ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ޓިއުޝަނާއި ގުރުއާން ކުލާސްތައް ބަންދުކުރުމުގެ މުއްދަތު އިތުރުކޮށްފި

ދިވެހިރާއްޖޭގައި ތައުލީމު ދޭ އެންމެހައި ތަންތަނުގައި ކިޔަވައިދިނުން ވަގުތީގޮތުން މެދުކަނޑައިލުމަށް އަންގާފައިވާ އެންގުމުގެ މުއްދަތު ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް އިތުރުކޮށްފި އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުނު އެންގުމެއްގައި ބުނެފައިވަނީ މާދަމާއިން ފެށިގެން އެެއް ހަފްތާގެ މުއްދަތަށް ދިވެހިރާއްޖޭގައި ތައުލީމު ދޭ އެންމެހައި ތަންތަނުގައި ކިޔަވައިދިނުން ވަގުތީގޮތުން މެދުކަނޑައިލުމަށް އަންގާ ކަމަށެވެ.

މި އެންގުން ކުރިން ވެސް ނެރުނެވެ. ނަމަވެސް އެ އެންގުމުގެ މުއްދަތު މާދަމާއަށް ހަމަވާނެ އެވެ. އެހެންވެ މިއަދު ވަނީ އެންގުން އާ ކުރައްވާފަ އެވެ.

އެގޮތުން ރާއްޖޭގައި ހިންގާ ހުރިހާ ސުކޫލްތަކާއި، ތައުލީމުދޭ މަރުކަޒުތަކުގައި ކިޔަވައިދިނުން ވަގުތީގޮތުން މެދުކަނޑާލުމަށާ ޔުނިވާސިޓީތަކާއި، ކޮލެޖްތަކާއި ތަމްރީންދޭ މަރުކަޒުތަކުގައި ކިޔަވައިދިނުން ވަގުތީ ގޮތުން މެދުކަނޑާލުމަށާ ރާއްޖޭގައި ހިންގާ ޓިއުޝަން ސެންޓަރުތަކާއި ގޭގޭގައި ހިންގާ ޓިއުޝަން ސެންޓަރުތަކާއި ގުރުއާން ކިލާސްތަކާއި، އެހެނިހެން ތައުލީމުދޭ ކުލާސްތައްވެސް ވަގުތީގޮތުން މެދުކަނޑާލުމަށް ވަނީ އަންގާފައެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މިފަދަ އެންގުމެއް އަންގާފައިވާއިރު ސަރުކާރުން ވަނީ މި ހަފްތާވެސް ބަންދުކޮށް، ސުކޫލްތަކާއި ޔުނިވަސިޓީ/ކޮލެޖްތަކުގެ ކިޔެވުން ބަންދުކޮށްފައެވެ. މިއީ ސަރުކާރުން މި ފިޔަވަޅު އެޅި ތިންވަނަ ހަފްތާއެވެ.

ކޮވިޑް19 އިން ރައްކާތެރިވުމަށް ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ކޮންމެ ދުވަހަކު ތިން ގަޑިއިރަށް މާލެ،ވިލިމާލެ އަދި ހުޅުމާލޭގައި ކާފިއުވެސް ހިންގައެވެ.