ލައިފްސްޓައިލް

އެހީތެރިވުމުގައި ނޭޕްލްސް މީހުންގެ ނަމޫނާ!

ކޮރޯނާވައިރަހާ ކުރަމުންދާ ވަރުގަދަ ހަނގުރާމައިގައި އިޓަލީ އަދިވެސް އޮތީ ލޮކްޑައުން ކޮށްފަ އެވެ. އެއާއެކު ވެސް އެ ގައުމުގެ މީހުން ދައްކާ ނަމޫނާ އަކީ ފާޙަގަ ކޮށްލަން ޖެހޭ ވަރުގެ ކަމެކެވެ. ޚާއްސަކޮށް ނޭޕްލްސްގެ ރައްޔިތުންނެވެ.
ހާލުގައި ޖެހިފައިވާ އަދި ގެދޮރު ނެތި މަގުމަތީގައި އުޅޭ ފަގީރުންނަށް އެހީ ފޯރުކޮށްދިނުމުގައި އެމީހުން ދައްކަމުންދާ އިންސާނިއްޔަތުކަމުގެ މިސާލަކީ އެހެން މީހުން ވެސް އޭގެން އިބުރަތް ހާސިލުކުރަން ޖެހޭ ފަދަ މިސާލެކެވެ.

އޭގެ ތެރެއިން ގިނަ މީހުންގެ ގޭގޭގެ ބެލްކަނީގައި "ސަޕޯޓިވް ބާސްކެޓް" ނުވަތަ އެހީތެރިކަން ފޯރުކޮށްދޭ ވަށިގަނޑެއް އެލުވައިގެންނެވެ. ކާ އެއްޗެތި އަޅާ ފުރާފައި ހުންނަ މި ބާސްކެޓްތަކުގެ ފޮޓޯތަކެއް މީހަކު ވަނީ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފަ އެވެ. މި ބާސްކެޓްތަކުގައި އިޓަލީ ބަހުން ލިޔެފައިވާ ވަރަށް ޚާއްސަ މެސެޖެއް ވެއެވެ.

"މި ވަށިގަނޑަށް އެއްޗެއް ލައިދެވެން އޮތްނަމަ ލައިދީ. ނޫންނަމަ ވަށިގަނޑުން އެއްޗެއް ގެންދޭ،" މި ލިޔުމުގެ ޖުމްލަ މާނައަކީ މިއެވެ.

ހަގީގަތުގައި ނޭޕްލްސް މީހުންގެ މި ދީލަތިކަމުގެ އިޝާރާތަކީ ބޯދާ ޒަމާނުއްސުރެ އެމީހުންގެ ސަގާފަތުގައި ހިމެނިގެން ކުރަމުން އަންނަ ކަމެކެވެ. މި ވަށިގަނޑު މަޝްހޫރުވެފައި ވަނީ "ޕަނާރޯ ސޮލިޑޭލް" ގެ ނަމުންނެވެ. މާނައަކީ "ބާސްކެޓް އޮފް ސޮލިޑަރިޓީ" ނުވަތަ އެއްބައިވަންތަ ކަމުގެ ވަށިގަނޑެވެ. މި ބާސްކެޓްގެ އެންމެ ޝައުގުވެރިވާ އެއް ކަމަކީ މިއީ އެކަކު އަނެކަކާ އެއްވެސް ވަރަކަށް ގުޅިގެން ކުރާ ކަމަކަށް ނުވުމެވެ. މިއަށް އެއްޗެހި ލަނީ ކާކުކަމެއް ގެންދަނީ ކާކުކަމެއް އެއްވެސް މީހަކަށް ނޭނގޭނެ އެވެ.

ވަރަށް ތަފާތު ގޮތަކަށް ނޭޕްލްސް މީހުން އަދާކުރާ މ އިހްސާންތެރިކަމަށް ޓުވިޓާގައި ގިނަ ބަޔަކު ތައުރީފުކޮށްފައި ވެއެވެ. އަދި މިއީ އެހެން ރަށްތަކާއި ގައުމުތަކުން ވެސް ކުރަން ރަނގަޅު ކަމެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ. ބައެއް މީހުން ބުނި ގޮތުގައި ނޭޕްލްސް މީހުން ދައްކާފައިވާ ނަމޫނާއާ އެއްގޮތަށް އެ މީހުން ވެސް ގޭގެ ބެލްކަނީގައި ބާސްކެޓް އެލުވައިގެން ނިކަމެތިންނަށް އެހީތެރިކަން ފޯރުކޮށް ދެވޭތޯ މަސައްކަތް ކުރަން ފަށާނެ އެވެ.

"އަހަރެންގެ ހަޔާތުގައި ބައްދަލުވި އެންމެ ދީލަތި މީހުންނަކީ ނޭޕްލްސް މީހުން. އިޓަލީއަށް ހެޔޮގޮތް މިންވަރު ކުރެއްވުމަށް އަހަރެން އެދެން. އަދި ދުނިޔޭގެ އެންމެންނަށް ވެސް،" މި ޚަބަރަށް ކޮމެންޓު ކުރި މީހެއްގެ ޓުވިޓްގައި ބުނެފައި ވެއެވެ.

"އިންސާނިއްޔަތުކަން އަދިވެސް ނެތި ނުދާކަން ސާބިތުވެއްޖެ،" ތިން ވަނަ މީހާގެ ޓުވީޓްގައި ވެއެވެ.

ކޮރޯނާވައިރަސްގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވެފައިވަނީ އިޓަލީ އަށެވެ. ނަމަވެސް އެމީހުންގެ އިންސާނިއްޔަތުކަމުގެ ޖަޒުބާތަކަށް ކުޑަވެސް ގެއްލުމެއް ނުލިބެ އެވެ.