ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ބީސީޖީ ވެކްސިން އަށް ކޮރޯނާވައިރަސް ހުއްޓުވިދާނެތަ؟

ޓީބީ އިން ދިފާއުވުމަށް މީގެ 100 އަށް ވުރެ ގިނަ އަހަރު ކުރިން އުފައްދާފައިވާ ބީސީޖީ ވެކްސިން އަކީ ރައްކާތެރި އެހާމެ އަގުހެޔޮ ވެކްސިން އެކެވެ. އަދި މި ވެކްސިން ދިނުމުން ހަށީގަނޑުގެ ދިފާއީ ބާރު ގަދަވާ ކަމަށް ވެއެވެ. ނަމަވެސް ޔޫރަޕްގެ ގައުމުތަކުގައި މި ވެކްސިން ބޭނުން ނުކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ.

ނިއުޔޯކް ޓައިމްސްގައިވާ ރިޕޯޓެއް ބުނާ ގޮތުގައި މިހާރު ގިނަ ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި ކޮރޯނާވައިރަހާ ހަނގުރާމަ ކުރުމުގައި މި ވެކްސިންގެ ބޭނުން ހިފިދާނެ އެވެ. ޚާއްސަކޮށް މި ވައިރަހާ ކުރާ ހަނގުރާމައިގެ އެންމެ ކުރީ ސަފުގައި ތިބޭ ސިއްހީ ޚިދުމަތްތެރިންނަށް ރައްކާތެރިކަން ހޯދައިދިނުމަށް މި ވެކްސިން އަށް ކުޅެވިދާނެ ރޯލެއް ބެލުމުގެ މަސައްކަތް މިހާރު ސައިންސްވެރިން ކުރަމުން އެބަ ދެއެވެ.

ބީސީޖީ ވެކްސިން އަކީ މިހާރުވެސް ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި ވަރަށް ފުޅާ ދާއިރާއެއްގައި ބޭނުންކުރަމުންދާ އެއްޗެކެވެ. މިހާރު ސައިންސްވެރިން ގަބޫލުކުރަނީ ވެކްސިން ޖެހުމުން ދިފާއު ވެވެނީ ހަމައެކަނި ޓީބީ އިން ނޫން ކަމަށާއި އެއަށް ވުރެ ބޮޑު ދައުރެއް މި ވެކްސިނުން ކުޅޭ ކަމަށެވެ.

އަލަށް އުފަންވާ ތުއްތު ކުދިންނަށް ދިމާވާ ތަފާތު މައްސަލަތަކުގައި މަރުވުމުން ސަލާމަތްވުމުގައި ވެސް މި ވެކްސިންގެ ފައިދާ ބޮޑެވެ. އަދި ނޭވާލުމުގެ ނިޒާމުގެ ތަފާތު މައްސަލަތަކުގެ ބާރު ކުޑަކޮށްދިނުމުގައި މި ވެކްސިންގެ ފައިދާ ބޮޑެވެ.
ހަށިގަނޑަށް ވަންނަ ތަފާތު ބެކްޓީރިއާ، ވައިރަސް އަދި ޕެރަސައިޓް ފަދަ އެއްޗެތި ދިފާއީ ނިޒާމަށް ދެނެގަނެވި އެއަށް ސަމާލުވެ ރެސްޕޮންޑްކުރަން ދިފާއީ ނިޒާމު "ތަމްރީނު"ކުރުމުގެ މަސައްކަތް ބީސީޖީ ވެކްސިނުން ކުރާ ކަމަށް ތަޖުރިބާކާރުން މިހާޜު ގަބޫލު ކުރެ އެވެ.

ނަމަވެސް ކޮރޯނާވައިރަސް އާ ހަނގުރާމަކުރުމަށް މިއީ އެންމެ ރަނގަޅު ވެކްސިން ކަމަށް ބެލެވޭ ހެކި އަދި ލިބިފައިވަނީ ވަރަށް މަދުންނެވެ. ނަމަވެސް ކްލިނިކަލް ޓްރައަލްސްތަކެއް ހަދައިގެން އެތައް މަސް ފަހުން މި ސުވާލުތަކުގެ ޖަވާބު ލިބޭ ވަރު ވާނެ އެވެ.

އޮސްޓްރޭލިޔާގެ މެލްބަންގެ ސައިންސްވެރިން މިދިޔަ ހޯމަ ދުވަހު ވަނީ އެތައް ހާސް ފިޒީޝަނުންނަކާއި ނަރުހުންނަކަށް އަދި ރެސްޕިރޭޓަރީ ތެރަޕިސްޓުންނަކަށް ބީސީޖީ ވެކްސިން ނުވަތަ ޕްލެސީބޯ ދޭން ފަށާފަ އެވެ. ޕްލެސީބޯ އަކީ އަސްލު ވެކްސިނެއް ނޫނެވެ. ނަމަވެސް މި ދޭ މީހުންނަކަށް އެ މީހުންނަށް ދިނީ އަސްލު ވެކްސިން ނޫންކަމެއް ނޭނގޭނެ އެވެ. މިއީ ބޭހުގެ އަސަރުކުރާ ގޮތް ބެލުމަށް ހަދާ ޓްރައަލްތަކުގައި އާއްމުކޮށް ކަންކުރާ ގޮތެވެ.

މި ޓްރަޔަލްތަކުގައި ބަލަނީ ބީސީޖީ ވެކްސިނުން ކޮރޯނާވައިރަހަށް ކުރަނީ ކިހާ ވަރެއްގެ އަސަރެއްތޯ އެވެ.

"އެއްވެސް މީހަކު ނުބުނޭ މިއީ ކޮރޯނާވައިރަސްގެ ރިމެޑީ އެކޭ، ނޫނީ އެ ބަލީގެ ހައްލެކޭ މިއީ. އަހަރެމެން މިއުޅެނީ ސިއްހީ ޚިދުމަތުގައި ތިބި މީހުންނަށް ބަލި ޖެހުމުން އެމީހުން އަވަހަށް ބަލިން ފަސޭހަ ވާނެ ގޮތެއް ވޭތޯ ބަލަން. އެ މީހުންގެ ބަލި ފަސޭހަވެގެން އަލުން އެނބުރި އަވަހަށް އާދެވިގެންތާ ބަލި މީހުންނަށް އެކަށީގެންވާ ގޮތެއްގައި ފަރުވާ ދެވޭނީ،" މެލްބަން ޔުނިވަސިޓީގެ އިންފެކްޝަސް ޑިޒީޒް ރިސާޗާ ބުންޏެވެ.

ސިއްހީ ޚިދުމަތްދޭ 1،000 މީހުންނަށް ވެކްސިން ދީގެން ހަދާ ކްލިނިކަލް ޓްރައަލް އެއްގެ މަސައްކަތް މީގެ 10 ވަރަކަށް ދުވަސް ކުރިން ނެދަލެންޑްސްގައި ވެސް ފަށާފައިވާއިރު މިހާތަނަށް 800 އަށް ވުރެ ގިނަ ހެލްތު ކެއާ މަސައްކަތްތެރިން ވަނީ މި ޓްރައަލްގައި ބައިވެރިވެފަ އެވެ. އޮސްޓްރޭލިޔާގައި ގޮތަށް ނެދަލެންޑްގައި ވެސް ވެކްސިން ދޭ މީހުންގެ ދެ ބައިކުޅަ އެއްބައި މީހުންނަށް ދޭނީ ޕްލެސީބޯ އެވެ.

މި ޓްރައަލްގެ ނަތީޖާއެއް ލިބެން މަދުވެގެން ހަތަރު މަސް ނަގާނެ ކަމަށް ސައިންސްވެރިން ބުނެ އެވެ.
"މި ވެކްސިން ދީފައިވާ އިންސާނުންގެ ކްލިނިކަލް ޓްރައަލްސްތަކުގެ ވަރަށް ގިނަ މައުލޫމާތު އަހަރެމެންނަށް މިހާތަނަށް ލިބިފައިވޭ. އެ މައުލޫމާތުން ހާމަވާ ގޮތުގައި ވައިރަލް އަދި ޕެރަސައިޓިކް އިންފެކްޝަންތަކުން މި ވެކްސިން ޖެހުމުން ދިފާއު ކޮށްދޭ،" ޓްރައަލްގައި މަސައްކަތްކުރައްވާ ސައިންސްވެރިއަކު ވިދާޅުވި އެވެ.

ބީސީޖީ ވެކްސިންގެ ތާރީޚު ވަރަށް އާދަޔާޚިލާފެވެ. މި ވެކްސިންގެ ޚިޔާލު އުފެދުނީ 1800 އަހަރު ތަކުގެ ތެރޭގައި މިލްކްމެއިޑްގެ ގޮތުގައި މަސައްކަތްކުރި މީހުންނަށް އެއްގޮތަކަށް ވެސް ޓީބީ ނުޖެހޭކަން ސާބިތުވުމުންނެވެ. މި ވެކްސިންއަށް ނަން ދީފައިވަނީ ވެކްސިން އިންވެންޓްކުރި ޑރ. އަލްބާޓް ކަލްމޭޓް އަދި ޑރ. ކެމީލޭ ގުއަރިންގެ ނަމުންނެވެ. ވެކްސިން 1900 ގެ އަހަރު ތަކުގައި އުފެއްދީ މައިކޯބެކްޓްރީއަމް ބޮވިސް އިންނެވެ. މިއީ ގެރި، ބަކަރި ފަދަ ޖަނަވާރުގެ ޓީބީ އިންފެކްޝަނުން ނަގާ އެއްޗެކެވެ.

ގެރީގެ ގްލޭންޑަކުން ނަގާ މި ބެކްޓީރިއަލް ސްކްރެޕިންގްސް ސައިންސްވެރިން ކަލްޗާ ކުރެ އެވެ. ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ވަންދެން ކަލްޗާކުރުމަށްފަހު ލެބޯޓްރީގައި ތިބޭ ޖަނަވާރުތަކަށް ދީ ޓެސްޓްކޮށް މީގެން ގެއްލުމެއް ނުލިބޭ ވަރަށް ބާރު ދެރަކޮށްގެން ވެކްސިން އުފައްދަ އެވެ.

މި ވެކްސިން އިންސާނުންނަށް ދޭން ފެށީ 1921 އެވެ. އަދި ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ވެސް ފުޅާ ދާއިރާއެއްގައި ވެކްސިން ބޭނުން ކުރި އެވެ. ފަހުން ވެކްސިން އާއްމުކޮށް ބޭނުން ކުރަމުން ދިޔައީ ތަރައްގީ ވަމުން އަންނަ ގައުމުތަކުގަ އެވެ. ސަބަބަކީ ޓީވީ ޖެހޭ މީހުން ފެންނަނީ އެ ގައުމުތަކުން ކަމަށް ވާތީ އެވެ. ކޮންމެ އަހަރަކު 100 މިލިއަން ތުއްތުކުދިންނަށް މި ވެކްސިން ދެއެވެ.