ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑްގެ ފަންޑެއް ހުޅުވަން ހެންޑަސަން އިސްނަގައިފި

މިހާރު ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ހާލަތުގައި އެކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް، ޕްރިމިއާ ލީގްގެ އެންމެ ކުރީގައި އޮތް ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން އިސްނަގައިފި އެވެ.

ހެންޑަސަންގެ ހުށަޙެޅުމަކީ، ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށް ސިއްހީ ދާއިރާއިން ކުރާ މަސައްކަތަށް އެހީވުމަށް ޕްރިމިއާ ލީގްގެ ކުލަބުތަކުގެ ކެޕްޓަނުން އިސްނަގައިގެން ފަނޑެއް ހުޅުވުމަށެވެ. އޭނާ ގެ ހުށަހެޅުމުގައި އިތުރަށް ވަނީ، ޕްރިމިއާ ލީގްގެ ކުޅުންތެރިންގެ ތެރެއިން އެކަށީގެންވާ ވަރުގެ މުސާރައެއް ލިބޭ ކުޅުންތެރިންގެ މުސާރައިން ބައެއް ސިއްހީ ދާއިރާގެ މަސައްކަތް ކުރާ މުވައްޒަފުންނާއި ސިއްހީ ދާއިރާއަށް ހޭދަ ކުރުމަށެވެ.

ހެންޑަސަން ވަނީ، ޕްރިމިއާ ލީގްގެ ކުލަބުތަކުގެ ކެޕްޓަނުންނަށް ގުޅައި އެފަދަ އިންތިޒާމެއް ހަމަޖެއްސުމަށް ވާހަކަ ދައްކާފަ އެވެ. ފަނޑު ހުޅުވުމުގެ ކުރިން އެ ވާހަކަ މީޑިއާ އާ ދިއުމުން ހެންޑަސަން ހުރީ ހިތް ހަމަނުޖެހިފަ އެވެ. އެކަން އެންމެ ފުރަތަމަ ރިޕޯޓް ކުރީ ދަ ޓައިމްްސް ނޫހުންނެވެ.

މިހާލަތުގައި ސިއްހީ ދާއިރާގެ އެންމެ އިސް ސަފުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެހީވުމަށް ހެންޑަސަން އިސް ނަގައިގެން ހުޅުވާ ފަންޑަށް މިލިއަނުން ފައިސާ ލިބޭނެ ކަމަށް މިހާރުވެސް ވަނީ ބެލެވިފަ އެވެ. ނަމަވެސް މިއީ ޕްރިމިއާ ލީގްގެ ކުޅުންތެރިންގެ މުސާރައިގެ 30 ޕަސަންޓް އުނި ކުރުމަށް، ސަރުކާރާއި ޕްރިމިއާ ލީގްގެ ބޮޑީ އިން ގޮވާލަމުންދާ ދަނޑިވަޅެކެވެ. އެކަމުގެ ޕްރެޝަރު ކުޅުންތެރިންނަށް ދަނީ ކުރިމަތި ކުރަމުންނެވެ.

އެހެންނަމަވެސް އިނގިރޭސި، ލީގްގެ ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަންގެ ޗެއާމަން ގޯޑަން ޓޭލާ ބުނީ، ކުޅުންތެރިންގެ މުސާރަތައް އުސޫލެއް ނެތި ދަށް ކުރަން ހުށަހަޅާ ހުށަހެޅުން އޭނާ ހުއްޓު ވާނެ ކަމަށެވެ.