ކޮރޯނާވައިރަސްގެ ހަގީގަތް އަދިވެސް ސައިންސްވެރިންނަށް ރަނގަޅަކަށް އޮޅުމެއް ނުފިލަ އެވެ. ކޮންމެ ދުވަހަކު ވެސް މި ވައިރަހާ ބެހޭ އާ ވާހަކަތަކެއް ސައިންސްވެރިންގެ ފަރާތުން އިވެމުން ދެއެވެ. ވައިރަހާބެހޭ ގިނަ ސުވާލުތަކަކަށް އަދިވެސް ޖަވާބު ނުލިބި ވެސް އެބަހުއްޓެވެ. އަދި ކޮންމެ ދުވަހަކުވެސް ކޮންމެވެސް އާ ކަންތައް ތަކެއް މި ވައިރަހާ ގުޅޭ ގޮތުން ތަޖުރިބާ ކުރަން ޖެހެ އެވެ.
އެގޮތުން އެންމެ ފަހުން އިވުނު އަޑަކީ އެމެރިކާގެ ނިއުޔޯކްގެ ބްރޮންކްސް ޒޫ ގައި އޮތް މިނިކާވަގެއްގެ ހަށިގަނޑުން ކޮރޯނާވައިރަސް ފެނުނު ވާހަކަ އެވެ. އެ ސޮރުގެ ހަށިގަނޑަށް ވައިރަސް އެރި ކަމަށް ވަނީ އެ ސޮރު ބެލެހެއްޓުމާ ހަވާލުވެގެން އުޅުނު މީހެއްގެ ފަރާތުންނެވެ. މި މީހާއަކީ ބަލި ހުއްޓަސް ބަލީގެ އެއްވެސް ނިޝާނެއް ނުފެނި ހުރި މީހެކެވެ.
މާނައަކީ އިންސާނުންގެ ގައިން މި ބަލި ޖަނަވާރުންނަށް އަރައޭ ހެއްޔެވެ؟ ކޮރޯނާވައިރަސްއަކީ ޖަނަވާރުގެ ގައިގައި ފުރަތަމަ ހުރި އެއްޗެކެވެ. ނަމަވެސް ފަހުން އެ ވައިރަސްގެ ޖީންއަށް ނުވަތަ ޖީންތަކެއް ބަދަލުތަކެއް އައިސް އިންސާނުންގެ ހަށިގަނޑަށް ވާސިލުވެ އިންސާނުންނަށް ބަލި ޖައްސަން ފެށީ އެވެ. އެހެންވީމާ ތިއަރީގެ ގޮތުން ބަލާއިރު އިންސާނުންގެ ހަށިގަނޑުގައި މިހާރު އުޅޭ ވައިރަސް އެ މީހުންގެ ގައިން އެހެން ދިރޭ އެއްޗިއްސަށް ވާސިލުވުމަށް އަނެއްކާވެސް އިތުރަށް މިއުޓޭޓްވުމަކީ ވަރަށް ކައިރީގައި އޮތް ކަމެކެވެ. މިއީ ވައިރަސް މަރުނުވެ ދިރިހުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
ބްރޮންކްސް ޒޫގައި އޮތް މިނިކާވަގުގެ ހަށިގަނޑަށް ކޮރޯނާވައިރަސް އެރި ގޮތެއް ކަމަށް ލަފާ ކުރެވެނީ އެސޮރު ބެލެހެއްޓުމުގައި މަސައްކަތްކުރި މީހެއްގެ ފަރާތުންނެވެ. މިހާރު އެ ޒޫގައި ތިބި އެހެން ބައެއް ސިންގާ އާއި މިނިކާވަގުންގެ ފަރާތުން ވެސް މި ބަލީގެ އަލާމާތްތައް ކަމަށްވާ ނޭވާލުމުގެ ނިޒާމުގެ ބަލިތައް ފެންނަމުންދާ ކަމަށް ޒޫގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ. ނަމަވެސް އެހެން ޖަނަވާރުތައް ޓެސްޓް ނުކުރަނީ އެސޮރުމެން ޓެސްޓްކުރަން ހޭނައްތަން ޖެހޭތީ ހޭ ނެއްތުމުން ކުރިމަތިވެދާނެ އިތުރު ނުރައްކާތައް އޮތުމުގެ ސަބަބުންނެވެ.
އާއްމުކޮށް ގޭގައި މީހުން އޮޅުކޮށްގެން ގެންގުޅޭ ކުއްތާ، ބުޅާ ފަދަ ތަކެއްޗަށް ކޮރޯނާވައިރަސް ޖެހުމުގެ ނުރައްކާ އޮތީ ކިހާ ވަރަކަށް ހެއްޔެވެ؟ މީގެ ކުރިން ވެސް މަދުން ނަމަވެސް އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކަށް ކޮރޯނާވައިރަސް ޖެހިފައިވާ ކަމުގެ ހެކި ސައިންސްވެރިންނަށް ވަނީ ލިބިފަ އެވެ. އަދި ހުރިހާ ޖަނަވާރަކަށް ވެސް ބަލި އަރާފައިވަނީ އިންސާނުންގެ ފުށުންނެވެ.
އެގޮތުން ހޮންކޮންގްގައި ދެ ކުއްތާއެއް ކޮރޯނާވައިރަހަކަށް ޕޮޒިޓިވް ވެފައި ވެއެވެ. މި ސޮރުމެން ގެންގުޅުނު އިންސާނުންނަކީ ކޮވިޑް-19 ހުރި ނަމަވެސް ބަލީގެ އަލާމާތްތައް އެއްގޮތަކަށް ވެސް ނުފެނި ތިބި ބައެކެވެ.
ބެލްޖިއަމްގެ ގެއެއްގައި ގެންގުޅުނު ބުޅަލެއް ވެސް ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައި ވެއެވެ. ނަމަވެސް ކުއްތާތަކުގެ ކިބައިން ބަލީގެ އަލާމާތްތައް ނުފެނުނަސް ބުޅަލުގެ ކިބައިން އަލާމާތްތައް ފެނިފައި ވެއެވެ. އަދި ބައްޔަށް ޕޮޒިޓިވްވެ ފަހުން މި ސޮރު ވަނީ ފަސޭހަވެފަ އެވެ. އެހެންވީމާ ދެން އުފެދޭ ސުވާލަކީ ކުއްތާއަށް ވުރެ ވެސް ބުޅަލަށް ބަލި ޖެހުމުގެ ނުރައްކާ ބޮޑު ހެއްޔެވެ؟ ބަލިޖެހޭ ބުޅަލުގެ ގައިން އަލުން އިންސާނުންގެ ގަޔަށް ވައިރަސް އެރުމުގެ ފުރުސަތު އެބައޮތް ހެއްޔެވެ؟
ޗައިނާގެ ސައިންސްވެރިން ދާދިފަހުން ޝާއިއުކުރި ދިރާސާ ރިޕޯޓަކަށް އެ މީހުން ވަނީ ކޮރޯނާވައިރަސް ޖެހިފައިވާ ބުޅަލެއް ބަލި ނުޖެހޭ ބުޅާތަކެއް ކައިރީގައި ބާއްވައިގެން ތަހުލީލުތަކެއް ހަދާފަ އެވެ. މި ހޯދުމުން އެނގުނު ގޮތުގައި އެއް ބުޅަލުގެ ގައިން އަނެއް ބުޅަލުގެ ގަޔަށް މި ވައިރަސް އަރަ އެވެ. ނަމަވެސް ކުއްތާގެ ހަށިގަނޑުގައި ވައިރަސް އަށް އިތުރު ވެވެނީ ވަރަށް ކުޑަކޮށެވެ. އަދި ބުޅަލުގެ ގައިން އަނބުރާ އިންސާނުންގެ ގަޔަށް ވައިރަސް އެރިކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ލިބިފައެއް ނެތެވެ.
ކޮރޯނާވައިރަހާ ހަނގުރާމަ ކުރުމުގައި ޖަނަވާރުންގެ ހަށިގަނޑުގެ ގާބިލްކަން މާ އިތުރެވެ. އިންސާނާގެ ހަށިގަނޑުގައިވާ ސެލްތަކުގެ ބޭރުގައި ހުންނަ ޕްރޮޓީން އެއް މެދުވެރިކޮށް ހަށިގަނޑަށް ވަދެ ސާސް-ކޯވީ2 އިންފެކްޝަން ޖައްސަނީ ނޭވާލުމުގެ ނިޒާމަށެވެ. ބުޅަލަށް ވައިރަސް އެރި ގޮތާ ބެހޭ ގޮތުން ލައިވް ސައިންސް އަށް މައުލޫމާތު ދެމުން ބެލްޖިއަމްގެ ސަރުކާރުގެ ކޮރޯނާވައިރަސް ސްޕޯކްސްޕާސަން ވިދަޅުވީ އޭސް2 ނަމަކަށް ކިޔާ މި ޕްރޮޓީން އިންސާނުންގެޔާއި ޖަނަވާރުންގެ ހުންނަނީ އެއްގޮތަކަށެވެ. ނަމަވެސް ބުޅަލުގެ ކިބައިގައި މި ވައިރަހާ ހަނގުރާމަ ކުރުމުގެ ގާބިލްކަން އިތުރުކަމުން ކުޑަކޮށް ބޭރަށް ހިންގާ ގޮތް ވުން ފިޔަވައި މާ ބޮޑަށް ބަލީގެ ނިޝާންތައް ނުފެންނަނީ މި ސަބަބާ ހުރެ ކަމަށް ކޯންވޯލް ޔުނިވަސިޓީން ބުނެފައި ވެއެވެ.
އެހެންވީމާ އޮޅުކޮށްގެން ޖަނަވާރު ގެންގުޅޭ މީހުން އެ ސޮރުމެންނަށް ކޮރޯނާވައިރަސް އަރާފާނެތީ ބިރު ގަންނަން ޖެހޭނެ ހެއްޔެވެ؟
މިނިކާވަގު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވުމުން އެމެރިކާގެ ކަމާ ބެހޭ އިދާރާތަކުން ނެރެފައިވާ ބަޔާނެއްގައި ކޮވިޑް-19 ޖެހިފައިވާ މީހުން އަދި ބަލި ޖެހުމުގެ ފުރުސަތު އެއްވެސް ވަރަކަށް އޮތް މީހުން ޖަނަވާރުންނާ ގައިގޯޅިވެ އެ ސޮރުމެންގެ ގައިގައި އެއްގޮތަކަށް ވެސް އަތްލާ ނުހެދުމަށް އިލްތިމާސް ކޮށްފަ އެވެ. ނަމަވެސް ޖަނަވާރުންގެ ޓެސްޓްކުރަން އަދި ގަސްތު ނުކުރާ ކަމަށް އެމެރިކާއިން ބުނެފައި ވެއެވެ.
ބްރޮންކްސް ޒޫގައި އޮތް މިނިކާވަގު ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމުން އިންޑިޔާ ފަދަ ގައުމުތަކުން ވެސް އެ ގައުމުތަކުގައިވާ ޒޫތަކުގައި ތިބި ޖަނަވާރުތައް މޮނިޓާކުރަން އިތުރުކުރަން ވަނީ އަންގާފަ އެވެ. ޚާއްސަކޮށް ބުލަލާއި ރާމާމަކުނުގެ އާއިލާގެ ޖަނަވާރުތަކާއި ފެރެޓް ފަދަ ޖަނަވާރެވެ.
ރާމާމަކުނުގެ އާއިލާއަށް ނިސްބަތްވާ ހުރިހާ ވައްތަރެއްގެ ޖަނަވާރަކަށް ވެސް ބަލި ޖެހިދާނެކަމުގެ ކަންބޮޑުވުން އޮތްއިރު މި ފަދަ ކަމެއް ދިމާވެއްޖެނަމަ ވައިރަހުގެ ނުރައްކާ އިތުރަށް ބޮޑުވުމުގެ ފުރުސަތު ވެސް އެބައޮތެވެ. ނޭޗާ މެގަޒިން އިން ވަރަށް ފަހުން ޝާއިއުކުރި ރިޕޯޓެއްގައި ސައިންސްވެރިންގެ 25 އަށް ވުރެ ގިނަ މީހުން ވަނީ މިކަމާބެހޭ ގޮތުން ބަހުސްކުރުމަށް ވަރަށް އަވަހަށް ބައްދަލުވުންތަކެއް ބާއްވަން ޖެހޭ ކަމަށް އެއްބަސް ވެފަ އެވެ. އަދި ދުނިޔޭގެ ހުރިހާ ހިސާބުތަކެއްގައި އުޅޭ ރާމާމަކުނު އާއިލާގެ އެއްވެސް ޖަނަވާރަކާ އިންސާނުން ކައިރިވެ އުޅުން ވީހާވެސް މަދުކުރަން ސައިންސްވެރިން ވަނީ އިލްތިމާސް ކޮށްފަ އެވެ.