި އެހީތެރިވުމެވެ.

އަހަރެން ޖެހިލުންވާ އޮތީ އެންމެ ކަމެކެވެ. އަހަރެންގެ ދަރިފުޅެވެ. ޝިޔާޒެވެ. އޭނާއަށް ގޮތެއް ވެދާނެތީއެވެ. ޝިޔާޒަކީ ސާދަ އަހަރު ނުފުރޭ ކުޑަކުއްޖެކެވެ. އަހަންނަށް ކޯސް ލިބުމުން މިކޮޅަށް އައީ އޭނާ ގޮވައިގެންނެވެ. ޝިޔާޒަށް ކިޔަވައިދޭން ބޭނުންވާތީއެވެ.

ފިރިމީހާވީ މާލޭގައެވެ. މައިންބަފައިން ތިބީ މާލޭގައެވެ. މިކޮޅުގައި މި ތިބީ ދެމައިން އެކަންޏެވެ. ޝިޔާޒު ކިޔަވަންދާ ކޮލެޖު ބަންދުކުރިތާ ތިން ހަފުތާވަނީއެވެ. މުޅި ޤައުމު މިއޮތީ ބަންދުގައެވެ. ކޯވިޑަށް ޕޮޒިޓިވްވާ މީހުން ގިނަކަމުންނެވެ. ރަށުތެރޭގައި އޮތީ ކާފިއު ހިންގާފައެވެ. ސިޓީތަކާއި އަވަށްތައް ވަނީ ބަންދުކޮށްފައެވެ. ބޭރަށް ނިކުމެ އުޅުން އޮތީ މަނާކޮށްފައެވެ. ފިހާރަތަކާއި ރެސްޓޯރެންޓުތަކުގައިވަނީ ބޮޑުތަޅު އަޅުވާފައެވެ.

ގެއަށް އައިސް ވަން އިރަށް ޝިޔާޒު ދިއްކޮށްލީ ފޯނެވެ. އަހަރެން އިޝާރާތްކޮށްލީ ޝިޔާޒަށެވެ. އަހަންނާ ދުރަށް ދިޔުމަށެވެ. ފަހުން ފޯނަށް ޖަވާބު ދޭނެކަމަށް ބުނަމުންނެވެ. އަތުގައި އޮތް އަންގި ދަމާގަތުމަށްފަހު ސެނެޓައިޒާ އިން އަތް ފޯކޮށްލީމެވެ. ލައިގެން ހުރި ކޯޓާއި އަންގިއާއި ފިނިހެދުން ބޭލުމަށްފަހު މެޝިންގެ ތެރެއަށް ވައްޓައިލީމެވެ. އަވަސް އަވަހަށް ކޮޓަރިއަށެވެ.
ތާޒާވެލައިގެން ބޭރަށް ނުކުތް އިރު ވެސް ޝިޔާޒު ސޯފާގައި އޮތެވެ. އޭރު ވެސް އޭނާ އޮތީ ފޯނެއްގައެވެ. އަހަރެން ފެނުމުން ޝިޔާޒު ފޯނު ދިއްކޮށްލިއެވެ.

"ދަރިފުޅާ! މަންމަ ވަރަށް ބިރުގަނޭ. އަވަހަށް މާލެ އަންނަން އުޅޭށޭ ޝިޔާޒު ގާތު މި ކިޔަނީ." ފޯނުން މަންމަގެ މޫނު ފެނުމުން ހިތްހަމަ ޖެހުނެވެ. "މިހާރު އެއްވެސް ރައްކާތެރި ކަމެއް ނެތެއްނު. އަނެއްކާ ދަރިފުޅު ތިދަނީ ޑިއުޓީއަށް. ދުވާލަކު އެތައް ބަޔަކު މަރުވާ ވާހަކަ މަންމައަށް އިވެނީ. ޑޮކުޓަރުން ވެސް ނަރުހުން ވެސް."

"މަންމާ! އިހަށް ހަމަޖެހިބަލަ. އަހަރެން ކިހިނެއްތަ ދާނީ؟ މުޅި ގައުމު މިއޮތީ ލޮކްޑައުންކޮށްފަ. ގެއިން ބޭރަށް ނިކުތުން މަނާކޮށްފަ. ފުލައިޓުތައް އުދުހުން ހުއްޓައިލައިފި،" އަހަރެން ފުން ނޭވާއެއް ދޫކޮށްލީމެވެ. "އަހަންނަށް ވެސް ބޭރަށް މި ދެވެނީ ޑިއުޓީއަށް. ޑޮކުޓަރުންނާއި ނަރުހުން ބިޒީކަމުން އަހަރުމެން ވެސް ނެރެނީ. އެނޫން ގޮތެއް ނެތިގެން. ގެއަށް މިއާދެވެނީ ވެސް ޝިޔާޒު އެކަނިމާ އެކަނި ހުންނާނެތީ. ވަރަށް އާދޭސްކުރީމަ މި ފޮނުވަނީ ވެސް."

"ދަރިފުޅާ! މަންމަ ހަމަ ބިރުގަންނަނީ! މަންމަމެނަށް ނުފެންނަ ހިސާބުގައި ތިއްބާ ގޮތެއް ވެދާނެތީ،" މަންމަ ރޯންފެށިއެވެ. "މަންމަގެ ލޮލުގެ ނޫރުހެން ގެންގުޅުނު ދަރިއެއްތީ. މިއަދު ނުފެންނަ ހިސާބުގައި. ކަމެއް ވިޔަސް ގޮވައިލަން ވެސް ނުދެވޭ ހިސާބުގައި ތިހުރީ."

އަހަންނަށް ވެސް ރޮވޭ ގޮތްވިއެވެ. ކަރުނައިން އެސްފިޔަތައް ބަރުވާން ފެށިއެވެ. ނުރޮން ވަރަށް މަސައްކަތް ކުރީމެވެ. އަހަންނަށް ބަލައި ލެވުނީ ޝިޔާޒުގެ މޫނަށެވެ. އޭނާ ވެސް ރޮއިފައި ހުރިކަން އެނގުނީ އެ ވަގުތުއެވެ. ޝިޔާޒުގެ ދެ ލޮލަށް ބަލައިލެވުނެވެ. ޝިޔާޒު އަހަރެންގެ ގައިގައި އޮޅުލައިގަތެވެ. އޭނާއަށް ކެތް ނުކުރެވުނީއެވެ.

"މަންމާ! ހިތްވަރުކުރަންވާނެ. އަހަރުމެންނަށް ޓަކައި ހެޔޮދުޢާ ކޮށްދޭތި! މިއީ ކެތްތެރިވާންވީ ވަގުތު. ހިތްވަރުކުރާންވީ ވަގުތު!" އަހަރެން ބެލީ މަންމައަށް ވިސްނައިދެވޭތޯއެވެ. "އިރާދަކުރެއްވިއްޔާ އަހަރުމެން ވަރަށް އަވަހަށް މަންމަ ގާތަށް ދާނަން. މި ކަމުން އަރައި ގަނެވުނުހާ އަވަހަކަށް އަހަރެން އެނބުރިދާނަން."

ޝިޔާޒު އޮތީ އަހަރެން ގައިގައި އޮޅުލައި ގަނެގެންނެވެ. އޭނާ ހީވަނީ ކުޑަކުއްޖެއް ހެންނެވެ. އޭނާ ވެސް ގިސްލަގިސްލާ ރޮނީއެވެ. އަހަރެން އެއް އަތުން ޝިޔާޒުގެ ބޮލުގައި ފިރުމުނެވެ. އަނެއް އަތުން ފޯނުގައި ހިފަހައްޓައިގެން އިނީމެވެ. ލޮލަށް ގިނަވަމުން ދިޔަ ކަރުނަތައް ހިފަހައްޓައިގެންނެވެ.

ޝިޔާޒު ރޯން އޮތް މަންޒަރު ފެނުމާއެކު މަންމަގެ ބަޑިފަޅައިގެން ދިޔައީއެވެ. ބައްޕައަށް ފޯނު ދިއްކޮށްލިއެވެ. ހަމަޖެހިލަމުން ބައްޕަ ވާހަކަފެށިއެވެ.

"ދަރިފުޅާ! ވަރަށް، ވަރަށް ބަލައިގެން އުޅޭތި. ޝިޔާޒަށް ސަމާލުވާތި. އޭނާ ވަރަށް އެކަނިވެރިވާނެ. ދަރިފުޅު ވެސް ޑިއުޓީ ނިމޭއިރަށް ގެއަށް އަންނާތި،" ބައްޕަގެ އަޑުގައި ހުރީ ހިތްވަރު ދިނުމުގެ ރާގެވެ. "ޚަބަރުން އެކިޔަނީ ޑޮކުޓަރުންގެ އަނބިންނާއި ދަރިން ވެސް މަރުވާ ވާހަކަ. ނޭނގި ނަމަވެސް ވައިރަސް ގެންދެވެނީ ކަމަށްވާނީ. އެހެންވީމަ ބައްޕަ ހަމަ ބިރު ގަންނަނީ. ދަރިފުޅުމެންނަށް ކަމެއް ވެއްޖެ ނަމަ ކާކު އަޅައިލަން ހުރީ؟ ކާކު އެހޯވާން ހުރީ؟"

"ބައްޕާ!" އަހަންނަށް ބުނެލެވުނެވެ. "ޕޮޒިޓިވް ވެއްޖެ ނަމަ ހަމަ ޖެހޭނީ އެކަހެރިވާން، ކިތައްމެ އާއިލާ ބޮޑަސް، މީހުން ގިނައިން ތިއްބަސް އެކަކަށް ވެސް އަނެއްކަކު ގާތަށް ނުދެވޭނެ. އެއްވެސް ކަމެއް ނުކުރެވޭނެ. މާލޭގައި ހުއްޓަސް މި ތަނުގައި ހުއްޓަސް މިގޮތަށްވާނީ."

"ބައްޕައަށް ވެސް އެނގޭ ދަރިފުޅު ހޮސްޕިޓަލުގައި އުޅޭނީ ވަރަށް އަވަދި ނެތިކަން. ޚަބަރުތަކުން ބައްޕައަށް ވެސް މަންޒަރުތައް ފެނޭ. ޑޮކުޓަރުންނާއި ނަރުހުން ވެސް މަރުވަމުންދާ ވާހަކަތައް ވެސް އިވޭ. އެއީ ވެސް ފުރާނަ ސަލާމަތްކުރަން ބޭނުންވެފައި ތިބޭލެއް ބޮޑުކަމުން ބަލަންވީ ވަރަށް ނުބެލި، ސަމާލުވާންވީ ވަރަށް ސަމާލު ނުވެވޭތީ ކަމަށް ވެސް ވެދާނެ." ބައްޕަގެ ރާގު ބަދަލުވަމުން ދިޔައެވެ. "ނޫނީ މަސައްކަތުގަ އަވަދި ނެތި އުޅެން ޖެހުމުން ކަމަށް ވެސް ވެދާނެ."

"ﷲ އިރާދަ ކުރެއްވިއްޔާ އަހަރުމެން ސަލާމަތްވާނެ." އަހަރެން ހިތްވަރާއެކު ބުނެލީމެވެ.

"އިންޝާﷲ. ބައްޕަގެ ވެސް ދުޢާއަކީ ތި،" ބައްޕަ ހިތްވަރު ދިނެވެ. "ކިތައްމެ ދަތި އުނދަގޫ ހާލެއްގައި އުޅެން ޖެހުނަސް ﷲއަށް ވަކީލުކުރާތި! ނަމާދުކުރާތި! ދުޢާ ދަންނަވާތި! ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކު. އެކަލާނގެއީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ކަލާނގެ."

"ބައްޕަމެން ވެސް ވިސްނާތި! ގެއިން ބޭރަށް ނުނިކުމެ ގޭގައި މަޑުކުރާތި! އުމުރުން ދުވަސްވީ މީހުންނަށް އަސަރުކޮށްފި ނަމަ ވަރަށް ގެއްލުން ބޮޑު. ސަލާމަތްވުމުގެ ފުރުސަތު ވަރަށް ކުޑަ. މަންމަމެންހެން ދިގު މުއްދަތަށް ބޭސްކައި މީހުންނާއި ދާއިމީ ބަލިތަކަށް ފަރުވާ ކުރާ މީހުންނަށް އަސަރުކުރުމުގެ ފުރުސަތު ވަރަށް ބޮޑު،" އަހަރެން ބައްޕައަށް އޮޅުންފިލުވައިދިނީމެވެ. "ގިނަގިނައިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮންނަން ހަނދާން ބަހައްޓާތި. ބޭރަށް ދިޔަޔަސް ލަސްނުކޮށް ގެއަށް އަންނަން ހަނދާންކޮށްދޭތި!"

"ބައްޕަމެންނަށް ތި ހުރިހާ ކަމެއް އެނގެޔޭ ދަރިފުޅާ!" ބައްޕަ ހިނިތުންވެލިއެވެ.

"މި ތަނުގައި އުޅޭ މީހުންނަށް ވެސް އެނގެޔޭ ކިޔައިފަ އަޅައި ނުލީމަ ހުރިހާ ދެރައެއް މިހާރު ލިބެމުން އެދަނީ،" އަހަރެން ބައްޕައަށް ވިސްނައިދެވޭތޯ ބެލީމެވެ. "ސަރުކާރުން އަންގާ އެންގުންތަކާއި ސިއްހީ މާހިރުން ދިން ލަފާތަކަށް ބޯ ނުލަނބާ އެއްވެ އުޅެ، މަޖާކޮށް ޝޯ ބާއްވާ ހެދީމަ އެންމެ ފަހުން ބޮޑު ރާޅެއް ޖެހިގެން ގިނަބަޔަކަށް އެއްފަހަރާ ވައިރަހުގެ އަސަރުކުރީ. ފަރުވާދިނުމުގެ ނިޒާމު ކިތައްމެ ރަނގަޅަސް، މޮޅެތި ޑޮކުޓަރުން ތިއްބަސް، އެއްފަހަރާ އެހާ ގިނަ މީހުން ބަލިވާން ފެށީމަ ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެ."

"އާން. ބައްޕަމެން ވެސް މި ދައްކަނީ ތިވާހަކަ. ރާއްޖެ ފަދަ ގައުމެއްގައި ތި ހާލަތަށް ހިނގައްޖެ ނަމަ ފުރާނަ ސަލާމަތް ވާނީ މަދު ބަޔަކު ކަން ނޭނގެ،" ބައްޕަ ފުން ނޭވާއެއް ދޫކޮށްލިއެވެ. "ޝަޒީލު ނުގުޅާތަ؟"

"އުހުނ! ހެނދުނު ގުޅި! އެމީހުން ވެސް ވަރަށް ބިޒީކޮށް އުޅޭ ވާހަކަ ބުނީ! ރާއްޖެއިން ކަރަންޓީނު ކުރާ މީހުންގެ ކަންކަން ހަމަޖެއްސުމުގަ އުޅޭ ވާހަކަ ބުނި." އަހަރެން ވެސް ބޭނުންވީ މައުޟޫއު ބަދަލުކޮށްލާށެވެ. "އެ ވެސް ކުޑަކަމެއް ނޫންތާ! އެތައް ސަތޭކަ ބަޔަކު އާއިލާއާ ދުރުގައި ބައިތިއްބައިގެން އެމީހުންގެ ހުރިހާ ކަމެއް ބެލެހެއްޓުން ވެސް. މީހުންނަށް އެކަން ނުވިސްނުނަސް އެ ވަރަށް ބުރަ ބޮޑު ކަމެއް."

"އާނ! މަދު ބަޔަކަށް ތިކަން ވިސްނޭނީ ވެސް. އެކަހަލަ މީހަކު އުޅޭ އާއިލާއެއްގެ މީހަކަށް އެކަން ވިސްނޭނީ. ސިއްހީ ދާއިރާގެ މީހުންނާއި ސިފައިން އަދި ފުލުހުންނާއި ދަރުމަވެރިން އެ ކުރަނީ ހާދަބޮޑު ޖިހާދެކޭ." ބައްޕަގެ އަޑު ފަނޑުވިއެވެ.

"އެ މީހުންނަށް ޝުކުރު ހައްގު." އަހަންނަށް ވެސް ބުނެލެވުނެވެ.

"މަންމަ ކަންބޮޑުވަނީ ދަރީން އެ ދާއިރާތަކުގަ އުޅޭތީ،" ލަސްލަހުން ބައްޕަ ބުނެލިއެވެ. "ޝަޒީލު ގެއަށް ނާންނަތާ ފަސްދުވަސް މިވީ. ދެން ހުރީ ދަރިފުޅާއި ޝިޔާޒު. ދެމައިން ތި ތިބީ ބިރުވެރިކަމުގަ. ރަށުބަންދުގަ. ރަށުގައި ހުރި މީހާ ޝަޒީލު ވެސް އެ ހާލުގަ. ގޭގައި މި ތިބީ މަންމައާއި ބައްޕަ އެކަނި."

"ދެން މާ ބޮޑަށް ހާސްނުވޭ. ބިރު ނުގަނޭ ބައްޕާ! ޝަޒީލު ބުނި ސަރުކާރުން ވެސް އެބަ ބަލަޔޭ ރަނގަޅު ގޮތެއް ވޭތޯ،" ކުއްލިއަކަށް ބަނޑުހައިކަން އިހުސާސްވީ އެ ވަގުތުއެވެ. "އަހަރެން އަދި ނުވެސް ކައި މި އުޅެނީ. ހެނދުނު އަނެއްކާ ޑިއުޓީއަށް ދާން ޖެހޭނެ. ނިދަން ވެސް ޖެހޭނެ."

ފޯނު ބޭއްވުމަށް ފަހު ޝިޔާޒާއި ދެމީހުން ކެއުމުގެ ކަންކަން ނިންމާލީމެވެ. ޝިޔާޒު ނިދަން ވަނުމުން އަހަރެން ވެސް ކޮޓަރިއަށް ވަދެ ނިދަން ތައްޔާރުވެލީމެވެ. ހަމަޖެހިލީމެވެ. އެނދުގައި ބުރަކަށި ޖެހުނުހެން ހީނުވެއެވެ. ލޮލަށް ނިދި ސަވާރުވިއެވެ.

އަވަސްއަވަހަށް ނޭވާލާ އަޑު އިވެމުން ދިޔައެވެ. އަހަންނަށް ބަލައިލެވުނެވެ. ހުރެވުނީ ހޮސްޕިޓަލުގައެވެ. މިއީ ހޮސްޕިޓަލުގައި އަހަރެން މަސައްކަތް ކުރަން ކަނޑައެޅިފައިވާ ވޯޑެވެ. މި ވޯޑަކީ ކުރިން އާއްމު ވޯޑެކެވެ. މިހާރު މިވަނީ ވަގުތީ ގޮތުން އެމަޖަންސީ ވޯޑަކަށް ބަދަލުކޮށްފައެވެ. ބަލި މީހުން ގިނަވުމުންނެވެ.

އެއީ ކޮވިޑަށް ޕޮޒިޓިވްވެ ހާލުބޮޑު ވެގެން ހަވީރު ގެނައި ބަލިމީހެކެވެ. މުސްކުޅިއެކެވެ. ނޭވާ ނުލެވިގެން އެމީހާ ތެޅިފޮޅެނީ އެވެ. އަނގަ ހުޅުވައިގެން އޮވެ މޭގައި އަމިއްލައަށް އަތްއަޅައިގެން ފިތަނީ އެވެ. މޭގައި ދެ އަތުން ތަޅަނީއެވެ. ކަރުބުޑުން ވޭނީ އާޚެއް ވެސް ނުކުންނަމުން ދިޔައެވެ. މުޅިތަނުގައި ޑޮކުޓަރުން ހޭލަމޭލައަށް އުޅެމުންދިޔައެވެ. އެމީހާގެ ކަރަށް ހޮޅި ލެއްވޭތޯ ބަލަމުން ދިޔައެވެ. ނަމަވެސް، ކަމެއް ވާގޮތެއް ނުވެއެވެ. އެމީހާ ތެޅިފޮޅެނީއެވެ. ނަރުހުންނާއި ޑޮކުޓަރުންނަށް ލިބުނީ ކުއްލި ސިހުމެކެވެ. އެހައި އަތްމަތި އަވަސްކޮށްގެން މަސައްކަތް ކުރި ނަމަވެސް ކާމިޔާބު ނުވީއެވެ. އެމީހާގެ އެންމެ ފަހު ނޭވާ ދޫކޮށްލީއެވެ. ޑޮކުޓަރުންނާއި ނަރުހުން ކަރު އެލުވައިލިއެވެ.

ހާސްކަމުގެ ތެރޭގައި ތިއްބާ އެހެން މީހެއްގެ ހަޅޭއްކުގެ އަޑު އިވެން ފެށިއެވެ. ދުވެފައި އަހަންނަށް ވެސް އެދިމާއަށް ދެވުނެވެ. އެއީ މުސްކުޅި އަންހެނެއްގެ އަޑެވެ. އޭނާ ކަރުގައި އަތްއަޅައިގެން އޮވެ ރޮނީއެވެ. ގަދަކަމުން ނޭވާލަނީއެވެ. ހީވަނީ ނޭވާ އުފުރޭހެންނެވެ. ނޭވާ ނުކުންނަނީ އެހައި ހާލުންނެވެ. އޭނާ ކޮންމެ ވެސް ވާހަކައެއް ދެއްކިއެވެ. ތުންތަޅުވަމުން ދިޔައެވެ.

ޑޮކުޓަރުންގެ ތެރެއިން އެކަކު އޭނާއާ ދިމާއަށް ގުދުވެލިއެވެ. އެ އަންހެން މީހާ ހިފައި ގަތީ ޑޮކުޓަރު އަޅައިގެން ހުރި ރައްކާތެރިކަމުގެ ހެދުމުގައެވެ. ދެއަތުން ހިފައިގަތް އިރަށް ޑޮކުޓަރުގެ މޫނުމަތީގައި އަޅައިފައި އޮތް މާސްކު ނެއްޓުނެވެ. އެއީ ޑޮކުޓަރު އެންޖެލީކަން އަހަންނަށް ވެސް އެނގުނީ އެ ވަގުތުއެވެ. އެންޖެލީއަށް ލިބުނު ސިހުމާއެކު މާސްކު ރަނގަޅުކޮށްލިއެވެ. އެ އަންހެން މީހާ އަނެއްކާ ވެސް ތެޅިގަތީއެވެ. އަތުގައި ގުޅައިފައި ހުރި އައިވީ ނެއްޓުނެވެ. އެންޖަލީ ބެލީ އޭނާ މައިތިރި ކުރެވޭތޯއެވެ. ނަމަވެސް، އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. އެ މީހާއަށް ވެސް ނޭވާ ނުލެވިގެން ތެޅި ފޮޅެނީއެވެ. ގަދަކަމުން ހިންދިރުވަނީއެވެ. މޭ ފުއްޕާލެވޭތޯ ގަޔަށް ބާރުލަނީއެވެ. އަތަށް ވާން އަރުވަނީއެވެ. އިނގިލިތައް ބުޅިބުޅިކޮށް ބާރު އަރުވަނީއެވެ. ހަށިގަނޑު މެދުން މައްޗަށް ލެނބި ހިއްލަނީއެވެ. އެންޖެލީ ގައިގައި އޮތް ކޯޓު ވެސް ދެތިން ފަހަރަކު ސޮހުނެވެ. ސޮހޭއިރަށް ކޯޓު ރަނގަޅުކޮށްލައެވެ. އެ މީހާގެ އަނގައާއި ނޭފަތް ނިވާވާނެހެން އޮކުސިޖަން ގުޅައިލެވުނެވެ. ނަމަވެސް، ތަންކޮޅެއް ލަސްވީއެވެ. އެމީހާ ވެސް މަރުވެގެން ދިޔައީއެވެ. އެންޖެލީ ފުން ނޭވާއެއް ދޫކޮށްލިއެވެ. ބޮލުގައި އަތް އަޅައިލިއެވެ. (ނުނިމޭ)