ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޑަބްލިޔޫއެޗްއޯ

ޑަބްލިއުއެޗްއޯގެ އެހީތެރިކަމަށް ރައީސް، ޝުކުރު އަދާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް އާއި މިއަދު ފޯނުން ގުޅުއްވާ މަޝްވަރާކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ޑަބްލިއުއެޗްއޯގެ މަސައްކަތް ފާހަގަކުރައްވާ އެ ޖަމިއްޔާގެ މަސައްކަތްތަކަށް ތައުރީފު ކުރައްވާފައެވެ.

އަދި އެމަނިކުފާނު ވަނީ މި ހާލަތުން އަރައިގަތުމާއި މި ބަލިން މުޖުތަމައު ސަލާމަތްކުރުމަށް ކުރަމުންގެންދާ މަސައްކަތަށް ޑަބްލިއުއެޗްއޯއިން ވަސީލަތުގެ ގޮތުންނާއި އެނޫން ގޮތްގޮތުންވެސް ވެދެއްވާ އެހީތެރިކަންވެސް ފާޖަގަ ކުރައްވާފައެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތުގެވެސް ރައީސް ވަނީ ޑރ. ޓެޑްރޯސްއާ ހިއްސާކުރައްވާފައެވެ.

އެގޮތުން މިހާތަނަށް ރާއްޖޭގައި މިބައްޔަށް 19 މީހަކު ޕޮޒިޓިވްވެފައިވާއިރު މިބަލި މުޖުތަމައުގެ ތެރޭގައި ފެތުރިގެން ނުދާކަން ފާހަގަކުރެއްވިއެވެ. އަދި އެކަން އެހެން މެދުވެރިވީ ސަރުކާރުން މިކަމަށް ދުރާލާ ފިޔަވަޅުތައް އަޅުއްވަމުން ގެންދެވީތީކަން ފާހަގަކުރެއްވިއެވެ. އެގޮތުން މާޗް 12 ގައި މުޅި ރާއްޖެއަށް ސްޓޭޓް އޮފް ޕަބްލިކް ހެލްތް އިމަޖެންސީ އިއުލާންކޮށް، އާންމުން އެއްވެ އުޅުން ހުއްޓުވުމަށް ފިޔަވަޅުތަކެއް އެޅުއްވުމާއި، މި ބަލި އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ ގައުމުތަކުން ފްލައިޓް ރާއްޖެއައުން ވަގުތީ ގޮތުން ހުއްޓާލުމާއި، ރިސޯޓުތަކުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކަށް ދަތުރުކުރުން މަނާކުރުމާއި އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލުމާއި، އަދި ރާއްޖޭން ބޭރުން ރާއްޖެއަށް އަންނަ ކޮންމެ ދިވެއްސެއްވެސް ދެ ހަފްތާގެ މުއްދަތުގެ ކަރަންޓީނު ފުރިހަމަކުރުން މަޖުބޫރުކުރުންފަދަ ސަރުކާރުން މި ބައްޔާ ދެކޮޅަށް އެޅުއްވި މުހިންމު ފިޔަވަޅުތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވެވިއެވެ.

އަދި މިހާތަނަށް މުޖްތަމައުގައި ކޯވިޑް-19 ނުފެތުރޭ ކަމުގައިވިއަސް މި އެފަދަ ހާލަތެއް މެދުވެރިވެދާނެކަމަށް ބަލައި ދުރާލައި ރައްކާތެރިވުމުގެ ގޮތުން ޖަނަވަރީ މަހުން ފެށިގެން ތައްޔާރީތައް ވަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން ކުއްލި ހާލަތެއް ކުރިމަތިވެއްޖެ ހިނދެއްގައި ފަރުވާދެވޭ އިންތިޒާމްތައް ހަމަޖައްސައި، މި ބައްޔަށް ޓެސްޓުކުރެވޭނެ އިންތިޒާމުތައް ރާއްޖޭގައި ހަމަޖެއްސެވިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ހަމަ އެއާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މި ބަލިމަޑުކަމުގައި ބައެއް ގައުމުތަކަށް ކޮންމެހެން ބޭނުންވާ ވަސީލަތްތައް ހޯދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭތީ އެކަންކަން ފަހިކޮށްދެއްވުމަށް ޑަބްލިއުއެޗްއޯ މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ދާދިފަހުން ކޯވިޑް-19 އަށް ޓެސްޓުކުރެވޭނެ އިތުރު ކިޓުތަކެއް ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ހަވާލުކޮށް ދެއްވާފައިވާތީ އެކަމަށްވެސް ޝުކުރު އަދާކުރައްވާފައެވެ.