އޭޝިއާގެ ގައުމުތަކުގެ ތަކުގެ ފުޓްބޯޅަ މުބާރާތް، އޭއެފްސީ އޭޝިއަން ކަޕް 2027 ގެ މުބާރާތް ބާއްވަން އިންޑިއާއިން ބިޑް ކޮށްފި އެވެ.
އެ މުބާރާތް ބާއްވަން ބިޑް ހުށަހެޅުމުގެ އެންމެ ފަހު ދުވަހެއްގެ ގޮތުގައި ކުރިން އޮތީ، މިދިޔަ އަންގާރަ ދުވަހު އެވެ. ނަމަވެސް މުޅި ދުނިޔޭގައި ހަލުވި ކާމާއެކު ފެތުރެމުންދާ ކޮވިޑް-19 އިގެ ސަބަބުން، އޭއެފްސީން ވަނީ ބިޑް ހުށަހެޅުމުގެ މުއްދަތު ޖޫން 30 އަށް އިތުރު ކޮށްފަ އެވެ.
އިންޑިއާއިން ވަނީ 2017 ވަނަ އަހަރު 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ބާއްވާފަ އެވެ. އަދި މިއަހަރު 17 އަހަރުން ދަށުގެ އަންހެން ވޯލްޑް ކަޕްވެސް އިންޑިއާގައި ބާއްވަން ވެސް ހަމަޖައްސާފައި ވެއެވެ. އޭޝިއަން ކަޕް އަންހެން ފުޓްބޯޅަ މުބާރާތް 2022 ގައި އޮންނާނީ ވެސް އިންޑިއާގަ އެވެ.
އޭޝިއަން ކަޕްގެ ފުރުސަތު އިންޑިއާއަށް ލިބިއްޖެނަމަ އެ ވެގެންދާނީ ސީނިއާ ލެވަލްގެ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތެއް އިންޑިއާގައި ބާއްވާނެ ފުރަތަމަ ފަހަރަށެވެ.
އޭޝިއަން ކަޕް 2027 ގެ މުބާރާތް ބޭއްވުމަށް ދެން ޝައުގުވެރިކަން ފާޅު ކޮށްފައި ވަނީ ސައުދީ އަރަބިއްޔާއިންނެވެ. ކުރިން މެލޭޝިއާއިން ވެސް އެކަމަށް ޝައުގުވެރިކަން ފާޅު ކުރި އެވެ. އެހެން ނަމަވެސް މެލޭޝިއާގެ ފުޓްބޯލަ އެސޯސިއޭޝަނުން ބުނެފައި ވަނީ އެކަމަށް ކުރި އުންމީދު މިހާރު ފަނޑުވެފައިވާ ކަމަށެވެ.
އޭޝިއަން ކަޕްގެ 2007 ވަނަ އަހަރުގެ މުބާރާތް މެލޭޝިއާއިން ވަނީ، އިންޑޮނޭޝިއާ، ތައިލޭންޑް އަދި ވިއެތުނާމް ގުޅިގެން ބާއްވާފަ އެވެ.
އޭޝިއަން ކަޕްގެ 2023 ގެ މުބާރާތް ބާއްވާނީ، ޗައިނާގަ އެވެ.