ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ގޭތެރޭގައި ސެނިޓައިޒާއަށްވުރެ ރަނގަޅީ އަތް ދޮވުން

ކޮރޯނާވައިރަސްގެ ވަބާ މުޅި ދުނިޔެއަށް ފެތުރިފައިވާއިރު ހުރިހާ އެންމެން ވެސް ސެނެޓައިޒާ ފަދަ ތަކެތި ބޭނުން ކުރުން މިހާރު ވަނީ އާއްމު ވެފަ އެވެ. އަލްކޮހޯލް ވަރަށް ގިނައިން އެކުލެވޭ އެއްޗަކަށް ވާތީ ސެނިޓައިޒާ ބޭނުންކުރުމުން އަތުގައި ޖަރާސީމާއި ވައިރަސް ހުރި ނަމަ އެ ތަކެތި މަރުވާނެ ކަމަށް ސިއްހީ މާހިރުން ލަފާ ދެއްވާތީ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ސައިބޯނި ލައިގެން ގިނަ ގިނައިން އަތް ދޮވުމާއި އަދި ސެނިޓައިޒާ ފަދަ ތަކެތިން އަތް ސާފުކުރުމަށް ޑޮކްޓަރުންނާއި ސިއްހީ ތަޖުރިބާކާރުން އިރުޝާދު ދެމުން ދާއިރު ގިނަ ބަޔަކަށް ނޭނގޭ އެއް ކަމެއް އެބައޮތެވެ. ސެނިޓައިޒާގެ ސައިޑް އިފެކްޓްސް ތަކެވެ. އަލްކޮހޯލް ވަރަށް މަތީ މިންވަރަކަށް ހުރުމުގެ ސަބަބުން ކިރިޔާވެސް އަލިފާނާ ކައިރި ވެއްޖެނަމަ ސެނެޓައިޒާގައި އަލިފާން ހިފުމުގެ ފުރުސަތު އޮތެވެ. އަދި މިއީ ވަރަށް ނުރައްކާތެރި ހާދިސާއެއް ދިމާވެދާނެ ކަމެކެވެ.

އިންޑިއާގެ ރިވާރީ ކިޔާ ރަށެއްގައި ދާދިފަހުން މިފަދަ ހާދިސާއެއް ހިނގައި 33 އަހަރުގެ ފިރިހެނަކު ވަރަށް ބޮޑަށް ފިހިފައި ވެއެވެ. މި މީހާގެ ހަށިގަނޑުގެ 35 ޕަސެންޓް ފިހުނީ އޭނާ ގެންގުޅުނު ސެނިޓައިޒާ ފުޅި ގަމީހަށް ބަންޑުން ދިއުމުންނެވެ.
އެ ވަގުތު އޭނާއަށް ހުރެވުނީ ރޯކޮށްފައިވާ އުނދުނަކާ ވަރަށް ކައިރީގައި ކަމުން ގަމީހުގައި އަލިފާން ރޯވީ އެވެ.

އިންޑިއާގެ ދިއްލީގައި ހުންނަ ސާ ގަންގާ ރާމް ހޮސްޕިޓަލުގެ ޕްލާސްޓިކް ސާޖަރީއަށް ޚާއްސަ ޑޮކްޓަރަކު އޭއެންއައި ނިއުސް އެޖެންސީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އަލިފާން ރޯވާ ކަހަލަ އެއްޗެތީގެ ކައިރީގައާއި ބަދިގޭ އުނދުނާ ކައިރީގައި ތިބެގެން ސެނެޓައިޒާ އުނގުޅާ ނުހެދުމަށެވެ. ސަބަބަކީ ސެނިޓައިޒާގައި ވަރަށް ފަސޭހައިން އަލިފާން ހިފާފާނެތީ އެވެ.

ސެނިޓައިޒާގައި އެތިލް އަލްކޮހޯލްގެ 62 ޕަސެންޓް ހުންނާތީ މިއީ ސިއްހަތަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތި ކުރުވާނެ އެއްޗެކެވެ. އެހެންވެ ސެނިޓައިޒާ ރައްކާ ކުރަން ޖެހޭނީ ވެސް ވަރަށް ފަރުވާތެރިކަމާއެކުގަ އެވެ. އަދި އަލިފާން ގެންގުޅޭ ހިސާބާ ވީހާ ދުރުގައި މި ތަކެތި ބެހެއްޓުން ވަރަށް މުހިއްމެވެ.

ސެނިޓައިޒާގެ ސަބަބުން އާއިލާގެ މީހަކަށް ގެއްލުމެއް ވިޔަ ނުދިނުމަށް ފަރުވާ ބަހައްޓަން ޖެހޭ ކަންތައްތަކުގެ ތެރޭގައި ކުޑަކުދިންނަށް އަތް ނުފޯރާ ހިސާބުގައި ސެނިޓައިޒާ ފުޅިތައް ބެހެއްޓުން ވަރަށް މުހިއްމެވެ. އަދި ފުޅިފުޅީގައި ވަރަށް ރަނގަޅަށް މަތިޖަހާ ރައްކާ ކުރުމާއި ގޭގައި ސައިބޯނި ލައިގެން އަތް ދޮވެވޭނެ ގޮތް ހުއްޓާ ސެނިޓައިޒާ ބޭނުން ނުކުރުން ވެސް އެއީ ވަރަށް މުހިއްމު ކަމެކެވެ.

ސެނިޓައިޒަ އުނގުޅަން ރަނގަޅީ ބޭރު ތެރޭގައި އުޅޭއިރު ފެނާއި ސައިބޯނި ލިބެން ނެތް ހާލަތުތަކުގައި އެކަންޏެވެ. އަދި ސެނިޓައިޒާ އުނގުޅާއިރު ރަނގަޅަށް މުޅި އަތުގައި އުނގުޅައި ރަނގަޅަށް ހިކެންދެން އަތް ތަނެއްގައި ނުޖައްސާ ބަހައްޓަން ޖެހޭނެ އެވެ. އަދި އަތުގައި ސެނިޓައިޒާ ހާކާފައި ހުރި ނަމަވެސް ބަދިގޭގެ މަސައްކަތްތައް ކުރަން ބަދިގެއަށް ވަނުމުގެ ކުރިން ސައިބޯނިން ރީތިކޮށް އަތް ދޮންނަން ޖެހޭނެ އެވެ. އަދި ކައްކާ މީހުން އުނދުނާ ކައިރީގައި އުޅޭއިރު އެއްގޮތަކަށް ވެސް ސެނިޓައިޒާގެ އަސަރު އަތުގައި ނުހުންނަ ވަރަށް އޮތް ދޮވުން މުހިއްމެވެ.