ހަބަރު

ރާއްޖެ އަށް ފިޔާ، ބިސް ހިފައިގެން އައި ބޯޓެއްގައި ރޯވެއްޖެ

އިންޑިއާ އިން ރާއްޖެ އަށް ފިޔާ އަދި ބިސް ހިފައިގެން އައި ބޯޓެއްގެ އިންޖީނުގައި އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ އިންޑިއާ އިން ފިޔަ ބިސް ހިފައިގެން ރާއްޖެ ދަތުރުކުރި "އެމްވީ ވީބީ ޕްރޮގްރެސް" ކިޔާ މުދާ އުފުލާ ބޯޓެއްގެ އިންޖީނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ރޭ ސިފައިންނަށް ލިބިފައިވާ ކަމަށެވެ.

އަލިފާން ރޯވި އެމްވީ ވީބީ ޕްރޮގްރެސް ދަތުރު ކުރަމުން ދިޔައި އިންޑިޔާގެ ޓުޓިކޮރިން ބަނދަރުން ރާއްޖެ އައުމަށެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވިއިރު ބޯޓު ދަތުރުކުރަމުން ދިޔައީ ރާއްޖޭން ބޭރުގެ ކަނޑުގައި ކަމަށެވެ. މި ބޯޓުގައި އެ ވަގުތު 11 ފަޅުވެރިން ތިބި ކަމަށާ ނަމަވެސްއެއް ވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށެވެ. އަދި ބޯޓުގެ ފަޅުވެރިން އަމިއްލަ އަށް އަލިފާން ނިއްވާލައި އިންޖިނަށް ދިމާވި މައްސަލަ ހައްލުކޮށް މަޑުމަޑުން ރާއްޖެ އަށް ދަތުރުކުރަމުން ދާ ކަމަށެވެ.