ކޮރޯނާވައިރަހާ ހަނގުރާމަ ކުރުމަށް މުޅި އިންޑިއާ ބަންދު ކޮށްފައިވާތީ ރަށަށް ނުދެވިގެން ކަޝްމީރުގެ މީހަކު އޭނާ އަމިއްލައަށް މަރުވީ ކަމަށް ހެދިއްޖެ އެވެ. އަދި އޭނާ އާއި އިތުރު ހަތަރު މީހަކު ވަނީ އެމްބިއުލަންސްގައި 100 ކިލޯމީޓަރަށް ވުރެ ދުރުގައި ހުންނަ އޭނާގެ ގެއަށް ދަތުރުކޮށް ގޮސްފައި ކަމަށް އިންޑިއާ ފުލުހުން ބުދަ ދުވަހު ވަނީ ބުނެފަ އެވެ.
ހަކީމް ދީން ނަމަކަށް ކިޔާ މި މީހާއަށް ޖައްމޫގައި ހުންނަ ހޮސްޕިޓަލެއްގައި ބާއްވައިގެން ފަރުވާ ދިނީ ބޮލަށް ލިބުނު އަނިޔާ އަކަށެވެ. އުމުރުން 70 އަހަރު ވެފައިވާ މި މީހާ ހޮސްޕިޓަލުން ދޫކޮށްލުމުން ގެއަށް ދާން ބޭނުން ވިޔަސް ލޮކްޑައުންގެ ސަބަބުން ގެއަށް ދެވޭނެ ގޮތެއް ނުވި އެވެ. އެހެން ހުއްޓާ އަމިއްލައަށް މަރުވީ ކަމަށް ހެދުމުގެ ޚިޔާލަކީ އެމްބިއުލެންސް ޑްރައިވަރަކު އޭނާއަށް ދިން ޚިޔާލެކެވެ. އޭރުން އެމްބިއުލެންސްގައި ގެންދާއިރު އެއްވެސް ޗެކްޕޮއިންޓަކަށް މަޑު ނުކުރާނެތީ އެވެ.
ކަޝްމީރުގެ ވަރަށް ދުރުހިސާބެއްގައިވާ ރަށެއް ކަމަށްވާ ޕޫންޗްގައި ދިރިއުޅޭ ހަކީމް ދީން އާއި އޭނާގެ ތިން އެކުވެރިން ކޮންމެ ގޮތެއް ހަދާފައި ވެސް ގެޔަށް ދާން ތިބީ ވަރަށް ބޭނުންވެފަ އެވެ.
އެ ރީޖަންގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަމޭޝް އަންގްރާލް އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި އެ ހަތަރު މީހުންނާއި ޑްރައިވަރު ވަނީ 160 ކިލޯ މީޓަރަށް އެމްބިއުލެންސްގައި ދަތުރުކޮށްފަ އެވެ. މި މީހުންވަނީ ހަކީމް ދީންގެ ފޭކް މަރުގެ ސެޓްފިކެޓެއް ހައްދާފަ އެވެ. އަދި ޗެކްޕޮއިންޓްތަކަށް މަޑުކުރުވުމުން އެ ސެޓްފިކެޓް ކޮންމެ ފަހަރަކުވެސް ދައްކަމުން ދިޔަ އެވެ.
އެންބިއުލެންސްގައި އޮތީ މަރުވި ކަމަށް ހެދިގެން އޮތް މީހެއްކަން ފަޅާއެރީ އެންމެ ފަހު ޗެކް ޕޮއިންޓުން ފާސް ކުރުމުގެ ތެރޭގަ އެވެ.
އެތާ އެވަގުތު ޗެކް ކުރަން ހުރި ފުލުސް މީހާ މަރުވެގެން ކަމަށް ހެދިގެން އޮތް މީހާގެ ގައިގައި އަޅާފައި އޮތް ހުދު ފޮތިގަނޑު ނަގާ ބަލާފައި އެއީ މަރުވެފައި އޮތް މީހެއް ނޫންކަން ޔަގީން ކުރި އެވެ.
މި އެންމެން ހައްޔަރުކޮށް މިހާރު ވަނީ ވަކި ވަކި ތަންތަނުގައި ކަރަންޓީނު ކޮށްފަ އެވެ. އެމީހުންނަށް މަކަރު ހަދާ އޮޅުވާލުމާއި ސަރުކާރުގެ އެންގުންތަކަށް ބޯ ނުބެލުމުން ކުރާ ދައުވާތަކާއި ޖޫރިމަނާތައް ކުރާނެ ކަމަށް ސުޕްރިންޓެންޑެންޓް ވިދާޅުވި އެވެ.
ޕޫންޗް ރީޖަންއަކީ އެއްގޮތަކަށް ވެސް ކޮރޯނާވައިރަސް ފެތުރިފައިވާ ރީޖަނެއް ނޫނެވެ. ކޮރޯނާވައިރަސް ކޮންޓްރޯލްކުރުމަށް އިންޑިޔާ ވަނީ 21 ދުވަހަށް ބަންދުކޮށްފަ އެވެ. އިންޑިޔާގެ 1.3 ބިލިއަން މީހުންގެ ތެރެއިން 1600 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 38 މީހުން ވަނީ އެ ބަލީގައި މަރުވެފަ އެވެ.
އިންޑިއާގެ އެކި ސަރަހައްދުތަކުގައި ތިބި މީހުންނަށް އެއް ތަނުން އަނެއް ތަނަށް ދަތުރު ނުކުރެވުމުގެ ސަބަބުން ވަރަށް ހާލުގައި ޖެހިފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.