ކޮވިޑް-19 އާ ގުޅިގެން ހާލުގައި ޖެހި ކާބޯތަކެތީގެ އެހީތެރިކަން ބޭނުން ވެފައިވާ 14 އާއިލާއަކަށް ކާބޯތަކެތީ ފޯރުކޮށްދީފި އެވެ.
ޖެންޑާ މިނިސްޓްރީން ބުނީ ކޮވިޑް-19 އާ ގުޅިގެން ހާލުގައި ޖެހޭ މީހުނާއި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ ކަމަށާއި ކާބޯތަކެތީގެ އެހީތެރިކަން ބޭނުންވެފައިވާ 14 އާއިލާއަކަށް ފެމިލީ ލީގަލް ކްލިނިކާއި އާކް ގުޅިގެން މިދިޔަ ދެ ދުވަހު އެހީ ފޯރުކޮށްދީފައި ވާނެ ކަމަށެވެ.
މީގެ އިތުރުން ވިމެންސް އާޓްސް އެންޑް ކްރާފްޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެން އެހެން ދެ އާއިލާއަކަށް ވެސް މިނިސްޓްރީން އަންނަނީ ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.
ކުލި ނުދެއްކޭ ހާލަތެއް މެދުވެރިވެފައި ވަނިކޮށް ގެއަކުން ނެރެލި ދެ ކުއްޖަކަށް ޖެންޑާއިން ވަނީ އެހީވެ ވަގުތީ ހިޔާވަހިކަން ހޯދައިދީފަ އެވެ. އަދި ވަންނާނެ ގެދޮރެއްނެތި މަގުމަތީ އުޅެމުންދިޔަ 80 މީހަކަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފައި ވެއެވެ.
ވަގުތީ ހިޔާގެ ގޮތުގައި އިމާދުއްދީން ސުކޫލާއި ހުޅުމާލޭ ޣާޒީ ސުކޫލާއި ރެހެންދި ސުކޫލް ދަނީ ބޭނުން ކުރެ އެވެ.