މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ގައިދީންގެ ސްކައިޕް ބައްދަލުވުމަށް ހުޅުވާލައިފި

Apr 2, 2020

ސްކައިޕް މެދުވެރިކޮށް ގައިދީންގެ އާއިލީ ބައްދަލުވުންތަކަށް ފުރުސަތު ހުޅުވާލައިިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ކަރެކްޝަންގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނަށާއި ބަންދު މީހުންނަށް ވީޑިއޯ ކޯލް މެދުވެރިކޮށް އާއިލާއާ ބައްދަލު ކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތަށް ހަމަޖެއްސި އިރު ގައިދީންނާއި ބަންދު މީހުންނަށް ވީޑިއޯ ކޯލު ދިނުމުގައި އަމަލުކުރާ އުސޫލަށް މިއަދު ވަނީ އާންމު ކޮށްފައެވެ.

ވީޑިއޯ ކޯލް ދެނީ ދިމާވާ ކުއްލި ހާއްލަތްތަކުގައި، އާއިލީ ބައްދަލުވުން މެދުކަނޑާލަން ޖެހުމުން އާއިލީ ބައްދަލުވުންތަކަށް ޖަލަށް ޒިޔާރަތް ނުކުރެވޭ އާއިލާތަކަށެވެ. އުސޫލުގައި ވަކީލުގެ ބައްދަލުވުންތައް މެދުކަނޑާލަން ޖެހިއްޖެ ނަމަ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވަކީލުންނާ ވެސް ބައްދަލު ކުރެވޭނެ ގޮތްވެސް ހިމަނާފައި ވެއެވެ.

އަލަށް އެކުލަވައިލި އުސޫލުގައިވާ ގޮތުން ކޮންމެ ގައިދީއަކަށް ވެސް އަދި ބަންދުމީހަކަށް އާއިލީ ބައްދަލުވުމުގެ ގޮތުގައި ސްކައިޕް މެދުވެރިކޮށް މަހަކު ދެ ފަހަރު 15 މިނެޓުގެ ވީޑިއޯ ކޯލެއް ދޭނެ އެވެ.

މީގެ އިތުރުން ވީޑިއޯ ކޯލުގެ ފުރުސަތު ލިބިގެންދާނެ އިތުރު ހާލަތްތަކެއް ވެސް ބަޔާންކޮށްފައިވެއެވެ. އެ ގޮތުން އާއިލާ މެމްބަރަކު ބަލި ހާލަތު ބޮޑުވެ އެޑްމިޓް ކޮށްފައިވަނިކޮށް، ގައިދީ ނުވަތަ ބަންދުމީހާ ނުގެންދެވުމާއި އާއިލާ މެމްބަރެއްގެ ޖަނާޒާގައި ބައިވެރިވުމަށް ނުގެންދެވުމާއި އަނިބިމީހާ ވިހެއުމާ ގުޅިގެން ނުގެންދެވުމާއި ދަރިފުޅު ހިތާނަ ކުރުމާ ގުޅިގެން ނުގެންދެވޭ ހާލަތްތަކުގައި ވެސް 15 މިނެޓުގެ ވީޑިއޯ ކޯލެއް ދޭނެ އެވެ.