ކުޅިވަރު

މިއީ ހަނގުރާމައެއް ކަހަލަ ވަގުތެއް: އަންޗެލޯޓީ

ކޮވިޑް-19 ގެ ސަބަބުން މިހާރު މުޅި ދުނިޔެ ހޭދަ ކުރަމުން ދަނީ، ހަނގުރާމައެއް ކަހަލަ ވަގުތެއް ކަމަށް އެވަޓަންގެ ކޯޗް ކާލޯ އަންޗެލޯޓީ ބުނެފި އެވެ.

އަންޗެލޯޓީ މި ދުވަސްވަރު ހޭދަ ކުރަނީ ލިވަޕޫލް ސިޓީގައި ހުންނަ އޭނާގެ ގޭގައެވެ. އެ ގޭގައި ހުރެގެން ފޯނުން ދިން އިންޓަވިއުގައި އޭނާ ބުނީ، އަމިއްލަ ގައުމު އިޓަލީން ތަހަންމަލު ކުރަމުންދާ ގޮންޖެހުން އޭނާއަށް އިހްސާސް ކުރެވޭ ކަމަށެވެ.

އޭނާ، ބުނީ ވައިރަހާ ގުޅިގެން މުޅި ދުނިޔެ ބަދަލުވެފައި ވައިރު، އާންމު ހާލަތަކަށް އެޅުނަސް ކުރިން އޮތް ގޮތަށް ހުރީހާ ތަނެއްގައި ކަންކަން ނޯންނާނެ ކަމަށެވެ.

"މިއީ ހަނގުރާމައެއް، މިހާލަތު ބަދަލުވުމުން ދެން އޮންނާނީ ހަނގުރާމައަށް ފަހު އޮންނަ ހާލަތުގައި'" ފްރާންސްގެ "ލެކީޕު" ނޫހަށް ދިން އިންޓަވިއުގައި އެ ގައުމުގެ ޕީއެސްޖީއަށް ކުރިން ކޯޗް ކޮށްދިން އަންޗެލޯޓީ ބުންޏެވެ. "އަހަރެން ވަރަށް ބޮޑަށް ހާސްވެފަ މިހުންނަނީ، އެއީ އިޓަލީގެ މަރުގެ ޜޭޓް އުޅެނީ ދުވާލަކު 600 ގައި، އެކަމަކު އަހަންނަށް ހީ ވަނީ މި އުނދަގޫ ހާލަތުގައިވެސް އިޓަލީން ރަނގަޅު މަސައްކަތް ތަކެއް ކޮށްފި ހެން."

އޭނާ ބުނީ، ސްޓޭޑިއަމް ބަންދުކޮށްގެން މެޗުތައް ކުޅުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި އެހެންނަމަވެސް މިހާލަތުގައި އެއީވެސް އެއް ގޮތް ކަމަށެވެ.

"ފަނަރަ ދުވަހުގެ ތެރޭ ކުޅުންތެރިޔަކު މެޗަށް ފިޓް ކުރެވިދާނެ، ނަމަވެސް ކުޅުންތެރިންގެ ސަލާމަތަށް އޮތީ ކޮން ޔަގީން ކަމެއް،" އަންޗެލޯޓީ ވާހަކަ ދެއްކި އެވެ. "ސްޓޭޑިއަމް ބަންދުކޮށްގެން ކުޅުނަސް މެޗުގެ އެހެން އިންތިޒާމްތައް ހަމަޖައްސާ އޮފިޝަލުންނާއި ނޫސްވެރިންގެ ސަލާމަތަށް އޮތް ރައްކާތެރި ކަމަކީ ކޮބާ."