ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރަނގަޅުވި ދެ މީހަކު ދޫކޮށްލައިފި

ރާއްޖޭގައި ކޮވިޑް- 19 އަށް ޕޮޒިޓިވްވެ، މިހާރު ރަނގަޅުވެފައިވާ ދެ މީހަކު މިއަދު ދޫކޮށްލާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ކޮވިޑް- 19 ގެ މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ސަރުކާރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ބަލިން މުޅިން ރަނގަޅުވެފައިވާ ދެ މީހުން މިއަދު ދޫކޮށްލާފައިވާ ކަމަށެވެ. އެ ދެ މީހުންނަކީ ދަރުމަންތަ ހޮސްޕިޓަލްގައި އައިސޮލޭޝަންގައި ތިބި ދެ މީހުން ކަމަށެވެ.

މަބުރޫކް ވިދާޅުވީ މިއީ އއ. ބަތަލާ ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ ފަހުން ދަރުމަވަންތަ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދިން މީހުން ކަމަށެވެ. އެ ދެ މީހުން މިއަދު ދޫކޮށްލީ ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެ މީހުން ދޫކޮށްލީ ފުރައިގެންދާ ގޮތަށް ކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖޭގައި 19 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެ އެވެ. އޭގެ ތެރެއިން 13 މީހަކު ރަނގަޅުވެ މިހާރު ތިބީ މޮނީޓަރިން ކަރަންޓީނުގަ އެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން އިޓަލީ ދެ މީހަކު ވަނީ ރާއްޖެއިން ފުރައިގެން ގޮސްފަ އެވެ.

މިހާރު ފަރުވާދެމުން ދަނީ ހަތަރު މީހަކަށެވެ. އެއީ، އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު ދިވެހިންނެވެ.

ކަރަންޓީންގައި ތިބި މީހުންގެ ތެރެއިން ސާމްޕަލް ގެޓެވިޓްވި ހަތަރު މީހަކުވެސް އިއްޔެ ވަނީ ދޫކޮށްލާފަ އެވެ.