ހަބަރު

ރަށްރަށު މީހުން މާލޭގައި އުޅެނީ މެންބަރުން ކުލި ދައްކައިދީގެނެއް ނޫން: ތޯރިގް

ވިޔަފާރިވެރިންނަށް އެހީތެރިވުމަށްފަހު އަތޮޅުތެރޭގެ މީހުން ރަށައްދާން ގޮވާލުން ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވެ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިިނިސްޓަރު މުހައްމަދު ތޯރިގު، މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު އީސައާ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިިފި އެވެ.

މާލޭގައި ބޮޑު އަގުގައި ކުލި ދައްކަމުންދާ ރަށްރަށުގެ މީހުންގެ ތެރެއިން ކުލި ނުދެއްކޭ ވަރަށް ހާލުގައި ތިބި މީހުން ރަށަށް ބަދަލު ވުމަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވަނީ ގޮވާލާފައެވެ. މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން މެންބަރު އީސަ ވިދާޅުވީ އިގްތިސާދު ދަށްވެފައިވާ ހާލަތުގައި ގިނަ ބައެއްގެ ވަޒީފާތައް ގެއްލެމުންދާތީ މާލޭގައި ކުއްޔަށް އުޅޭ މީހުނަށް ކުލި ނުދެއްކޭ ހާލަތަށް ގޮސްފައިވާ ކަމަށެވެ. އަދި އެފަދަ ފަރާތްތަކުން އަމިއްލަ ރަށަށް ބަދަލު ވާން އީސަ ގޮވާލެއްވި އެވެ.

އީސަ ދެއްކި ވާހަކައާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވި އެވެ. އެކަމާ ކަންބޮޑުވުން ފާޅުކޮށް ހިޔާލު ފާޅު ކުރި ގިނަ މީހުން ފާހަގަ ކޮށްފައިވާ ގޮތުގައި، އެ ވާހަކައަކީ ނިކަމެތި ހާލުގައި ތިބި މީހުން އިތުރަށް ނިކަމެތިވާނެ ކަމެކެވެ. މާލޭގައި އުޅޭ ރަށްރަށުގެ ބައެއް މީހުން އުޅޭނެ ގެދޮރެއް އަމިއްލަ ރަށުގައި ނެތްއިރު، ކުރާނެ މަސައްކަތެއް ނެތް ކަން ވެސް ހިޔާލު ފާޅުކުރި ބައެއް މީހުން ފާހަގަ ކޮށްފައިވެ އެވެ.

ނަމަވެސް ރައީސް ނަޝީދުވެސް ވަނީ އީސަ ދެއްކެވި ވާހަކަތައް ދިފާއުކޮށް ވާހަކަދައްކަވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ އެ މައްސަލާގައި މެންބަރު ބޭނުން ކުރެއްވި ބަސްތައް ފަހަރެއްގައި އެންމެ އެކަށީގެން ނުވާ ކަމަށާއި އެކަމަކު މެންބަރު ފާހަގަ ކުރެއްވި ނުކުތާ ރަނގަޅު ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް ގަބޫލު ކުރަން ދަތި ތެދު ހަގީގަތް ސިޔާސީ ލީޑަރުން ހާމަ ކުރައްވަން ޖެހޭނެ އެވެ. އެ ފަދަ ހަގީގަތްތައް ހާމަ ކުރުމުން ބައެއް އާންމުންގެ ނުރުހުން ވެސް އަމާޒުވާ ކަމަށާއި ނަމަވެސް އެ ކަން އޮންނަނީ އެ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން ތޯރިގު ވިދާޅުވީ ރަށްރަށު މީހުން މާލެ އައިސް މާލޭގައި އުޅެނީ މަޖިލީސް މެންބަރުން ކުލި ދައްކައިދީގެން ނޫން ކަމަށެވެ. އަދި ވިޔަފާރިންނަށް އެހީވުމަށްފަހު މާލޭގައި އުޅޭ ރަށްރަށުގެ މީހުން އެ ރަށަކަށް ދިއުމަށް ގޮވާލުން ބަލައިނުގަންނަ ކަމަށް ތޯރިގު ވިދާޅުވިއެވެ.

"ރަށްރަށު ކުދިން ކިޔަވައިގެން މޮޅެތި މީހުންނަށްވެފައިވަނީ އެ ކުދިންގެ މައިންބަފައިން މާލެ އައިސްވީ ބޮޑު ގުރުބާނީގެ ނަތީޖާއިން. ވިޔަފާރިވެރިންނަށް އެހީވުމަށްފަހު ރާއްޖެތެރެ މީހުން ރަށައްދާން ގޮވާލުން ބަލައެއް ނުގަންނަން." ތޯރިގު ވިދާޅުވިއެވެ.

ކޮވިޑް19 ގެ ސަބަބުން އިގްތިސާދީ ހާލަތު ދަށްވެ، އެތައް ބައެއްގެ ވަޒީފާ ގެއްލުމުގެ ބިރު ބޮޑުވެފައިވާއިރު އެތައް ހާސް މުވައްޒިފުންނަށް ނޯޕޭގައި ތިން މަސްދުވަހުގެ ޗުއްޓީއެއް ވަނީ ދީފައެވެ. އެކަމުގެ ސަބަބުން މާލޭގައި ބޮޑު ކުލީގައި ދިރިއުޅޭ ރައްޔިތުންނަށް ވަނީ ކުލި ދައްކައިގެން އުޅެވޭނެ މަގު ބަންދުވެފައެވެ. ބައެއް ގެދޮރުވެރިން ވަނީ މި ދުވަސްވަރު ކުލީގެ ބައެއް ކުޑަކޮށްދީފައެވެ.