ވާހަކަ

ފިލާވަޅު (ތިންވަނަ)

(ތިންވަނަ ބައި)

އަހަންނަށް ދެ ކަކޫ މައްޗަށް ތިރިވެވުނެވެ. ރޮމުން ގިސްލަމުންނެވެ. ސުޒީ އަހަރެންގެ ކޮނޑުގައި ހިފައި ނެގިއެވެ. އަތުލަފި ކޮށްގެން ކަހަލަ ގޮތަކަށް އޭނާ އަހަރެން ގެންދިޔައެވެ. އެއީ އަހަރުމެންގެ ސައި ކޮޓަރިއެވެ. އަހަންނަށް ބަލައިލެވުނެވެ. ތަނުގެ ހާލަތަށެވެ. ލޮލުގައި އަޅައިގަތީ މުށިގަނޑު މަތީގައި ކުރުގެޅިގެން ގުރަކަށްވެ އޮތް ދެމީހުންނެވެ.

"ބަލައިބަލަ. މި ތިބީ ޑޮކުޓަރުން، ތިން ދުވަސްވީ ހުއްޓާ ނުލައި ފަރުވާ ދޭން އުޅޭތާ. އެ ތިބީ ނިންޖަށް ބަރު ޖެހިލީމަ އޮށޯވެލައިގެން. ބަލައިބަ." ސުޒީ އަހަންނަށް ދެއްކީ މޭޒެއްގައި ބޯ އަޅައިލައިގެން އޮތް ނަރުހެކެވެ.

އެއީ ޖާލެޓެވެ. އަހަރެން ދަންނަ ނަރުހެކެވެ. އޯގާތެރި ހިތްހެޔޮ ނަރުހެކެވެ. އެކުގައި މަސައްކަތްކުރި ނަރުހެކެވެ.

"މިދިޔަ ހަފުތާގައި ކައިވެނިކުރީ. ޗުއްޓީގައި ހުރެފަ އަމިއްލައަށް އެ ނިކުތީ. މި އިންސާނީ ހިދުމަތަކީ. އަހަރުމެންގެ ޒިންމާއަކީ ވަކި މީހަކަށް ނުބަލާ ހިދުމަތް ދިނުން. ދަނޑިވަޅުގެ ނާޒުކު ކަމާއި ހާލަތު ގޯސްކަމުން، އަމިއްލަ އުފާތައް ގުރުބާންކޮށް، އަނބި ދަރިން ދޫކޮށް ސިއްހީ ޚިދުމަތްތްތެރީން ނުކުމެ މިތިބީ އިންސާނީ ހިދުމަތުގައި." ސުޒީ އަހަންނަށް ވިސްނައިދިނެވެ.
"ބަލައިބަ،" ސުޒީ އިޝާރާތްކޮށްލީ މޭޒުގެ އަނެއް ކޮޅުގައި ބޯ އަޅައިގެން އޮތް އަރުބެއްލާ އަށެވެ. "މަންމަ މަރުވީ އިއްޔެ، ބައްޕަ ވެސް މަރުވެއްޖެ. އާއިލާގެ އެންމެން އެ ތިބީ ޕޮޒިޓިވްވެފަ. އެކަމަކު ހިތްވަރު އެލުވައެއް ނުލާ، މާޔޫސް ނުވޭ. ނިންޖަށް ބަރު ޖެހިލީމަ އެ އޮތީ ވިހި މިނެޓަށް އަރާމުކޮށްލަން އައިސް. މިއިން އެކަކު ވެސް ގެއަކަށް ނުދޭ."
"އަހަރެން އީއާރުގަ މަސައަކަތްކުރާތާ ބާރަ ގަޑިއިރު، ހުއްޓައި ނުލަން، މިނެޓަކަށް ހުއްޓިލާނެ ފުރުސަތު ވެސް ނުލިބޭ. އަހަރެން އެކަނި ވެސް ފަސް މީހުން އިންޓިއުބޭޓު ކުރިން، ހަތަރު މީހުން މަރުވި،" ސުޒީ އަސަރާއެކު ވާހަކަދެއްކިއެވެ. "އިސް ސަފުގައި މިތިބީ އަހަރުމެން، ވަރުބަލި ވެސް ވާނެ، ދެރަ ވެސް ވާނެ. އަހަރުމެންގެ އާއިލާ ވެސް އޮންނާނެ، އެމީހުންނަށް ވެސް ބަލި ޖެހޭނެ. އެކަމަކު އަހަރުމެން ދުވެ ފިލަން ވެއްޖެ ނަމަ މި އެންމެންނަށް ވާނީ ކިހިނެއް؟ އަހަރުމެންގެ ފަރުވާއިން ރަނގަޅުވާ މީހުން ވެސް މަދެއް ނޫން."

އަހަންނަށް ބަލައިލެވުނެވެ. ވަށައިގެންވި މާހައުލަށެވެ. ސުޒީގެ މޫނަށެވެ. ސުޒީގެ ދެ ލޮލުން އަހަންނަށް ފެންނަނީ ހިތްވަރެވެ. އުއްމީދެވެ. އަޒުމެވެ. ޖޯޝެވެ.
"އަހަރެން މަރުވެއްޖެ..." އަހަންނަށް ހުއްޓައިލެވުނެވެ.
"މުސްލިމަކަށްވީތީ، އިސްލާމަކަށް ވީތީ އަދާކުރަން ޖެހޭ ކަންކަން ވެސް ކުރާނެ، އެކަމަކު ހެދިފަ ހުރި އުސޫލުތަކާއި ގަވާއިދު ތަކުގެ ތެރެއިން،" އަހަރެންގެ ހިތުގައި އޮތް ކަންބޮޑުވުން ސުޒީ ދެނެގަތެވެ. "މުސްލިމު ޑޮކުޓަރުން މަދެއް ނޫން. މީހުން ވަޅުލުމުގެ ކަންކަން ވެސް ކުރިއަށްދާނެ، އެކަމަކު ޖަނާޒާ ބޭއްވުމާ މީހުންނަށް މޫނު ދެއްކުމުގެ ކަންކަން އަދި އޮތީ ކުރިއަށް ގެންދެވޭ ގޮތަކަށް ނޫން."

އަހަންނަށް ރޮވޭ ގޮތްވިއެވެ. މަރުވާ މީހުން ގިނަވުމާ ބަލި ފެތުރެމުންދާ ގޮތުންނާއި ބަލީގެ ނާޒުކު ކަމުގެ ސަބަބުން މަރުވާ މީހާއަށް އެންމެ ފަހު އިހުތިރާމު އަދާކުރުމުގެ ފުރުސަތު ވެސް ނުލިބެނީއެވެ. މީހަކު މަރުވެއްޖެކަން އާއިލާއަށް އަންގައިލަނީ އެވެ. ކަށުނަމާދު ކުރުމާއި ހިނެވުމާއި އެކަންކަން ވެސް ކުރަނީ ސަރުކާރުން އައްޔަންކޮށްފައިވާ މީހުންނެވެ. އެއިން ކަމެއްގައި ވެސް އާއިލާގެ މީހަކަށް ބައިވެރި ވެސް ނުވެވެއެވެ. މިއީ ކިހައި ހިތްދަތި ވާހަކަތަކެއް ހެއްޔެވެ؟ ކިހައި އަސަރުހުރި އިހުސާސެއް ހެއްޔެވެ؟ މި ވަގުތަށް މި ނޫން ގޮތެއް ވެސް ނެތެވެ.

"ބަލައިބަލަ. އެލުވާފައި އެ ހުރީ ނަރުހުންގެ އިސްތަށިގަނޑު، ހުރިހާ ނަރުހުން ހިދުމަތަށް ނުކުތުމުގެ ކުރީން، އިސްތަށިގަނޑު ބުރިކޮށްލީ. ލޯބިން ގެންގުޅުނު އިސްތަށިގަނޑު ގުރުބާން ކޮށްލަނީ އިންސާނިއްޔަތަށް ޓަކައި،" ސުޒީ އަހަރެންގެ ކޮނޑުގައި ހިފައިލިއެވެ. "އެކަން ކުރަނީ މަސައްކަތަށް އުނދަގޫވާނެ ކަންކަމުން ދުރުހެލިވާން. ނިވާވަން ޖެހޭލެއް ބޮޑުކަމުން ފަސޭހަ ކުރުމަށް."

ސުޒީގެ މޫނުން މާސްކު ނައްޓައިލިއެވެ. އަހަންނަށް ލިބުނީ ހައިރާން ކަމެކެވެ.

"ބަލައިބަލަ. މިހުރީ އަހަރެން މޫނު. މާސްކު އަޅައިގެން އުޅެއުޅެ މޫނު މިހުރީ ރަތްވެފަ. މާސްކު ޖެހޭ ތަންތަން މިހުރީ ކަނޑައި ވަދެފަ،" ސުޒީ އަނެއްކާ ވެސް މާސްކު ހެޔޮވަރުކޮށްލިއެވެ. "ތަދު ވެސްވޭ، ދިލަވެސް ނަގާ. އެކަމަކު މި ނޫން ގޮތެއް ނެތް."

އަހަންނަށް ބުރަކަށި ޖައްސާލެވުނީ ފާރުގައެވެ. އިންސާނިއްޔަށް ޓަކައި އަހަންނަށް އަދި މާ ބޮޑު ކަމެއް ނުކުރެވެއޭ ހިތަށް އެރިއެވެ. ފާރުގައި ލެނގިލެވުނެވެ. މަޑުމަޑުން ތިރިވެވުނެވެ. ސުޒީ ވެސް އަހަރެންގެ ގާތުގައި އިށީނދެލިއެވެ.

"މިއީ ވަރަށް އުނދަގޫ ހާލަތެއް. ވަރަށް، ވަރަށް އުނދަގޫ ހާލަތެއް. މިބަލި ނުޖެހޭ މީހުންނަށް މިކަން އިހުސާސެއް ނުވާނެ. އަހަރުމެން ނޫން މީހުންނަށް މީގައި މިހުރި ވޭނެއް ނޭނގޭނެ." ސުޒީގެ އަޑުގައި ވަނީ އޯގާތެރިކަމެވެ. "މި ދަނޑިވަޅު ދިމާވާ ހުރިހާ ކަމަކަށް ކެތްތެރިވެ އަމިއްލަ އެދުންތަކަށް ވުރެ އިސްކުރަންވީ އަނެއްކާ. އުޅެންވީ ފުރާނައެއް ސަލާމަތް ކުރެވޭތޯ. ކޮށްލެވޭ ކުޑަ ކަމަކުން ވެސް ފުރާނައެއް ސަލާމަތް ކުރެވިދާނެ."

ސުޒީގެ ވާހަކަތަކުން އަހަންނަށް ހިތްވަރު ލިބުނެވެ. އަޒުމު އާލާވިއެވެ. އަހަންނަށް ތެދުވެވުނެވެ. ސުޒީ ވެސް އަހަންނާ އެކު ތެދުވިއެވެ.

"ދަރިފުޅު ޕޮޒިޓިވް ވިޔަސް އަހަރެން އަޒުމު ކަނޑައެއް ނުލާނަން. އުއްމީދު އެލުވައެއް ނުލާނަން،" އަހަރެން ސުޒީގެ މޫނަށް ބަލައިލީމެވެ. "އިރާދަކުރެއްވިއްޔާ މި އަޒުމެއް ދެން ނުގުޑާނެ. ގައުމަށް ދެވުނަސް ސިއްހީ އެހީތެރިންނާއެކު ވާނަން."

ކަށިން ހިތްވަރު ނެރެ އަހަރެން ހިތްވަރު ކުރީމެވެ. ކުރިއަށް ވުރެ ހަރަކާތްތެރިކޮށް އުޅެން ފެށީމެވެ. އޭރު ހަވީރު ހައެއް ޖަހަނީއެވެ. ޝިޔާޒު ވެސް ހޮސްޕިޓަލަށް ގެނެސް އެނދުމަތި ކުރެވުނުވެ. ޝިޔާޒާ ހަމައަށް އަހަންނަށް ދެވުނީ އެރޭ އަށެއް ޖަހަނީއެވެ. އަހަރެން ފެންނަ އިރަށް ޝިޔާޒު ރޯން ފެށީއެވެ.

"މަންމާ! މަންމާ!" ޝިޔާޒު ގިސްލަމުން ގިސްލަމުން އަހަރެންގެ އަތުގައި ފިރުމައިލިއެވެ.

އަތަށް ދެތިން އަންގި ލައްވާފައި ހުރުމުން އޭނާގެ ފިރުމުންތަކުގެ އިހުސާސް ކުރެވުނީ ފަނޑުކޮށްނެވެ. އަހަރެން ހިތްވަރުކޮށްފައި ޝިޔާޒަށް ބަލައިލީމެވެ. އޭނާގެ ނޭފަތަށް ވަނީ ހޮޅި ގުޅާފައެވެ.

"މަންމާ! ކެއްސާލަން ވެސް ނުކެރޭ. ހިންދިރުވާލަން ވެސް ނުކެރޭ. ހީވަނީ މޭ ކުދިކުދިވެގެން އަންނަހެން. ހިންދިރުވައިލިޔަސް ހީވަނީ ގާ ތަކެއް އެތެރެއަށް ދާހެން. އެހައި ވެސް ތަދުވޭ. ނޭވާ ވެސް މި ނުކުންނަނީ ގަދަކަމުން." ޝިޔާޒު ލަސްލަހުން ބުނެލިއެވެ.

އަހަރެން ގަދަކަމުން ހިންދިރުވާލީމެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އޮބަހައްޓައިލީމެވެ. ނަމަވެސް، އަހަންނަށް ކާމިޔާބެއް ނުވިއެވެ. ހޯސް ލައިފައި ކަރުނަތައް އޮހިގަތީއެވެ. އަހަރެންގެ މޫނު އަނެއް ފަރާތަށް އަނބުރައިލީމެވެ. ރޮވޭ މަންޒަރު ޝިޔާޒަށް ފެނިދާނެތީއެވެ.

"ދަރިފުޅާ ހިތްވަރުކުރޭ. ދަރިފުޅު އަދި ރަނގަޅުވާނެ. މާޔޫސް ނުވާތި! ހެޔޮ އެއްޗެހި ކިޔުން މަތީ އޮވޭ." އަހަރެން ޝިޔާޒުގެ ބޮލުގައި ފިރުމައިލީމެވެ.
"މާމައާއި ކާފައަށް ގުޅައި ވެސް ނުލެވޭނެތަ؟ ބައްޕައަށް ވެސް ގުޅަންވާނެއްނު،" ޝިޔާޒު މާނޭވާލަމުން ބުނެލިއެވެ. "އަހަރެން ނުގުޅަމޭ. މިހާރު އެމީހުން ތިބޭނެ ޚަބަރެއް ނުވާތީ."

އަހަންނަށް މަންމަމެނަށް ނުގުޅޭތާ ދެ ދުވަސްވީކަން އިހުސާސް ކުރެވުނީ އެ ވަގުތުއެވެ. އަވަސްއަވަހަށް ފޯނަށް ބަލައިލީމެވެ.

ޝަޒީލު އެތައް ފަހަރަކު ގުޅައިފަ އޮތެވެ. އެވަރު ނުވެގެން އެތައް މެސެޖެއް ކޮށްފައި ހުއްޓެވެ. މެސެޖުތައް ކިޔާނެހާ ވަގުތެއް ނެތެވެ. އަހަރެން ޝަޒީލަށް ގުޅައިލީމެވެ.

"ބައްޕާ! ޝިޔާޒު ވެސް ބަލިވެގެން.." ޝިޔާޒު ނޭވާ ކުރުވިއެވެ.
"އޭނ!" ޝަޒީލަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. "ނުވާނެ. ދަރިފުޅު ބައްޔެއް ނުވާނެ. ބުނޭ ދޮގެކޭ. ބައްޕައަށް މަޖާކޮށްލީއޭ."

ޝަޒީލުގެ އަޑުގައި ހުރީ ހާސްކަމެވެ. ކަންބޮޑުވުމެވެ. އޭނާ އުއްމީދު ނުކޮށް ހުއްޓާ ލިބުނީ ކުއްލި ޚަބަރުން އޭނާ މާޔޫސްވަމުން ދިޔަކަން ފާހަގަވިއެވެ.

"ތެދެއް. މިއީ ހިތްވަރު ދޭންވީ ވަގުތު، މާބޮޑަށް ތެޅިގަނެ ބިރު ނުގަނެ މިކަމާ ކުރިމަތިލާންވީ ވަގުތު. މީ ދަރިފުޅަށް ޓަކައި ދުޢާ ކުރަންވީ ވަގުތު." އަހަރެން ޝަޒީލަށް ވިސްނައިދިނީމެވެ.
"އެކަމަކު ކިހިނެއް ޝިޔާޒަށް ޖެހެންވީ؟" ޝަޒީލު ކުރީ ބޮޑު ސުވާލެކެވެ.
"ނޭނގެ. މި މުޅި ތަނުގައި އޮތް ވައިރަހެއް. މިއޮތީ ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސް. އަލާމާތްތައް ނުފެންނަ މީހުން ވެސް މިހާރު އެދަނީ ޕޮޒިޓިވް ވަމުން." އަހަރެން ބުނެދިނީމެވެ.
"ނަސީބަކީ އަހަންނަށް ޝިޔާޒު ގާތުގައި ހުރެވޭކަން. އެހެން އެއްވެސް މީހަކަށް މި ފުރުސަތު ވެސް ނުލިބޭ."
"ޝިޔާޒު ރަނގަޅަށް ބަލާތި! އަހަރެން ގޮތެއް ހޯދޭތޯ އެބަ ބަލަން." ޝަޒީލު ހާސްވެ ކަންބޮޑުވަމުން ދިޔަކަން އަހަންނަށް ފާހަގަވިއެވެ.

ޝަޒީލު ފޯނު ބޭއްވުމުން އަހަރެން ބަލައިލީ ޝިޔާޒަށެވެ. އޭނާ މަޑުމަޑުން ހަމައަކަށް އެޅެމުންދާހެން ހީވިއެވެ. އަހަންނަށް ހިނިތުން ވެލެވުނެވެ. ޝިޔާޒު ވެސް ހިނިތުންވެލިއެވެ. ކުއްލިއަކަށް ޝިޔާޒު ކެއްސައިގަތެވެ. ބާރުބާރަށެވެ. އޭނާއަށް ނޭވާލާން އުނދަގޫވާން ފެށިއެވެ. މޭގައި އަތް އަޅައިގެން އޮވެ ނޭވާ ލެވޭތޯ އުޅުނެވެ. ކަކުލާ ހަމައަށް ބޯ ގުދުކޮށްލަމުން ތެޅެމުން ދިޔައެވެ. އޭނާއަށް ނޭވާ ލާން އުނދަގޫ ވެގެން ތެޅި ފޮޅެން ފެށީއެވެ. ކޮށިއަރާ ގޮތްވަމުން ދިޔައެވެ.

"މަންމާ! އަހަރެން.. އަހަރެން..." ޝިޔާޒު ބާރުބާރަށް ބުނެލިއެވެ.

އަހަންނަށް ހިފައިލެވުނީ ޝިޔާޒުގެ އަތުގައެވެ. އޭނާ ތެޅި ފޮޅެނީއެވެ. ނޭވާ ލުމަށް ދަތިވެގެންނެވެ. ކަރުގައި އަތް އަޅައިގެން އޮވެއެވެ. އަހަރެންގެ ލޮލުން ކަރުނަތައް އޮހިގަތެވެ. މޭ ކުދިކުދިވާހެން ހީވާން ފެށިއެވެ. އަރުބެދި މޭ ފިތެމުން ދިޔަހެން ހީވިއެވެ. ހިތް ތާށިވަމުން ދިޔައެވެ. ހުރި ހަމައެކަނި ދަރިފުޅަށް ވަމުންދާ ގޮތް ފެނި ލަގޮނޑި ފަޅައިގެންދާވަރު ވިއެވެ. ބައެއް ފަހަރު އަހަރެންގެ ނޭވާ ވެސް ތާށިވަމުންދާ ހެން ވެސް ހީވިއެވެ. ޝިޔާޒުގެ ކޮންމެ ހަރަކާތަކުން އަހަރެންގެ ހިތް އިރައިރައުގެންދާން ފެށިއެވެ. އަހަންނަށް ހީވީ ބޮލުގައި މީހަކު އެއްޗަކުން ތަޅާހެންނެވެ. މޫނުމަތިން ކުދި ރޮނގުތަކެއް ދުވާހެން ވެސް ހީވަމުން ދިޔައެވެ.

ކުއްލިއަކަށް ޝިޔާޒު ހިމޭން ވިއެވެ. އޭނާގެ ހަރަކާތްތައް ހުއްޓުނެވެ. އަހަންނަށް ބަލައިލެވުނީ މެޝިނަށެވެ. ހުރިހާ ރޮނގެއް ތެދަށް ކުރެހެން ފެށީއެވެ. އަހަންނަށް ތެޅިގަނެވުނީ އެވެ. ބާރުބާރަށް ހަޅޭއްލަވަން ފެށުނީއެވެ. ބޮލުގައި އަތްއަޅައިގެންނެވެ. އަމިއްލަ ގައިގައި ތަޅަމުން ދެފަރާތަށް ބޯ ހޫރެން ފެށުނީއެވެ. އޭރު މީހާ ހުރީ ވަރުބަލިވެގެން ހަލާކުވާ ވަރު ވެފައެވެ. މެޝިނުން އިވެމުން ދިޔަ ހިމުން އަޑުން އަހަރެންގެ ކަންފަތް ފަޅައިގެންދާން އުޅޭހެން ހީވިއެވެ.

"ޝިޔާޒް... ދަރިފުޅާ..." އަހަންނަށް ބާރުބާރަށް ހަޅޭއްލަވާ ގަނެވުނެވެ.

ކުއްލިއަކަށް ލޯ ހުޅުވާލެވުނެވެ. އޭރު މޭ ހީވަނީ ބޭރަށް ނުކުންނަށް އުޅޭހެންނެވެ. މޭ ނަގައި ޖެހެމުން ދިޔައެވެ. ތުންފަތް ހުރީ ހިކިފައެވެ. އަރުތެރެ ހުރީ ބެދިފައެވެ. ހިންދިރުވާލެވޭތޯ ބެލީމެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ހިންދިރުވާލެވުނެވެ. މޭގައި އަތް ޖައްސާލެވުނެވެ. ކަރުގައި އަމިއްލަ އަތުން ހިފައިލެވުނެވެ. ގަޑިއަށް ބަލައިލެވުނެވެ. އޭރު ގަޑިން މެންދަމުން އަލިވެ ތިނެއް ޖަހަނީއެވެ. އެނދުން ތެދުވެ ކަފޭރާމަތީގައި ހުރި ފެންފުޅިން ފެންތަށްޓެއް އަޅައިލީމެވެ. ފެނުނު ހުވަފެނާ މެދު ފުންކޮށް ވިސްނަން އިނދެއެވެ.

އަހަންނަށް މާބޮޑަށް ވިސްނެނީބާއޭ ހިތަށް އެރިއެވެ. މާބޮޑަށް ހާސްވެވެނީއޭ ހިތް ބުނެލިއެވެ. ހާލަތު އޮތް ގޮތުންނެވެ. ކަންކަން ވަމުންދާ ގޮތުންނެވެ. ކުރިމަތިން ފެންނަމުންދާ މަންޒަރު ތަކުންނެވެ. ނުވިސްނަން ހުއްޓަސް ވިސްނޭނީއެވެ. އާއިލާއާ ދުރުގައި ދެ މައިން އެކަނިމާ އެކަނި އުޅެން ޖެހުމުން، ޖެހިލުން ވެވެނީއެވެ. ބިރުގަނެވެނީ އެވެ. ނުވިތާކަށް އަހަންނަށް އުޅެން މި ޖެހުނީ އެކަމުގެ ތެރޭގަ އެވެ. އަތް އުނގެޅަން ޖެހެނީ ބަލި މީހުންގެ ގައިގަ އެވެ. އިވެނީ އެމީހުންގެ ރުއިމުގެ އަޑެވެ. ކަންފަތުގައި ހުރީ އެ ވޭނީ އާދޭސްތަކުގެ އަޑުތަކެވެ. ލޯ މަރައިލިޔަސް ފެންނަނީ މީހުން އުޅޭ ގޮތެވެ. ތެޅި ފޮޅޭ މަންޒަރުތަކެވެ.

ދެފަރާތަށް ބޯހޫރައިލެވުނެވެ. އެނދުގައި އޮށޯވެލީމެވެ. އެ ޚިޔާލުތައް ބޮލުން ނެރެލެވޭތީ ބެލީމެވެ. ނިދޭ ގޮތެއް ނުވިއެވެ. އިރުއިރު ކޮޅާ ހުވަފެން މަތިން ހަނދާން ވަނީއެވެ. ވިސްނާ ފިކުރު ކުރެވެނީ އެވެ. ޝިޔާޒަށް ގޮތެއް ވެދާނެތީ އެވެ. އެއީ ޝަޒީލުގެ އުއްމީދެވެ. އަހަރުމެން ދެމީހުންގެ ލޯބީގެ ނިޝާނެވެ. ހިތުގެ ފިނިކަމެވެ. ލޯ މަރައިގެން އޮއްވާ ފޯނަން މެސެޖެއް ލިބުނު އަޑު އިވުނެވެ. އަވަސް އަވަހަށް ފޯނުބަލައިލީމެވެ.

"މާދަމާ ދިހައެއް ޖަހާއިރު ފުރުމުގެ ކަންކަން ހަމަޖެހިއްޖެ. ވަރަށް މަޝްވަރާތަކަށް ފަހު ގޮތެއް ނިމުނީއެ، ދިވެހިން ގިނައިން އުޅެ ގައުމެއް ވީމަ، ސަރުކާރުން ޗާޓަރ ފުލައިޓެއް ބާއްވަނީ." އަހަންނަށް ކިޔައިލެވުނީ ޝަޒީލުގެ މެސެޖެވެ.

ދެވަނަ ފަހަރަށް ވެސް މެސެޖު ކިޔައިލެވުނެވެ. އެއާއެކު އުފަލުން ރޮވުނެވެ. ކަރުނަތައް ކޯތާފަތް މައްޗަށް އޮހިގަތެވެ. ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ހިތްހަމަ ޖެހިލެވުނެވެ. އޭރު ފަތިސް ނަމާދު ވަގުތު ޖެހުނުކަން ފޯނުން އަންގައިދިނެވެ. ފާޚާނާއަށް ވަދެ ވުޟޫކޮށްލައިގެން ނުކުމެ ފަތިސްނަމާދުކޮށް ދުޢާ ކުރީމެވެ. ސަލާމަތުން ޤައުމަށް ދެވޭތޯއެވެ. މައިންބަފައިން ފެންނަ ހިސާބަށް ދެވޭތޯ އެވެ. ނުރައްކާތެރި ކޮވިޑުން މިންޖުކޮށްދެއްވުން އެދި ރޮމުން ގިސްލަމުން ދެންނެވީމެވެ.

ނަމާދުކޮށް ނިންމުމުން، ކުޑަދޮރުން ބޭރު ބަލައިލީމެވެ. ފެނުނީ ހިމޭން މަގުތަކެވެ. ހުއްޓިފައިވާ ފަޒާއެވެ. އެއްވެސް އަޑެއް ބަޑެއް ނީވޭ މާހައުލެކެވެ. މުޅި ދުނިޔެ އޮތީ ހިމޭން ވެފައެވެ. ހީވަނީ ދުނިޔެއަށް އަރާމެއް ބޭނުން ވީހެންނެވެ. ބިރާއި މޮޅީގެ ސާލެއް ފަތުރާލައިގެން ދުނިޔެ ނިދާފައި އޮތް ކަހަލައެވެ. އެތައް ފިލާވަޅެއް ދަސްކޮށްދީފައެވެ. ފުންކޮށް ވިސްނައިލެވުނެވެ. މިއީ ތިބީންނަށް އިބުރަތަކަށް ވާނެ ކަމެކެވެ. މިކަމުގެ ފަހަތުގައި ވެސް ފިލާވަޅެއް އޮންނާނެއެވެ. ވިސްނައިލެވުނެވެ. މާޒީގައި ހިނގައިފައި ހުރި ކަންކަމަށެވެ. ދުނިޔެއިން ފެނުނު މަންޒަރަށެވެ. ނަމަވެސް، މިއީ އެވާހަކަ ދައްކަންވީ ވަގުތެއް ނޫނެވެ. މިއީ ލިބެމުންދާ ފިލާވަޅުތަކުން ކަންކަން ދަސްކޮށް އިސްލާހު ކުރަންވީ ވަގުތެވެ. (ނިމުނީ)