ކުޅިވަރު

ކޮރެއާގެ އަސްކަރީ ވަޒީފާއަށް ސޮން ނުކުންނަނީ

ޓޮޓްނަމް ހޮޓްސްޕާސްގެ، ދެކުނު ކޮރެއާގެ ފޯވަޑް ސޮން ހިއުންގް މިން އެ ގައުމުގެ އަސްކަރީ ވަޒީފާއަށް ނުކުންނަން ތައްޔާރު ވެއްޖެ އެވެ.

ދެކުނު ކޮރެއާގައި، އުމުރުން 28 އަހަރުގައި ކޮންމެ ފިރިހެނަކު ވެސް އަސްކަރީ ހިދުމަތަށް ނުކުތުމަކީ މަޖުބޫރު ކަމެކެވެ.

ޓޮޓްނަމްއިން ބުނީ، ޖުލައި މަހު 28 އަހަރު ފުރޭ ސޮން އަށް ޓީމުގެ ހުއްދަ ލިބިގެން އެ ގައުމުގެ އަސްކަރިއްޔާގައި މަސައްކަތް ކުރާނެ ކަމަށެވެ. އަސްކަރިއްޔާގައި ހަތަރު ހަފުތާގެ މުއްދަތެއް އޭނާ ހޭދަ ކުރާނެ އެވެ.

ލަންޑަންއިން، ކޮރެއާއަށް ދަތުރު ކުރުމުން މި ދެ ހަފުތާ ސޮން ހޭދަ ކުރާނީ ކަރަންޓީންގަ އެވެ. ސްޕާސްއިން ބުނީ ހަތަރު ހަފުތާގެ އަސްކަރީ ހިދަމުތުގެ މުއްދަތު ނިމުމަށް ފަހު ސޮން ޓީމާ ގުޅޭނީ މެއި މަހު ކަމަށެވެ.

ދެކުނު ކޮރެއާގައި އަސްކަރީ ހިދުމަތުގައި މަދުވެގެން 21 މަސް ދުވަހު ހޭދަ ކުރަން ޖެހެ އެވެ.

ސަން ވަނީ 2018 ބޭއްވި އޭޝިއަން ގޭމްސްގެ ފުޓްބޯޅަ މުބާރާތް ދެކުނު ކޮރެއާގެ 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ކާމިޔާބު ކޮށްދިނުމުގައި އެހީތެރިވެ ދީފަ އެވެ.

މިދިޔަ ފެބްރުއަރީ މަހު އެސްޓަން ވިލާއާ ދެކޮޅަށް ސްޕާސް ކުޅުނު މެޗުގައި ސަންގެ އަތުގެ ކަށިގަނޑު ރެނދުލުމުން، އޭރު ބެލެވުނީ އޭނާއަށް ސީޒަންގެ ބަކީބައިގައި ނުކުޅެވޭނެ ކަމަށެވެ. އެހެންނަމަވެސް ކޮރޯނާ ވައިރަސްގެ ހާލަތާ ގުޅިގެން ސީޒަން ދިގު ދެމިގެން ދިއުމުން ސީޒަންގެ ބާކީ ބައިގައި އޭނާއަށް ކުޅެވޭނެ އެވެ.