ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސުޕްރީމް ކޯޓުގެ އެންގުމުން ކޯޓުތަކުގެ މިނިވަންކަމަށް އަސަރެއް ނުކުރޭ: ޖޭއެސްސީ

ކޮވިޑް-19 ގެ ސަބަބުން ކޯޓުތަކުން އަމަލު ކުރަން ޖެހޭ ގޮތްތަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރެފައިވާ ސާކިއުލާގެ ސަބަބުން ކޯޓުތަކުގެ މިނިވަން ކަމަށް އަސަރު ކުރާ ކަމަށް ނުފެންނަ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސުޕްރީމް ކޯޓުން ނެރެފައިވާ އެ ސާކިއުލާއާ ގުޅިގެން ބައެއް ފަރާތްތަކުގެ ކަންބޮޑުވުންތަކެއް ހުރި ކަން އެ ކޮމިޝަނަށް ފާހަގަ ކުރެވޭތީ ކޮމިޝަންގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޝަންގެ މެންބަރުން އެ ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

ސުޕްރީމް ކޯޓުން އެކަމުގައި އެހެން ކޯޓުތަކަށް ދީފައިވާ އިރުޝާދުތަކަކީ ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، ދީފައިވާ އިރުޝާދުތަކެއް ކަމަށާއި އޭގެ ސަބަބުން ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގެ މިނިވަން ކަމަށް އަސަރު ކުރާނެ ތަނެއް ނެތް ކަމަށް ކޮމިޝަންގެ މެމްބަރުންނަށް ފެނިވަޑައިގަންނަވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

ކޮވިޑް-19 އިން ރައްކާތެރި ވުމުގެ ގޮތުން ކޯޓުތަކުގެ ޝަރީއަތްތައް ވެސް ވަނީ މެދުކަނޑާލައިފަ އެވެ. އެކަމަކު ކޮންމެހެން ބާއްވަންޖެހޭ ޝަރީއަތްތަކާއި ބަންދާ މެދު ގޮތެއް ނިންމުން ފަދަ މަސައްކަތްތަކުގެ އިތުރުން މައްސަލަތައް ހުށަހެޅުމާއި ބަލައިގަތުމުގެ މަސައްކަތް އަދިވެެސް ކުރިއަށް ގެންދެ އެވެ. އޮންލައިން ކޮށް މައްސަލަ ހުށަހެޅޭ އިންތިޒާމު ވެސް ކޯޓުތަކުގައި ވަނީ ހަމަޖައްސައިފަ އެވެ.

ކޮވިޑް-19 އިން ގުޅިގެން ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތަކާއި ތައުލީމުގެ ހިދުމަތް ދެމުންދާާ މަރުކަޒުތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. އަދި މާލެ ސަރަހައްދުގެ ޕާކްތަކާއި މައިޒާންތަކާއި ކެފޭތަކާއި ރެސްޓޯރަންޓްތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި ޖިމްތަކާއި ސިނަމާތައް ބަންދު ކުރިއިރު، މާލެ ސަރަހައްދުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ވެސް ވަނީ ހުއްޓާލާފަ އެވެ.

މިހާރު ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އަށް މާލެ ސަރަހައްދުގެ ތިން ރަށުގައި ވެސް މަގުމަތީގައި އުޅުން މަނާކޮށް ކާފިއު ހިންގަމުން ދެ އެވެ.