ލައިފްސްޓައިލް

ކޮރޯނާވައިރަހާއެކު ގެވެށި އަނިޔާ ގިނަ ވެދާނެ!

ކޮރޯނާވައިރަހާ ގުޅިގެން ދުނިޔޭގެ ގިނަ ބަޔަކު އެ ބަޔަކު ދިރިއުޅޭ ތަނެއްގައި ބަންދު ވެގެން ތިބެން ޖެހިފައިވާތީ ގެވެށި އަނިޔާ އާއި ކުޑަކުދިންނަށް އަނިޔާ ކުރުމުގެ މައްސަލަތައް ގިނަ ވެދާނެކަމުގެ ބިރު އެބައޮތް ކަމަށް އިނގިރޭސިވިލާތުގެ ނޫހަކުން ބުނެފި އެވެ.

މެޓްރޯ ޔޫކޭގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި އިނގިރޭސި ވިލާތުގައި މިފަދަ ބައެއް ހާދިސާތައް މިހާރު ހިނގަމުން އެބަދެ އެވެ. އެގޮތުން ކަރަންޓީނުގައި ތިބި ދުވަސްވީ ދެމަފިރިންގެ ތެރެއިން ފިރިހެންމީހާ އޭނާގެ އަންހެނުން މަރާލި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. މިއީ ކޮރޯނާވައިރަހާ ގުޅުވައިގެން އެ ގައުމުގައި މަރާލެވުނު ފުރަތަމަ މީހާ ކަމަށް ވެސް މި ރިޕޯޓުގައި ވެއެވެ.

ރުތު ވިލިއަމްސް، 67، ފެނިފައިވަނީ އޭނާގެ ފިރިމީހާ އެންތަނީ، 69، އާއެކު ދިރިއުޅޭ ގޭގައި ހޭނެތިފައި އޮއްވަ އެވެ. އެ ގޭގައި ކަރަންޓީނުވެގެން ތިބީ އެ ދެމަފިރިން އެކަންޏެވެ.

ރުތު ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފަ އެވެ. އެހެންކަމުން ގެވެށިއަނިޔާއާ ދެކޮޅަށް ކެމްޕެއިންކުރާ މީހުން ވަނީ މިކަމާ ކަންބޮޑުވެ މިފަދަ އިތުރު މައްސަލަތައް ދިމާވެދާނެ ކަމުގެ އިންޒާރު ދީފަ އެވެ. ކޮވިޑް19 ގެ ވަބާ ފަދަ "ގެވެށިއަނިޔާ"ގެ ވަބާއެއްގެ ބިރު އެބައޮތް ކަމަށް އެމީހުން ބުނެ އެވެ.

ޚާއްސަކޮށް ދެމަފިރިން އެއް ގެއެއްގައި ހުރިހާ ވަގުތެއްގައި ބަންދުވެފައި ތިބެން ޖެހޭތީ ޒުވާބުތައް ހޫނުވެ ގަޔަށް ބޮލަށް އެރުމުގެ ފުރުސަތު ބޮޑުވާނެކަމަށް އެ ގްރޫޕުން ވަނީ ފާހަގަ ކޮށްފަ އެވެ.

ބޭރަށް ނުކުމެ އުޅުމުގެ ހުއްދަ ނެތް ނަމަވެސް ގެވެށިއަނިޔާ ފަދަ މައްސަލަތަކުގައި ގެއިން ބޭރަށް ނުކުމެގެން އެހެން މީހެއްގެ އެހީ ހޯދަން ދެވޭނެ ކަމަށް އިނގިރޭސި ވިލާތުގައި އޮތީ އެންމެންނަށް ވެސް އަންގާފައި ނަމަވެސް ބައިވެރިޔާ ދެކެ ގަންނަ ބިރަކުން އޭނާގެ ވާހަކަ އެހެން މީހުންނަށް ނާންގާ ހުރުމުގެ ފުރުސަތު ބޮޑުކަމަށް ވެސް ގެވެށިއަނިޔާއާ ދެކޮޅަށް ކެމްޕޭންކުރާ ގްރޫޕުން ބުނެފައި ވެއެވެ.

ރުތު އާއި ފިރިމީހާ އެންތަނީ އެއް ގެއެއްގައި ވަކިން އުޅޭތާ 20 ވަރަކަށް އަހަރު ވެއްޖެ ކަމަށް އެމީހުންގެ އަވަށްޓެރިން މައުލޫމާތު ދީފައި ވެއެވެ. ނަމަވެސް މިހާރު ބޭރަށް ނުކުމެ އުޅުން މަނާ ކޮށްފައިވާތީ އެމީހުން އުޅޭ ނޫޅޭ ގޮތް އަވަށްޓެރިންނަކަށް ނޭނގެ އެވެ.

އެމީހުންގެ ދަރިންނާއި މާމަ/ކާފަ ދަރިން ތިއްބަސް އެ އެންމެންވެސް އުޅެނީ މާ ދުރު ހިސާބުގައި ހުންނަ ގޭގޭގައި ކަމުން މިފަދަ ކަންތައްތައް ހިނގާ ކަމުގެ އެއްވެސް ޚަބަރެއް އެމީހުންނަކަށް ވެސް ނުވެ އެވެ.

އެންތަނީ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ރުތު އާއި އެންތަނީގެ ދަރިން ބުނި ގޮތުގައި މަންމަގެ ޖަނާޒާގެ ކަންތައް ވެސް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދެވޭނެ ގޮތެއް މިހާރަކު ނެތެވެ. މަންމަ މަރުވުމުގެ އިތުރުން ޖަނާޒާގައި ވެސް އެންމެންނަށް ބައިވެރި ނުވެވުމަކީ އެމީހުންގެ ހިތާމަ އިތުރުވީ ކަމެކެވެ.

ގެވެށިއަނިޔާއާ ދެކޮޅަށް ވަކާލާތުކުރާ އިނގިރޭސި ވިލާތުގެ މީހެއް ކަމަށްވާ ރޭޗަލް ވިލިއަމްސް ބުނި ގޮތުގައި ވަބާއެއްގެ ތެރެއިން އިތުރު ވަބާއެއް ފެށުމުގެ ބިރު އެބައޮތެވެ. ގެވެށިއަނިޔާގެ މައްސަލަތައް ވަރަށް ބޮޑުވެދާނެކަމަށް އޭނާ ވެސް ލަފާ ކުރެ އެވެ.

ކުރިން ވާނެ ގޮތަކީ އަނިޔާކުރާ މީހަކު ހުއްޓަސް އެ މީހާ ވެސް އާއްމުކޮށް ގިނަ ވަގުތު އުޅޭނީ ބޭރުގަ އެވެ. ގޭގައި އުޅޭނީ ވަރަށް ކުޑަ ވަގުތުކޮޅަކު އެވެ. ނަމަވެސް މިހާރު ހުރިހާ ވަގުތެއްގައި އެމީހާއަށް ވެސް ގޭގައި ހުންނަން ޖެހި އަދި ވާހަކަ ދައްކާލާނެ މީހެއް ނޭވާލާނެ ވަގުތުކޮޅެއް ވެސް ނުލިބި އަނިޔާގެ ޝިކާރައަކަށް ވާ މީހުން ތިބޭނީ ވަރަށް ބޮޑަށް ގޭތެރޭގައި އެކަނިވެރި ވެފަ އެވެ. މިއީ މިފަދަ މައްސަލަތައް ބޮޑުވާނެ ކަމަށް ގަބޫލުކުރެވޭ އެއް ސަބެބެވެ.