ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ވަޒީފާ ގެއްލޭ މީހުންނަށް ތިންމަސްދުވަހު އެލަވަންސް

ކޮވިޑް19 އާ ގުޅިގެން ވަޒީފާ ގެއްލޭ މީހުންނަށް އޭޕްރީލް މަހުން ފެށިގެން ތިން މަސްދުވަހުގެ މުއްދަތަށް ސަރުކާރުން އެލަވަންސްއެއް ދޭން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ކޮވިޑް19 އާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން އިއުލާނުކޮށްފައިވާ އިކޮނޮމިކް ރިލީފް ޕެކޭޖްތަކުގެ ތަފްސީލް މިއަދު ހާމަކޮށްފައެވެ

ސަރުކާރުން ވަނީ ރާއްޖޭގެ އިގްތިސާދަށާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި މުހިންމު ހަތް ފިޔަވަޅެއް އެޅުމަށް ނިންމާފައެވެ. އޭގެ ތެރޭގައި ކޮވިޑް19 އާ ގުޅިގެން ވަޒީފާ ގެއްލޭ މީހުންނަށް ތިން މަސްދުވަހުގެ މުއްދަތަށް ސަރުކާރުން އެލަވަންސެއް ދިނުމަށް ވަނީ ނިންމާފައެވެ.

އެ އުސޫލުގައި ބުނެފައިވަނީ ކޮވިޑް19 އާ ގުޅިގެން ވަޒީފާ ގެއްލޭ މީހުންނަށް އޭޕްރީލް މަހުން ފެށިގެން ތިން މަސްދުވަހުގެ މުއްދަތަށް ސަރުކާރުން އެލަވަންސްއެއް ދޭނެ ކަމަށެވެ. އަދި މި އެލަވަންސް ލިބޭނީ މަސް ނިމޭއިރު ކަމަށް ވަނީ ބުނެފައެވެ.

މި އެލަވަންސް ހޯދުމަށް ޖޮބް ސެންޓަރުގެ ޕޯޓަލްގައި ރަޖިސްޓްރީކުރަން ޖެހޭނެ ކަމަށާ އެކަމުގެ ތަފްސީލް ސަރުކާރުން އަދި އާންމު ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ކޮވިޑް19 ގެ ސަަބަބުން ވަޒީފާއިން ވަކިކޮށްފިނަމަ ނުވަތަ މުސާރައާ އެލަވަންސްތަކަށް އެއްވެސް ބަދަލެއް ގެނެސްފިނަމަ އިކޮނޮމިކް މިނިސްޓްރީގައި ގާއިމްކޮށްފައިވާ ޖޮބް ސެންޓަރަށް ރިޕޯޓް ކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

ވަޒީފާ ގެއްލޭ މީހުނާއި މުސާރަ އުނިކުރުމުގެ މައްސަލަތަކުގެ ޝަކުވާތަށް ހުށަހަޅަން ގާއިމުކޮށްފައިވާ ޕޯޓަލްއަށް ވަޒީފާގެ ހާލަތު ބަދަލުވެގެން 723 މީހަކު ޝަކުވާ ހުށައަޅާފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ކޮވިޑް-19 ޓާސްކް ފޯހުމުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީން ގާއިމު ކޮށްފައިވާ އެ ޖޮބް ޕޯޓަލްގައި މިހާތަނަށް 723 މީހަކު ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 185 މީހުނަކީ ވަޒީފާއިން ކަނޑާލައިގެން ޝަކުވާ ހުށަހަޅާފައިވާ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޖޮބް ޕޯޓަލްގައި ރަޖިސްޓްރީވި މީހުންގެ ތެރެއިން އެންމެ ގިނައީ މޫސަރަ ނުލިބޭ ގޮތަށް ނުވަތަ ނޯޕޭއަށް ޗުއްޓީއަށް ފޮނުވާލާފައިވާ މައްސަލަތަކެވެ. އެ ގޮތުން މިހާތަނަށް 245 މީހަކު ނޯޕޭއަށް ފޮނުވާލައިގެން ޕޯޓަލް ރަޖިސްޓްރީކޮށްފައިވެ އެވެ.

މީގެ އިތުރުން މުސާރަ ކުޑަކޮށްފައިވާ 113 މީހުންނާއި ބައި ސެލެރީއަށް މުސާރަ ކުޑަކޮށްފައިވާ 72 މީހަކާއި ބޭސިކް ސެލެރީއަށް މުސާރަ ކުޑަކޮށްފައިވާ 44 މީހަކު ހިމެނެ އެވެ. ސަސްޕެންޑް ކޮށްފައިވާ 64 މީހަކު ވެސް ޕޯޓަލްގައި ރަޖިސްޓްރީކޮށްފައިވެ އެވެ. އަދި އަމިއްލަ މަސައްކަތް ކުރާ 58 މީހަކު ވެސް ހިމެނެ އެވެ.