(ދެވަނަ ބައި)
ޖެހިގެން ހުރި އެނދުގައި އޮތީ މާބަނޑު އަންހެނެކެވެ. އޭނާ ގޮވާލުމުން އަހަރެން އޭނާ ގާތަށް ޖެހިލީމެވެ. އޭނާގެ ނޭފަތާއި ކަރަށް ހުރީ ހޮޅި ގުޅައިފައެވެ. އަހަރެން ފެނުމުން ލުއި ގޮތަކަށް ހިނިތުންވެލިއެވެ.
"މިއަދު މި ކޮން ދުވަހެއް؟" ބަލި އަޑަކުން އޭނާ ބުނެލިއެވެ. "އަހަރެން މީ މޭރީ."
"ބުދަ ދުވަސް، އެޕްރީލް އެކެއް." މޭރީގެ ނޭފަތާ ދިމާގައި އޮތް ހޮޅި ރަނގަޅު ކޮށްލީމެވެ.
"އަހަރެން މިތަނަށް ގެނައިތާ ފަސް ދުވަސްވީ، މިއަދު ވަރަށް ލުއި. ކުރިއަށް ވުރެ ތަންކޮޅެއް ފަސޭހަ. އެކަމަކު..." މޭރީ ލަސްލަހުން ނޭވާލަމުން ވާހަކަދެއްކިއެވެ. "ފިރިމީހާއާ ކުޑަ ދަރިފުޅު ވީ ގޭގަ. އެމީހުން ލޮލަށް ނުފެނި މި ވޭނުގައި އޮންނަން މި ޖެހެނީ."
އަހަރެން ހިތުގައި ޖެހުނެވެ. މޭރީގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރާއި ކެކުޅުން އަމިއްލައަށް ވަޒަން ކުރެވުނެވެ.
"މިއަދު. އަހަންނަށް މި ހޮޅިއާ ނުލައި ނޭވާލާން އުނދަގޫ. ބަލައިބަލަ އަހަރެންގެ ދެ އަތުގައި މިހުރި ކެނިއުލަރ އާއި ކަރުގައި މިވާ ކެތެޓަރއަކީ އަހަރެން ދިރިއޮތުމަށް މެދުވެރިކޮށްދޭ އެއްޗެހި." މޭރީ ކެއްސަމުން ދަތްދޮޅި ހިއްލިއެވެ.
އޭރު މުޅި މީހާގެ މޫނުވަނީ ރަތްވެފަ އެވެ. ނޭވާ ހުރީ ކުރުވެފައެވެ. ދެ ލޮލުގެ ހުދު ކަޅިވަނީ މަޑު ފިޔާތޮށި ކުލައަށް ބަދަލުވެފައެވެ. އަހަރެން މޭރީގެ ބޮލުގައި ފިރުމައިލަ ދިނީމެވެ. ނޭވާލާން ފަސޭހަވާނެގޮތް ހަދައިލަދިނީމެވެ. ކުޑަކޮށް ހަމައަކަށް އެޅުނެވެ. އަނެއްކާ ވެސް މޭރީ ފެށީއެވެ.
"ބަނޑަށް ހަތް މަސް މިވަނީ، އަހަރެން މި ހުރިހާ ގުރުބާނެއް މި ވަނީ ބަނޑުގައި މި އޮތް ދަރިފުޅުގެ ހައްގުގައި،" އެއް އަތުން އަމިއްލަ ބަނޑުގައި އަތް ޖައްސާލިއެވެ. "އަހަރެން ކުރިމަތީ މީހުން މަރުވެ ހަނާވެގެންދާ ގޮތް ފެނިފަ ބިރުން ފިތްކަނޑައިގެންދޭ. ކެއްސާ ކެއްސާ މީހުން އަވަދިވާ ގޮތް ފެނިފަ ހިތް ހުއްޓޭހާވޭ. މި ވޭން، މި އިހުސާސް، މި ހާލަތު ޖެހުމުން ނޫނީ ނޭނގޭނެ. މީހުންނަށް ހީވާނެ މި ވަރަށް އާދައިގެ ކަމެކޭ. އެކަމަކު ތަޖުރިބާ ކުރެވުނީމަ އެނގޭނީ މި އަޅާވޭން." ފުން ނޭވާތަކެއް ދޫކުރަމުން މޭރީ ބުނެލިއެވެ.
އޭރު މޭރީގެ ނޭވާ ކުރުވަނީ އެވެ. އެންމެ ފަހުން ވާހަކަ ނުދެއްކިގެން ހުއްޓައިލީ އެވެ. އަހަރެންގެ ހިތަށް ކުރަމުން ދިޔަ އަސަރުތައް އިތުރުވަމުން ދިޔައެވެ. އަހަރެން ހުރީ ވަރަށް ހިތްވަރު ކޮށްގެންނެވެ. ރޮވިދާނެތީއެވެ. ނަމަވެސް، މޭރީ ދެއްކި ވާހަކައިން މުޅި މީހާ ރޮއްވާލައިފިއެވެ. ހީވީ އަހަންނަށް އެހާލު ޖެހިގެން އުޅެވުނު ހެންނެވެ. މާބަނޑުވުމުން އަޅާ ވޭނުގެ އިތުރުން އިތުރު ވޭނެއް އުފުލަން ޖެހުމުން ކުރެވޭނެ އިހުސާސްތައް ކުރެވެމުން ދިޔައެވެ. ދެތިން ފަހަރު އެސްފިޔަ ޖަހައިލެވުނެވެ. އެ މައުސޫމު ދެ ލޮލަށް ބަލައިލެވުނެވެ. އަހަންނަށް ތުންފަތަށް ބާރުކޮށްލެވުނެވެ. ހިތްވަރު ކުރާށޭ ބުނާހެން ބޮލުން ހަރަކާތެއް ކޮށްލެވުނެވެ.
މުޅި ތަނުން އިވެނީ ރުއިމާއި ގިސްލުމުގެ އަޑެވެ. ނޭވާ ނުލެވިގެން މީހުން ތެޅި ފޮޅޭ އަޑެވެ. އަހަރެން ހުރީ ބިރުން ރޫރޫ އަޅައަޅައެވެ. ވޯޑަށް ވަނީއްސުރެ ގައިން ހީބިހީގެ އަސަރު ނުކެނޑެއެވެ. އިރުއިރުކޮޅާ ހީގަނޑުގަނޑު ގަޔަށް ވެއްޓެއެވެ. ދެކޮނޑާއި ކަނދުރާމަތި ފިނިވެ ލުއި ތުރުތުރެއް ދުވެލައެވެ. އިރުއިރުކޮޅާ މީހާ ފިނިވެގެންދެއެވެ. އަތްފައިގެ އިނގިލިތައް ނެތްހެން ހީވާ ފަހަރު ވެސް އާދެއެވެ. ކޮންމެ މަރަކާއެކު ލޮލުން ކަރުނަ ހިލެއެވެ. މީހުން އުޅޭ ހާލު ފެނިފައި ހިތް ތާށިވާގޮތް ވެއެވެ.
މީހުންގެ ފުރާނަ ސަލާމަތް ކޮށްދެވޭތޯ ހާސްކަން މަތީގައި ޑޮކުޓަރުން އުޅޭ މަންޒަރު ފެނިފައި ހިތް ފަޅިފަޅިވެއެވެ. އެތައް މަސައްކަތަކުން ހަމައަކަށް އެޅޭ މީހާ ވެސް ކުއްލިއަކަށް މަރުވެގެން ދާތީ ދެރަވެ ރޮވެއެވެ. އަހަރެން ވޯޑުން ބޭރަށް ނުކުމެލީމެވެ. ފެނުނީ ހިތްދަތި މަންޒަރެކެވެ. ހޮސްޕިޓަލުގެ ވޯޑުތައް ފުރުމުން އެނދުމަތިކުރާނެ ތަނެއް ނެތި އެތަން މިތަނުގައި މީހުން ބައިތިއްބައިގެން ފަރުވޭދެމުންދާ މަންޒަރެވެ.
ޑޮކުޓަރުންނާއި ނަރުހުން ކޮޅުކޮޅު މައްޗަށް ދުވަނީއެވެ. ދެފައި އެއް ތަނެއްގައި ނުޖެހެއެވެ. އެކަކު ގާތުން އަނެއްކަކު ގާތުންނެވެ. އެމީހުން ވެސް ރައްކާތެރިވުމަށް ލާންޖެހޭ ހެދުންތަކާއި މޫނުގައި އަޅަން ޖެހޭ މާސްކުތަކުގެ ސަބަބުން ހަރަކާތްތެރިވެ އުޅެން އުނދަގޫ ވަމުން ދިޔަތަން ފެންނަމުން ދިޔައެވެ. އަހަރެން ވެސް މި ހުރީ އެކަހަލަ ހެދުމެއް ގައެވެ. މުޅި މީހާ މިހުރީ ބަންދުކުރެވިފައެވެ.
މިއީ ފިނި މޫސުމެވެ. ނަމަވެސް، އިހުސާސްކުރެވެނީ ހޫނުކަމެވެ. ހާސްކަމެވެ. ރައްކާތެރިވުމަށް މަތިމައްޗަށް އެއްޗެހިލައި ކޯޓުލައި، މާސްކު އެޅުމުން ކުރެވެނީ އުނދަގޫ އިހުސާސެކެވެ. މީހާ ހުންނަނީ ބަރުހެލިވެފައެވެ. ހިނގާބިނގާވެ އުޅެން ވެސް އުނދަގޫވެފައެވެ. އަހަރެން ވެސް އުޅުނީ ބަލިމީހުންނަށް ހޭހަން ކޮށްދޭށެވެ. ޑޮކުޓަރުންގެ އިރުޝާދުގެ މަތިން އެ މީހުންނަށް ދޭންޖެހޭ އެހީތައް ދެވޭތޯއެވެ.
ކުއްލިއަކަށް މީހަކު ގޮވާލި އަޑު އިވުމުން އަހަރެން ވޯޑަށް ބަލައިލީމެވެ. އެއީ ވެންޓިލޭޓަރުގައި އޮތް މީހެކެވެ. އެއީ ޒުވާނެކެވެ. ފިރިހެނެކެވެ. އެމީހާ ރޮމުން ގިސްލަމުން ކޮންމެ ވެސް ވާހަކައެއް ދެއްކިއެވެ. ޑޮކުޓަރުގެ އިޝާރާތަށް އެމީހާ އޮތް ތަނަށް ދިޔައީމެވެ. އޭރު އެހެން ޑޮކުޓަރުންނާއި ނަރުހުން އުޅުނީ ޖެހިގެން ހުރި އެނދުގައި އޮތް ބަލި މީހަކަށް ފަރުވާ ދެވޭތޯއެވެ.
އަހަރެން ގޮސް ޒުވާނާ ގާތަށް ހުއްޓުމާއެކު އޭނާ ބަލައިލި އެވެ. ހިތްދަތި ގޮތަކަށެވެ. އެ ބެލުމުގައި ވަނީ އާދޭހުގެ އަސަރެވެ. ވޭނާއި ކެކުޅުމެވެ. ދެ ލޮލުން ކަރުނަ ހިލެމުން ދިޔައެވެ. އެ މީހާގެ ދެ ލޯ ވަނީ ރަތްވެފައެވެ. ނޭވާ ލަމުން ދިޔައީ ފާޑަކަށެވެ. އަޅައިގަންނަ ގޮތަށެވެ. ގަދަކަމުންނެވެ. އަހަރެން އެމީހާއަށް ބަލައިލަމުން ލުއި ގޮތަކަށް ހިނިތުންވެލީމެވެ.
"ކިހިނެއް؟" އިނގިރޭސި ބަހުން އަހަރެން ބުނެލީމެވެ.
އެމީހާ ރޯން ފެށީއެވެ. ބާރުބާރަށެވެ. އަހަރެން އުޅުނީ އޭނާއަށް ވީގޮތެއް ބަލާށެވެ. އޭނާ ވާހަކަދައްކަން ފެށީ އެތައް ވާހަކައެއް ދެއްކި ފަހުންނެވެ.
"މޭ ހީވަނީ ކުދިކުދިވާހެން،" ހުއްޓަމުން ހުއްޓަމުން އެމީހާ ބުނެދިނެވެ. "ހީވަނީ ނޭވާ ހޮޅީގެ ތެރޭގައި ތޫނު އެއްޗެއް، ފުޅިތޮށި ކަހަލަ އެއްޗެއް ހުރިހެން. ބޭރަށް ނޭވާލާއިރަށް ފުއްޕާމޭ ތެރެއިން ބޭރަށް އެ ފުޅިތޮށިތައް ނުކުންނަ ހެން."
"ހިތްވަރުކުރޭ." އަހަރެން އެ ޒުވާނާއަށް ހިތްވަރު ދިނީމެވެ.
"އަހަރެންގެ އަންހެނުންނަށް ގުޅައިލަދީބަލަ." ހުއްޓަމުން ހުއްޓަމުން އެ ޒުވާނާ ބުނެލިއެވެ.
އަހަރެން ވަށައިގެން ހޯދައިލީމެވެ. ބަލީމީހާއާ ގުޅޭ މައުލޫމާތު ހިމެނޭ ގަނޑުތައް ހާވައިލީމެވެ. އެއީ ޖޯންއެވެ.
"އަހަރެންގެ އަޖަލު ކައިރިވެއްޖެހެން ހީވޭ. އަހަރެން މަރުވެދާނެ، އަވަސް ކުރޭ." ޖޯން ބަރު ނޭވާތަކެއް ބޭރު ކުރަމުން ލަސްލަހުން ބުނެލިއެވެ.
އޭރު އޭނާގެ ނޭވާ ވަނީ ކުރުވެފަ އެވެ. މީހާ ވަނީ ވަރުބަލިވެފަ އެވެ. އަނގަ ވަނީ ހުޅުވިފަ އެވެ. އަހަރެންގެ ފައިން ފެށިގެން ބޮލާ ހަމައަށް މަޑުމަޑު ތުރުތުރެއް ދުވެލިއެވެ. ގައިން އެކުގައި ހީބިހި ނަގައިގަތެވެ. ޖޯންގެ މޫނަށް ބަލައިލެވުމުން އޭނާއަށް ކުރެވޭ އިހުސާސް އަހަންނަށް ވެސް ކުރެވުނު ކަހަލަ އެވެ.
"އަންހެނުންނަށް ވީޑިއޯ ކޯލެއް ކޮށްލަދީބަލަ. އާދޭސްކޮށްފަ،" ޖޯން ގިސްލަމުން ގިސްލަމުން ބުނެލިއެވެ. "އާދޭސް ކުރަން، އަހަންނަށް ގުޅައިލަދީ."
ޖޯނުގެ މައުލޫމާތު ހިމެނޭ ގަނޑުތައް އަނެއްކާ ވެސް ބައިލީޅެވެ. ޖޯންގެ އަންހެނުންގެ ނަން ފެނުނެވެ. އެއީ އެލިޒަބަތެވެ. އެލިޒަބަތުގެ ނަންބަރަށް ގުޅައިލީމެވެ. ފޯނުން ޖޯންގެ މޫނު ފެނުމާއެކު އެލިޒަބަތު ރޯން ފެށިއެވެ. ސިކުންތެއްގެ ތެރޭގައި އޭނާ ހުއްޓައިލިއެވެ. ވަރަށް ހިތްވަރުކޮށްފައި އޭނާ ބަލައިލި އެވެ.
"އަހަރެން މި މަރުވަނީ. މަރުވަނީ... އުފަލުގައި އުޅޭތި! އަހަރެން... އަހަރެން ވަރަށް... ވަރަށް ލޯބިވޭ.." ޖޯން ނޭވާ އުފުރެމުން ދިޔައެވެ.
އޭނާ ވާހަކަދައްކަމުން ދިޔައީ ނޭވާއެއް ދޫކޮށްލުމަށްފަހު ލަފުޒެއް ބުނަމުންނެވެ. ޖޯންގެ ހަރަކާތްތައް ލުއިވަމުން ދިޔައެވެ. އެލިޒަބަތު އިނީ ފެންކަޅިވެފައެވެ. އަނގަމަތީ އަތް އަޅައިގެންނެވެ. އޭނާގެ ލޮލަށް ބަރުވަމުން ދިޔަ ކަރުނަތައް ކޯތާފަތް މައްޗަށް އޮހެމުން ދިޔައެވެ.
"ޖޯން! ނޫން! އަހަރެން ޖޯން ގާތަށް ދާން ބޭނުން. އެކަމަކު އަންހަނަކަށް ބޭރަކަށް ނުނިކުމެވުނު. ހޮސްޕިޓަލާ ހަމައަށް ނުދެވުނު. ފުލުހުން އޮތީ މުޅި ތަން ބަންދުކޮށްފަ. އެންބިއުލަންސްގައި އެކަނި ހޮސްޕިޓަލަށް ވަދެވެނީ." އެލިޒަބަތަށް ކެތް ނުކުރެވުނެވެ.
"ހިތްހެޔޮ ކުރާތި، ވަރަށް.." ޖޯން ގަދަކަމުން ދެ ލޯ ހުޅުވާލަމުން ހީލަން މަސައްކަތް ކުރިއެވެ. "އަދި އަހަރުމެންނަށް ހަނިމޫނަށް ދެވޭނެ. ދަރިން ވެސް ލިބޭނެ."
"ޖޯން! އަހަރެން ޖޯން ގާތަށް ގެންދޭ، އާދޭސްކުރަން." އެލިޒަބަތު ބާރަށް ބުނެލިއެވެ.
"މާފާކުރޭ،" ޖޯން ނޭވާ ކުރުވަމުން ދިޔައެވެ. "އުފަލުގައި އުޅޭ..."
"ނޫން ނޫން... ނޫން... ނޫން..." އެލިޒަބަތު ހަޅޭއްލަވާގަތެވެ.
އަހަންނަށް ބަލައިލެވުނީ ޖޯން އަށެވެ. އޭނާ އޮތީ ހިނިތުން ވެގެންނެވެ. ލޮލުން އޮހެމުން ދިޔަ ކަރުނަތައް ހުއްޓުނެވެ. ޖޯން އެކުގައި ހުއްޓުނެވެ. ބަލައިލެވުނީ ކުރިމަތީ ހުރި މެޝިންގެ ސްކުރީނަށެވެ. އޭރު ސްކުރީނުގެ ރޮނގުތައް ތެދަށް ކުރެހެމުން ދިޔައެވެ. ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ހީވީ ގާތް ރަހުމަތްތެރިއަކު ވަކިވެގެން ދިޔަހެންނެވެ. ކުރެވުނީ އެކަހަލަ އިހުސާސެކެވެ. ބޭއިޚްތިޔާރުގައި ގިސްލެވެން ފެށުނެވެ. ކައިރީގައި ހުރި ގޮނޑީގައި އިށީނދެ އިނދެވުނެވެ. ލޮލުން އޮހެމުން ދިޔަ ކަރުނަތައް މާސްކު ދަށުން ތުންފަތާހަމައަށް ފޯރަމުން ދިޔައެވެ.
އަހަންނަށް ވެސް މިކަހަލަ ތަޖުރިބާއެއް މި ކުރެވެނީ އަލަށެވެ. އެހެންވެ ހުރެވެނީ ނެގިމަޑުވެފައެވެ. ޖެހިލުންވެފައެވެ. ހަރަކާތް މަދުވެފައެވެ. ސިކުނޑިއަށް ހުންނަނީ ބަރުހެލިވެފައެވެ. ފެންނަ މަންޒަރުންތަކުންނެވެ. ކުރެވޭ އިހުސާސްތަކުންނެވެ. އެހެން ބަލިތަކާ މި ބަލީގެ ތަފާތު ވަރަށް ބޮޑެވެ. މި ބަލިވުމާއެކު މީހާ އެކަހެރި ކޮށްލެވުމެވެ. އެހެން މީހުންގެ ރައްކާތެރިކަމަށް ޓަކައެވެ. އެހައި ހިސާބުން އާއިލާއާއި ލޯބިވާ އެންމެން ގެއްލެނީއެވެ. އެންމެ ހާލު ބޮޑުވާ ވަގުތުގައި ވެސް ލޯބިން ފިރުމައިލަދޭނެ މީހަކު ނުހުންނަނީއެވެ. ތިބެނީ ޑޮކުޓަރުންނާއި ނަރުހުންނެވެ. އަހަރުމެންނެވެ. އަހަރުމެންނަށް ވެސް ހިދުމަތް ދެވޭނީ ވެސް ވަކި މިންވަރަކަށެވެ. އެއްފަހަރާ އެތައް ހާސް ބަޔަކު މަރަށް ތެޅެމުންދާއިރު އެންމެ ފުރަތަމަ ދުއްވާ ގަނެވެނީ އެންމެ ހާލު ބޮޑުހެން ހީވާ މީހާ ގާތަށެވެ.
އެކަކު ރަނގަޅު ނުވެ އުޅެނިކޮށް އަނެއްކަކު ހާލު ދެރަވެއެވެ. އެކަކަށް ވެސް ރަނގަޅަށް، ފުރިހަމައަށް ފަރުވާއެއް ނުދެވެއެވެ. ވާނީ ވެސް އެހެންތާއެވެ. ބަލިމީހުން އިންތިހާއަށް ގިނައީ އެވެ. ވަސީލަތްތަކާއި ޚިދުމަތް ދޭން ތިބި މީހުން މަދީއެވެ.
ދެވަނަ ފަހަރަށް ޖޯންގެ މޫނަށް ބަލައިލެވުނެވެ. ޒުވާން އުމުރުގައި މަރުވެގެން އެ ދިޔައީ ފޮނި އުއްމީދުތަކެއް ކުރި ޒުވާނެކެވެ. ހުވަފެންތަކެއް ދުށް މީހެކެވެ. ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އަތުގައި އޮތް ފޯނު ރިންގުވާން ފެށުމުން ބަލައިލީމެވެ. ގުޅަނީ ޝިޔާޒެވެ.
"މަންމާ ބޮލަށް އުނދަގޫ ވަނީ، ނޭވާލާން ވެސް އުނދަގޫ ވަނީ. ކާއެއްޗެހީގައި އެއްވެސް ރަހައެއް ވެސް ނުލާ މިހާރު." ޝިޔާޒު ކެއްސާގަތެވެ.
އަހަންނަށް ތެޅި ގަނެވުނެވެ. ބާރުބާރަށް ހަޅޭއްލަވާ ގަނެވުނެވެ. ފަޔަށް ބާރުލައިފައި ދުއްވާގަނެވުނެވެ. މީހުންގެ ގައިން ނެއްޓެމުން ނެއްޓެމުން ދެވުނީ ހޮސްޕިޓަލުގެ ކޮރިޑޯއަށެވެ. އެތަން ވެސް އޮތީ ފުރި ބާރުވެފައެވެ. އެނދުމަތި ކުރާނެ ތަނެއް ނެތިގެން އެކި ތަނުގައި ވެސް މީހުން ބައިތިއްބާފަ އެވެ. ގޯތި ތެރޭގައި ހުރި ގަސްގަސް ދޮށުގައި ވެސް އެނދުތައް އަތުރާފައި ހުއްޓެވެ. އައިވީ ފުޅި އެލުވާނެ ގޮތެއް ނެތިގެން އެއް އަތުން އައިވީ ފުޅި ހިފައިގެން ތިބި މީހުން ވެސް ފެނުނެވެ. އަހަންނަށް ހުއްޓެވުނެވެ. ކޮނޑުގައި ދެ މީހަކު ހިފެހެއްޓިއެވެ. ބަލައިލެވުނީ އެމީހުންގެ މޫނަށެވެ. އެއީ، ޑޮކުޓަރު ފިނާންޑޯއާއި ސުޒީ އެވެ.
"ދަރިފުޅު، ޝައްކު ވަނީ. އަލާމަތްތައް ފެންނަނީ." އެކިތަނުން އެކި ވާހަކަ ނަގައިގެން، އަހަންނަށް އިނގިރޭސި ބަހުން ބުނެލެވުނެވެ.
"ކޮބާ އޭނަ؟" ސުޒީ އަހައިލިއެވެ.
"ގޭގަ،" އަހަންނަށް ތެޅިގަނެވުނެވެ. "އެކަނި އޮންނާނީ ވެސް. އެކަކު ވެސް ނޫޅޭނެ."
"އަޒްރާ މަޑުކުރޭ. އަހަރެން ޓެކް ޓީމަށް އަންހާނަގަން." ފިނާންޑޯ ބުނެލިއެވެ. (ނުނިމޭ)