މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް19 އާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ، ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ މަޝްވަރާކުރައްވައިފި އެވެ.
މިއަދު ހެނދުނު ފޯނުން ގުޅުއްވާ ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ދުނިޔެއަށް ކުރިމަތިވެފައިވާ މި ނުރައްކާތެރި ހާލަތުން އަރައިގަތުމަށް ރާއްޖެއާ ލަންކާއިން އަޅާފައިވާ އަދި އަޅަމުންގެންދާ ފިޔަވަޅުތަކާ ގުޅޭގޮތުން ވަނީ ވާހަކަދައްކަވާފައެވެ.
އަދި ކޯވިޑް-19 ބަލި ބާރަށް ފެތުރެންފަށައިފި ނަމަ ކުރިމަތިވެދާނެ ދަތިތަކާ އަދި ވަނީ ބަލި ފެތުރޭ މިންވަރަށް ފަރުވާދޭ ވަސީލަތްތައް އިތުރުކުރުމާއި ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ކުއްލިއަކަށް ބަލިމީހުން އިތުރުވެދާނެ ހާލަތަކަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން ބަލިމީހުންނަށް ބޭނުންވާނެ އެނދާއި، އެހެނިހެން ވަސީލަތްތައް ފޯރުކޮށްދެވޭނެ ގޮތްތަކާއި ބެހޭގޮތުންނާއި، ބަލިން ރައްކާތެރިވުމުގެ ގޮތުން މިހާރުވެސް އަމަކުރަމުންގެންދާ ފިޔަވަޅުތަކާ މެދުވެސް މަޝްވަރާ ކުރެއްވިއެވެ.
އަދި ދެ ގައުމުގެ ލީޑަރުންވެސް ވަނީ މި ހާލަތުން އަރައިގަތުމަށް އެކުގައި މަސައްކަތްކުރުމުގެ މުހިންމު ކަމާއި ދެ ގައުމުގެ ދޭދޭ ގުޅުން އިތުރަށް ވަރުގަދަ ކުރުމާއި، މި ސަރަހައްދަށް ކުރިމަތިވާ ދަތިތަކުން ސަލާމަތްވުމަށް ސަރަހައްދުގެ ގައުމުތައް ގުޅިގެން އެކުގައި މަސައްކަތްކުރުމަށް ބާރުއަޅުއްވައި ވާހަކަފުޅު ދައްކަވާފައެވެ.
ލަންކާއަކީ ދިވެހިންނާ އެންމެ ގާތް އެއް ގައުމެވެ. އަދި ދިވެހިން އެކި ބޭނުންތަކަށް އެންމެ ގިނައިން ދަތުރުކުރާ ގައުމެވެ. ލަންކާގައި ދިވެހިންގެ 15،000 އާބާދީއެއް އޮތް އިރު އެކި ބޭނުންތަކުގައި އަބަދުވެސް ގިނަ އަދަދެއްގެ ދިވެހިން އެ ގައުމުގައި ދިރިއުޅެއެވެ.