ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މިދިޔަ މަހު ހުށަހެޅުނު އަނިޔާގެ އަދަދު ވަރަށް މަދު: ޖެންޑާ މިނިސްޓަރު

މިދިޔަ މާޗު މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހެޅުނު އެކި ބާވަތްތަކުގެ އަނިޔާތަކުގެ މައްސަލަތައް މަދު ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ މިރޭ ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖެންޑާ މިނިސްޓަރު ވިދާޅުވީ ގެވެށި އަނިޔާގެ މައްސަލަ މިދިޔަ މަހު ހުށަހެޅިފައިވާ މިންވަރު މަދު ކަމަށެވެ. ޖެނުއަރީ މަހު ގެވެށި އަނިޔާގެ 34 މައްސަލައެއް އަދި ފެބްރުއަރީ މަހު 39 މައްސަލައެއް ހުށަހެޅި އެވެ. މިދިޔަ މާޗު މަހު ހުށަހެޅީ 26 މައްސަލައެކެވެ.

ކުޑަ ކުދިންނަށް ކުރާ އެކި ބާއްވަތްތަކުގެ އަނިޔާގެ 101 މައްސަލަ މިދިޔަ ހުށަހެޅި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ޖެނުއަރީ މަހު އޭގެ 131 މައްސަލަ އަދި ފެބްރުއަރީ މަހު ހުށަހެޅީ އޭގެ 161 މައްސަލަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ މާޗް މަހު އެ މިނިސްޓްރީއަށް ހުށައަޅާފައިވާ އަނިޔާގެ މައްސަލަތަކުގެ އަދަދު މަދުވެފައިި ވަނީ ހަގީގަތުގައި ވެސް އަނިޔާ ކުރާ މިންވަރު މަދުވެގެން ކަމަށް ގަބޫލު ކުރައްވަން ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އަނިޔާދޭ މީހަކާއެކު އުޅެން ޖެހުމުން އެ މައްސަލަ ރިޕޯޓް ކުރަން އުނދަގޫވާނެ ކަމަށް ވެސް ގަބޫލު ކުރެވޭ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ބަލިމަޑުކަމެއް ވެސް ފެތުރެމުންދާ ހާލަތުގައި އަނިޔާ ލިބެމުންދާ ކަމަށްވާނަމަ ރިޕޯޓް ކުރުމަށް އެދިވަޑައިގެންފަ އެވެ.