ހަބަރު

ޝަހޫގެ "އެ ރެއަށްފަހު" ބާޒާރަށް

Apr 5, 2020
5

ރޭޑިއޯ ޑްރާމާ ލިޔުންތެރިޔާ ޝަހުދާ މަހުމޫދު (ޝަހޫ) ގެ ވާހަކަ ފޮތް، "އެ ރެއަށްފަހު" ބާޒާރަށް ނެރެފި އެވެ.

މިއީ އެއް ފޮތަކަށް ޗާފު ކޮށްގެން ނެރުނު ޝަހޫގެ ފުރަތަމަ ވާހަކަ އެވެ. "އެ ރެއަށްފަހު" މިއީ ބިރުވެރި ވާހަކައެކެވެ.

މިހާތަނަށް ވިއްސަށްވުރެ ގިނަ ރޭޑިއޯ ޑްރާމާ ލިޔެފައިވާ ޝަހޫގެ ވާހަކަ "އެ ރެއަށްފަހު" ވިއްކަން ފަށާފައިވާއިރު އޮންލައިންކޮށް މެސެޖްކުރާ ފަރާތްތަކަށް ވާހަކަ ފޮތް ޑެލިވަރީ ކޮށްދޭ އިންތިޒާމެއް ވެސް ހަމަޖައްސާފައި ވެއެވެ.

ޝަހޫ ބުނި ގޮތުގައި އޭނާގެ ވާހަކަފޮތް ވިއްކަން ފެށުމާއެކު މިހާރުވެސް ކިޔުންތެރިން އޯޑަރު ދޭން ފަށާފައިވާ ކަމަށެވެ. އަދި ބުނީ އާންމުންގެ ތަރުހީބު ވެސް ވާހަކައަށް އެބައޮތް ކަމަށެވެ.

ޝަހޫ، އޭނާގެ ފުރަތަމަ ވާހަކަ ފޮތް ހާއްސަކޮށްފައި ވަނީ އޭނާގެ މަންމައަށެވެ.

"މަންމަގެ ވަރަށް ބޮޑު ހުވަފެނެއް ހަގީގަތަކަށް މިވީ! ރޭޑިއޯއަށް އަޅުގަނޑު ތައްޔާރުކުރާ ވާހަކަތައް މަންމަ އަޑުއަހާނެ. އަދި ވަރަށް ހިތްވަރުދީ ހަދާނެ... ވާހަކައެއް ލިޔެ ފޮތެއްގެ ގޮތުގައި ނެރެން ވެސް އެދޭ. އެހެންވީމަ މަންމަގެ ބާރުއެޅުންތަކުން ހިތްވަރު ލިބިގެން މި މަސައްކަތް ފެށުނީ." ޝަހޫ ބުންޏެވެ. "ވާހަކަ ލިޔަން ފެށުނީ އަންނަ ޔާލުތައް އާއިލާގެ ކުދިންނާ ހިއްސާކުރަން ފެށުމުން އެކުދިން ބުނި ބުނުމެއްގެ މައްޗަށް. އެހެންވީމަ ފުރަތަމަ ފަހަރަށް ވާހަކަ ފޮތެއް ނެރެވޭ ހިސާބަށް އާދެވުމުން އެހީތެރިވި އެންމެންނަށް ޝުކުރިއްޔާ!"

ދެހާސް ބާރަ ވަނަ އަަހަރު ވާހަކަ ލިޔަން ފެށި ޝަހޫގެ ފުރަތަމަ ވާހަކައަކީ "ސިއްރު" ގެ ނަމުގައި ލިޔުނު ވާހަކަ އެވެ. އެ ވާހަކަ ވަނީ ކެޕިޓަލް ރޭޑިއޯއިން ރޭޑިއޯ ޑްރާމާއެއްގެ ގޮތުގައި ގެނެސްދީފަ އެވެ. ޝަހޫގެ ރޭޑިއޯ ޑްރާމާތައް ކެޕިޓަލް ރޭޑިއޯ، ވީއެފްއެމް އަދި ދިވެހި އެފްއެމުން ގެނެސްދިނެވެ. މިހާރުވެސް ދިވެހި އެފްއެމްގައި އާރްޖޭއެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރެ އެވެ.