މޯލްޑިވްސް ޕޮލިސް ސާވިސް

ރިސޯޓަކުން ފޭބި ފަސް މީހަކު ހައްޔަރުކޮށްފި

ރިސޯޓްތަކަށް އެރުމާއި، ފޭބުން މަނާކޮށްފައިވަނިކޮށް އެ އެންގުމާ ހިލާފުވި ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

ކޮވިޑް19 އާ ގުޅިގެން ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ރިސޯޓްތަކުން އެހެން ރަށްތަކަށް ދަތުރުކުރުމާއި، އަދި އެހެން ރަށްރަށުން ރިސޯޓްތަކަށް ދިއުން ވަނީ މަނާކޮށްފައެވެ.

ފުލުހުން ބުނީ ޔޫ އެންޑް މީ ބައި ކޮކޫން ރިސޯޓުން ރ. އަލިފުއްޓަށް ދިޔަ ފަސް މީހުން މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުންނަކީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެ ރަށައް ދިޔަ ބައެއް ކަމަށާ އެމީހުން މިރޭ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.

ރިސޯޓްތަކަށް އެރުމާއި، ފޭބުން މަނާކޮށްފައިވަނިކޮށް އެ އެންގުމާ ހިލާފުވާ ފަރާތްތައް އެކުރަނީ ކުށެއް ކަމަށާ އެފަދަ މައްސަލަތައް ބަލާ ދައުވާ އުފުލަންޖެހޭ ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރައްވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ.

މިފަދަ ގިނަ މައްސަލަތަކެއް މީގެ ކުރިން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން ހދ. ހޮނޑާފުށި އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު އޭނާގެ ތަކެތި ނަގަން އެ ރިސޯޓަށް އެރުމަށް ފަހު ހދ. ހަނިމާދޫއަށް ދިއުމުން ވަނީ ހައްޔަރުކޮށްފައެވެ. އަދި އަދާރަން ޕްރިސްޓީޖް ވާދޫ ރިސޯޓުގެ މުއައްޒަފަކު ރިސޯޓުން ފައިބަން ހުއްދަ ނުދިނުމުން އެ ރިސޯޓުގައި ރޯކޮށްލާނެ ކަމަށް ބުނި މައްސަލައެއް ފުލުހުން ދަނީ ބަލަމުންނެވެ.

މީގެ އިތުރުން އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރާ ފަން އައިލެންޑް ރިސޯޓުން އޮޅުވެލި ބީޗް ރިސޯޓަށް ފަތާފައި ދިޔަ މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އޭނާ ފަތާފައި އޮޅުވެލި ބީޗް ރިސޯޓަށް އެރުމަށް މޫދުގައި އޮތްވާ ހުއްޓުވައި ހައްޔަރު ކޮށްފައިވާ ކަމަށާއި އޭނާއަކީ ފަން އައިލެންޑް ރިސޯޓްގެ މުވައްޒަފެއް ކަމަށާއި އޭނާ އޮޅުވެލި ރިސޯޓަށް ފަތާފައި ދިޔައީ ސިނގިރޭޓެއް ގަންނަން ކަމަށް ބުނެފައިވާ ކަމަށެވެ.